ވިޔަފާރި

50 މިލިއަން ރުފިޔާގެ ލޯނު ރަހުނު ފްރީ: ގެސްޓް ހައުސް ހެދޭ!

  • ވިޔަފާރިތަކަށް 1.5 މިލިއަން ރުފިޔާ
  • އިންޓްރެސްޓް ރޭޓަކީ ނުވަ ޕަސެންޓް
  • ފަރުދަކަށް އެންމެ ގިނައިން ދެނީ ފަސް ލައްކަ ރުފިޔާ

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކުރާ 50 މިލިއަން ރުފިޔާގެ ލޯނު ސްކީމަށް ރަހުނު ބަހައްޓަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

ދަރުބާރުގޭގައި ނިމިދިޔަ ހަފުތާގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އަބްދުﷲ ޔާމީން ލޯންޗް ކޮށްދެއްވި ކުދި އަދި މެދުފަންތީގެ ލޯނު ސްކީމަށް ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ބުނީ 50 މިލިއަން ރުފިޔާގެ މި ލޯނު ސްކީމުން ލޯނު ދޫކުރަނީ 100 ޕަސެންޓް ދިވެހި ވިޔަފާރިތަކަށް ކަމަށެވެ. މި ލޯނު ދޫކުރަނީ އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނާއި އަދި އެ ފަރާތްތަކުގެ މެޖޯރިޓީ ހިއްސާ އޮންނަ ވިޔަފާރިތަކަށް ކަމަށެވެ. އަދި މީގެ އިތުރުން އިމްޕޯޓް ސަބްސްޓިޓިއުޓް ކުރާ ނުވަތަ އެކްސްޕޯޓްކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން ތިމާވެއްޓާ ރަހުމަތްތެރި އުފެއްދުންތަކާއި ޕްރޮސެސްތަކަށް އިންވެސްޓްކުރާ ފަރާތްތަކަށެވެ. މި ލޯނު ދޫކުމުގައި މާލެ އާއި ހުޅުމާލެ ފިޔަވައި އެހެން ރަށްރަށުގައި ވިޔަފާރި ކުރާ ފަރާތްތަކަށް އިސްކަންދެ އެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިއާ ބެހޭ ގާނޫނުން ލާޒިމްކުރާ މި ލޯނު ވަކި ފަރުދަކަށް އެންމެ ގިނައިން ދޫކުރަނީ ފަސް ލައްކަ ރުފިޔާ އެވެ. އަދި ކުންފުނިތަކާއި ޕާޓްނާޝިޕް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ލޯނު ދޫކުރާ އެންމެ މަތީ އަދަދަކީ 1.5 މިލިއަން ރުފިޔާ އެވެ. އަދި މި ލޯނަށް ރަހުނު ބަހައްޓާކަށް ނުޖެހެ އެވެ.

ލޯނު ދޫކުރާ ދާއިރާތައް:

  • ޓޫރިޒަމް ދާއިރާ: ގެސްޓް ހައުސް ތަރައްގީ ކުރުން ނުވަތަ ފުޅާކުރުން
  • ޓޫރިޒަމް ދާއިރާގައި ހަނދާނީ ހަދިޔާ އުފެއްދުމާއި އެ ފަދަ ވިޔަފާރިތަކަށް
  • ޓޫރިޒަމް ދާއިރާއާ ގުޅުންހުރި ވިޔަފާރި ފުޅާކުރުން އޭގެތެރޭގައި ފޮޓޯގްރަފީ އާއި ޕާފޯމިން އާޓްސް ޑައިިވިން ސެންޓަރު ހިންގުން ސްކޫލް އަދި ވޯޓާ ސްޕޯޓްސް މަސައްކަތް ފުޅާކުރުން

ދަތުުރު ފަތުރުގެ ދާއިރާ:

