ޗައިނާގެ ހޫބޭ ޕްރޮވިންސްގެ އަންހެނަކު ކައިވެނި ކުރި ދުވަހު އަޅައިގެން ހުރި ރަނުގެ ގަހަނާތައް ބޮޑެތި ވެފައި ގިނަ ކަމުން އެ ކައިވެނީގެ ރަސްމިއްޔާތަށް ދިޔަ މެހެމާނުންނާއި އެ ރަށުގެ މީހުން ހައިރާންވެ ބަސް ހުއްޓިފައި ތިބެން ޖެހިއްޖެ އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކުރި މި ކައިވެނީގެ ރަސްމިއްޔާތުގައި އަންހެންމީހާ އަޅައިގެން އިން ރަނުގެ ގަހަނާތަކުގެ ބަރުދަނުގައި 60 ކިލޯ ހުއްޓެވެ. އަދި މި ގަހަނާތައް އަޅައިގެން އެމީހާއަށް ގުޑާ ވެސް ނުލެވިފައި އިން ކަމަށް ވެއެވެ.
ކައިވެނި ކުރާ ދުވަހު ރަނުގެ ގަހަނާތައް އެޅުމަކީ ވަރަށް ގިނަ ގައުމުތަކުގެ ސަގާފީ ކަމެކެވެ. އަދި މިއީ ކައިވެނި ބާއްޖަވެރިވާނެ ކަމެއް ކަމަށް ބައެއް ގައުމުތަކުގެ މީހުން ދެކެ އެވެ. ނަމަވެސް މި އަންހެންމީހާއަށް މިހާ ބަރު ރަނުގެ ގަހަނާތައް އަޅައިގެން އިނުމުން ތެދުވަން ވެސް ދަތިވެ އުނދަގޫތައް ކުރިމަތިވި ކަމަށް ވެއެވެ.
މި އަންހެންމީހާގެ ކައިވެނީގެ ހެދުން ހުރީ ހުދުކުލައިގަ އެވެ. އަތުގައި ފިނިފެންމަލުގެ މާބޮނޑިއެއް އޮތެވެ. ނަމަވެސް ތެދުވެ ހިނގަން އުނދަގޫވެގެން އަންހެންމީހާ އަބަދުވެސް އުޅެން ޖެހުނީ ފިރިހެންމީހާގެ އަތުގައި ހިފަހައްޓައިގެން އޭނާގެ އެހީ ހޯދައިގެންނެވެ.
އަންހެންމީހާ އަޅައިގެން ހުރި 60 ކިލޯގެ ރަނުގެ ގަހަނާއަކީ އޭނާގެ ފިރިމީހާ ދިން ކައިވެނީގެ ހަދިޔާ އެވެ. މި ހަދިޔާގެ ތެރޭގައި ހިމެނެނީ އެއް ކިލޯގެ 60 ހާރާއި އަދި ވަރަށް ބޮޑު ހަތަރު އުޅަލެވެ.
ފިރިހެންމީހާއަކީ ވަރަށް މުއްސަނދި އާއިލާއެއްގެ މީހެކެވެ. އެހެންވެ އަލަތު އަނބިމީހާއަށް ރަނގަޅު ހަދިޔާއެއް ދިނުމުގެ ގޮތުން ރަނުގެ ބޮޑެތި ގަހަނާތައް ދިނީ އެވެ.
މި ކައިވެނީގެ ހަފުލާއަށް ދިޔަ ގިނަ ބަޔަކު ބުނީ މިހާ ބޮޑެތި ހާރުތައް އަޅަނީ ދެއްކުންތެރިކަމުގެ ގޮތުން ކަމަށެވެ. އަދި މި ގަހަނާތަކާ ހެދި އަންހެންމީހާ އަށް ގުޑާ ނުލެވިގެން އުޅޭތަން ފެނުނީމަ އޭނާއާ މެދު ހަމްދަރުދީ ވެވުނުކަމަށް ވެސް ބައެއް މެހެމާނުން ބުންޏެވެ.
ކައިވެނީގެ ބައެއް ރަސްމިއްޔާތުތައް ފުރިހަމަ ކުރަން ނުކުޅެދިގެން އުޅޭތީ އަންހެންމީހާއަށް އެހީތެރިވުމަށް ވެސް ބައެއް މެހެމާނުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ފިރިމީހާގެ އެހީގައި ހުރިހާ ކަމެއް ވެސް ކުރެވޭނޭ ބުނެފައި އަންހެންމީހާ އެހެން މީހުންގެ އެހީތެރިކަން ނުހޯދި އެވެ.