ރައީސް މުހައްމަދު ނަޝީދު

ރައީސް ސޯލިހާ އެކު އަލުން ސިޔާސީ މަސައްކަތް ކުރައްވަން ނަޝީދު ނިންމަވައިފި

Oct 13, 2021
2

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ އެކު ސިޔާސީ ގޮތުން ހަރަކާތްތެރި ނުވެވޭނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ބަދަލުކުރައްވާ، ރައީސް ސޯލިހާ އެކު ސިޔާސީ މަސައްކަތް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ރައީސް ސޯލިހާ އެކު ސިޔާސީ ގޮތުން ހަރަކާތްތެރި ނުވެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕަށް މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހު ފޮނުއްވެވި މެސެޖްތަކެއްގައެވެ.

އަޅުގަނޑުމެންގެ [ރައީސް ނަޝީދާއި ރައީސް ސޯލިހް] ޒާތީ ކަންކަމުގައި އަބަދުވެސް އުޅުއްވާނީ އެކީގައި. އަޅުގަނޑުގެ ދަރިންގެ 'އިބޫ ދޮންބެ' އެއީ. އެކަމު ދެން ރައީސުލްޖުމްހޫރިއްޔާ އާއި އެކީ ސިޔާސީ ގޮތުން ހަރަކާތްތެރިނުވެވޭނެ،" ނަޝީދު އޭރު ވިދާޅުވެފައިވެ އެވެ.

ރައީސް ނަޝީދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހާ އެކު އަލުން ސިޔާސީ ގޮތުން ހަރަކާތްތެރިވާން ނިންމެވީތޯ އަވަސް އިން ދެންނެވި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށް ޔަގީންކޮށްދެއްވާފަ އެވެ. ރައީސް ނަޝީދުގެ ފުރިހަމަ ތާއީދާ އެކު މިވަގުތު ކުރިއަށް ގެންދާ ބަރުލަމާނީ ޕެޓިޝަންގެ ހަރަކާތަކީ ސިޔާސީ ހަރަކާތެއް ކަމަށްވާއިރު އެކަމުގައި ވެސް ރައީސް ސޯލިހާ ވާހަކަ ދައްކަވާ ކަމަށް ވިދާޅުވި އެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމުގައި އެމަނިކުފާނު ދެން އަމަލުކުރައްވާނެ ގޮތަކާ މެދު ވާހަކަދައްކަވާނީ ވެސް ރައީސް ސޯލިހާ އެކަމުގައި މަޝްވަރާކުރެއްވުމަށް ފަހު ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑަށް ދެންނެވޭނީ އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއާއި ވާހަކަ ނުދައްކާނޭ ކަމަށް ދެކިގެނެއް ނުހުންނަން. އަދި ހުންނަން އެއީ ދަތިވެސް ކަމެއް. ރައީސުލްޖުމްހޫރިއްޔާއާއި ވާހަކަ ނުދެއްކި ނަމަވެސް، އިބުރާހިމް މުހައްމަދު ސާލިހާ ވާހަކަ ނުދައްކާ އެއީ އަޅުގަޑު ދުވަހަކުވެސް ހިތުއަޅައިގެން ހުރި ކަމެއް ނޫން. އަދި ރައީސުލްޖުމްހޫރިއްޔާއާއި ވާހަކަ ނުދައްކާ ހުރުމަށްވެސް ހިތުއަޅައިގެން ނުހުންނަން.
މުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް

ރައީސް ސޯލިހާ އެކު ސިޔާސީ ގޮތުން ހަރަކާތްތެރި ވާނަންތޯ ނޫސްވެރިންގެ ބައްދަލުވުން ނިންމުމަށްފަހު ވެސް އަވަސް އިން ސުވާލުކުރުމުން ރައީސް ނަޝީދު ވަނީ ރައީސް ސޯލިހާ އެކު ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލްތަކަކީ އެމްޑީޕީ ގަބޫލުކުރާ ސިޔާސަތުތަކާ އެއްގޮތަށް އެކުލަވާލާ ބިލްތަކަކަށް ވެގެން ދިއުން މުހިއްމު ކަމަށެވެ. ރައީސް ސޯލިހާ ފުންކޮށް ދައްކަން އޮތް ވާހަކައަކީ އެއީ ކަމުގައި ވެސް ވިދާޅުވި އެވެ.

ކޮވިޑް އެންމެ އުދަގޫ ދުވަސްތަކުގައި ވެސް އަދި މިހާރުވެސް ކޮވިޑްގެ ކަންކަމުގައި ރައީސް ސޯލިހުގެ ސަރުކާރުން ގައުމުގެ ކަންކަން މެނޭޖުކުރެއްވި ގޮތް ފުރިހަމަކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ ސަރުކާރަށް ޝުކުރު ވެސް އަދާކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ކޮވިޑާ ގުޅިގެން ދިމާވި އުދަގޫ ހާލަތުގައިވެސް އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާ ކަމަށާއި އަދި ދައުލަތުން ފޯރުކޮށްދޭ އިޖުތިމާއީ އެހީތައްވެސް ހުއްޓާލާފައި ނުވާ ކަމަށެވެ.

ބަރުލަމާނީ އަށް ރައީސް ނަޝީދު ތާއީދު ކުރެއްވި ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް ސޯލިހް ގެންދަވަނީ ވިދާޅުވަމުންނެވެ.

ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް މީގެކުރިން ނެނގި ވޯޓުގައި 155،890 މީހުން ވޯޓު ދިން އިރު ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރީ 58،504 މީހުންނެވެ. އެކަމަކު 95،619 މީހުން ވަނީ ރިޔާސީ ނިޒާމަށް ތާއީދުކޮށްފަ އެވެ.