ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި އިންނަވަންވީ އެމަނިކުފާނު ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެ
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖޭއެސްސީ އެކުލަވާލާފައި އޮންނަންވީ ގޮތާ ގުޅޭގޮތުން އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ޖޭއެސްސީ އަށް ބަދަލު ގެނައުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ވެސް އޮތް ކަމަކަށްވީ ނަމަވެސް ބަދަލު ގެންނަންވީ ގޮތް ބުނެފައި ނެތް ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ޖޭއެސްސީ އަށް ބަދަލު ގެންނައިރު ސުވާލު އުފެދެނީ އެ ކޮމިޝަންގައި މެންބަރުންގެ ގޮތުގައި ތިބެންވީ ބޭފުޅުންނާ މެދުގައި ކަމަށެވެ.
ޖޭއެސްސީގައި މެންބަރުން ހިމެނޭ ގޮތް
- ރައްޔިތުންގެ މަޖިލީހުގެ ރައީސް
- ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ އުއްތަމަ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކު
- ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބު ކުރާ ފަނޑިޔާރަކު
- ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓު ތަކުން އިންތިހާބު ކުރާ ފަނޑިޔާރަކު
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެންބަރަކު
- އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މީހަކު
- ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މީހަކު
- ބަންޑާރަނައިބު
- ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އެބައިމީހުން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު
ރައީސް ނަޝީދު ވިދާޅުވީ މިހާރު އޮތް ގޮތަށް ޖޭއެސްސީ އެކުވާލީ ކެނަޑާގެ ޕްރޮފެސަރެއްގެ އެހީތެރިކަމާ އެކު ކޮމަންވެލްތުގެ ލަފަޔާއެކުގައި ކަމަށެވެ.
"އެއީ ކޮމަންވެލްތުގެ ވަރަށް ގިނަ ގައުމުތަކުގެ ޖުޑިޝަރީއަށް ބެލުމަށްފަހު އަޅުގަނޑުމެންނަށް ފެނުނު ތަނުގައި ޖޭއެސްސީ އަށް އިސްލާހުތަކެއް ބޭނުންވޭ. މިދިޔަ އިންތިހާބަށް ދިޔައިރު އެމްޑީޕީ ދިޔައީ އެ ވާހަކަ ދައްކަމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީގެ ވާހަކަދައްކާއިރު ބައެއް ބޭފުޅުންނަށް މައްސަލަ އަކަށް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ޖޭއެސްސީގައި އިންނަވާތީ ކަމަށެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ސިޔާސީ ބޭފުޅެއް ނޫން ކަމަށް ވިދާޅުވި އެވެ
"ރާއްޖޭގައި މި އޮތް ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ސިޔާސީ ބޭފުޅެއްގެ ގޮތުގައެއް ފާހަގައެއް ކޮށްގެން ނުވާނެ. ދެން އެހެންނަމަވެސް ސިޔާސީ ހަގީގަތް ތިބޭފުޅާ އަށް ހަމަ ތިޔަ ފެނިވަޑައިގަންނަވަނީ. އަޅުގަނޑު މިހުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި. ދެން އަޅުގަނޑަށް ނޯންނާނެ ދެންނެވޭނެކަށް އަޅުގަނޑަކީ ސިޔާސީ މީހެއް ނޫނޭ. މި ގާނޫނު އަސާސީގައި ހުރި ބައެއް އިމްބެލެންސްގެ ވާހަކަ އަޅުގަނޑު މި ދައްކަނީ. އަޅުގަނޑު އިންނަން ވީކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަކު ނޫން ކަން އަޅުގަނޑަށް ވެސް އެބަ އެނގޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތަށް އެކަނި ބަދަލު ގެނެސްގެން ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކަށް ހައްލެއް އަދި ފަރުވާއެއް ނުލިބޭނެ ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. ގާނޫނުއަސާސީ އަށް އަމަލުކުރާތާ 13 އަހަރު ވެފައިވާތީ މިއީ ގާނޫނުއަސާސީ އިސްލާހުކުރުމަށް ރައްޔިތުން ވިސްނަންވީ ވަގުތު ކަމުގައިވެސް ވިދާޅުވި އެވެ. އަދި އެކަން ކުރެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.
ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ސަރުކާރުން ވެސް ގެންދަނީ ބުނަމުންނެވެ. ނަމަވެސް އެކަން ކުރަން އުޅޭ މަންޒަރެއް ނުފެނެ އެވެ.