  • ސައިކަލާއި ކާރު ފިޔަވައި އެއްގަމު އުޅަނދު ގަތުން
  • ކަނޑު އުޅަނދު ގަތުން ނުވަތަ މަރާމާތު ކުރުން

އިމާރާތް ކުުރުމުގެ ދާއިރާ:

ކޮންސްޓްރަކްޝަން މަސައްކަތް
ކޮންސްޓްރަކްޝަން މަސައްކަތް މެޓީރިއަލް ނުވަތަ އިކްއިޕްމަންޓް ގަތުން
އިމާރާތް ކުރުމުގެ ދާއިރާގައި ސަބް ކޮންޓްރަކްޓަރުންގެ ގޮތުގައި ހަރަކާތެރިވާ ވިޔަފާރިތައް: ކަރަންޓް، އެއާކޮންޑިޝަން، ފެންވައިރު ކުރުން އަދި ގައު ނުވަތަ ދޮރު ފަދަ މެޓީރިއަލްތައް އުފައްދާ ފަރާތްތައް

ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ

މަސްވެރިކަމާއި ދަނޑުވެރިކަމުން އުފައްދާ ތަކެތި ޕްރޮސެސްކުރުން، ވެލިއު އިތުރުކުރުމަށްޓަކައި ބޭނުންވާ މެޓީރިއަލް މެޝިނަރީ އަދި އިކްއިޕްމަންޓް ހޯދުން

ކޯޕަރޭޓިވް ސޮސައިޓީތައް

  • ކޯޕަރޭޓިވް ސޮސައިޓީގެ ވިޔަފާރި ފެށުމާއި ކުރަމުންދާ ވިޔަފާރި ތަރައްގީކޮށް ފުޅާކުރުން

ހިދުމަތް ހޯދުމުގެ ދާއިރާ (ސާވިސް ސެކްޓާ)

އެހެން ވިޔަފާރިތަކަށް ނުވަތަ ރައްޔިތުންނަށް ތަފާތު ހިދުމަތްތައް ފޯރުކޮށްދޭ ވިޔަފާރިތައް، ފައިނޭންސް ސާވިސަސް، ޕްރޮފެޝަނަލް ސާވިސަސް، ޑިޒައިން ނުވަތަ ކްރިއޭޓިވް ސާވިސަސް، އިވެންޓް މެނޭޖުމަންޓް، ކްލިނިކް، ތައުލީމާއިތަމްރީން ދިނުން، ހޮސްޓެލް ނުވަތަ ކުޑަކުދިން ބަލާ ތަންތަން (ޑޭކެއާ ސެންޓަރުތައް) ހެދުން

ވޭސްޓް މެނޭޖުމަންޓުގެ ދާއިރާ:

  • ކުނި މެނޭޖުކުރުން، ނައްތާލުމާއި ރީސައިކަލްކޮށް އަލުންތަކެތި އުފައްދާ ވިޔަފާރިތައް

އޯޕަން ކެޓަގަރީ:

މި ކެޓަގަރީތައް ނޫން އިތުރު ވިޔަފާރިތައް

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ލޯނު މެނޭޖުކޮށް ބަލަހައްޓާނީ ބޭންކް އޮފް މޯލްޑިވްސް އިން ކަމަށެވެ. އަދި މި ލޯނުގެ އިންޓްރެސްޓް ރޭޓަކީ ނުވަ ޕަސެންޓެވެ. މި ލޯނުގެ މައުލޫމާތު ރާއްޖޭގެ ހަ ސަރަހައްދުގައި ހަދާފައިވާ ބިޒްނަސް ސެންޓަރުތަންނާއި އެ މިނިސްޓްރީގެ ވެބްސައިޓް އަދި އިކޮނޮމިކް މިނިސްޓްރީން ލިބޭނެ ކަމަށެވެ.މި ލޯނަށް ފޯމު ބަލައި ގަންނަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 17-21 ވަނަ ދުވަހުގެ ނިޔަލަށެވެ.