އިންޑިއާ އާއި އެނޫން ވެސް ބައެއް ގައުމުތަކުގައި ކައިވެނިކޮށްގެން ފިރިމީހާގެ ގެޔަށްދާ ވަގުތު އަންހެން މީހާ ރުއިމަކީ ވަރަށް އާއްމުކޮށް ފެންނަ މަންޒަރެކެވެ.
އޭނާގެ މައިންބަފައިންނާއި ކުޑައިރުއްސުރެ ދިރިއުޅުނު ގެ ދޫކޮށް މުޅީން އާ ބަޔަކާ އެކު އާ ގެޔަކަށް ދިރިއުޅެން ދާން ޖެހޭތީ އެވެ. ނަމަވެސް މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި އެމީހުން ނުދެކެ އެވެ. ދެރަވެގެން ރޯން ބޭނުން މީހަކު ރޯންވީ އެވެ. ނުރުޔަސް މައްސަލައެއް ނެތެވެ.
އެކަމަކު ޗައިނާގެ ގަބީލާއެއްގައި މިކަން އޮންނަނީ މިއާ މުޅިން ތަފާތު ގޮތަކަށެވެ. މި ގަބީލާގެ ސަގާފަތުގައި އޮންނަ ގޮތުން ކައިވެނިކުރާ ވަގުތު އަންހެން މީހާ ވަރަށް ގަދަޔަށް ރޯން މަޖުބޫރެވެ. އޭނާ ނުރޯނަމަ އެ ގަބީލާގެ ދުވަސްވީ މީހުން އެކަމާ ވަރަށް ހިތްހަމަނުޖެހި ރުޅި އަންނާނެ އެވެ. އަދި އެމީހަކަށް އަދަބުވެސް ލިބިދާނެ އެވެ.
މި ސަގާފަތް މިހާރު ވެސް ދަމަހައްޓާ އެއް ބަޔަކީ ޓޫޖިއާ ގަބީލާގެ މީހުންނެވެ. ޗައިނާގެ ސީޗުއާން ޕްރޮވިންސްގައި އޮންނަ މި ގަބީލާގެ މީހުން މި ސަގާފަތަށް އަމަލުކުރަމުންދާތާ އެތައް ހާސް އަހަރެއް ވެއްޖެ އެވެ. މި ގަބީލާގެ އަންހެނަކު ވެއްޖިއްޔާ ކައިވެނި ކުރާއިރު ރޯން ޖެހޭނެ އެވެ.
ގަބީލާގެ ދުވަސްވީ މީހުން ބުނާ ގޮތުގައި ކައިވެނިކުރާ ކޮންމެ އަންހެނަކުވެސް އެ ރަސްމިއްޔާތު ކުރިޔަށްދާއިރު ރުއިން މަޖުބޫރެވެ. އެހެންނޫނީ އެ އަންހެން މީހާގެ އަވަށްޓެރިން ގަބޫލުކުރާނީ އެއީ ނުކިޔަވާހުރި ގަމާރެއް ކަމަށެވެ. އަދި އެމީހުން އޭނާއަށް މަލާމަތްކޮށް ހޭނެ އެވެ. އަދި ބައެއް ފަހަރު އަންހެން މީހާގެ މަންމަ ރުޅިއައިސްގެން އޭނާގެ ދަރިފުޅުގެ ގައިގައި ދަނޑިބުރިން ތަޅާ އަނިޔާވެސް ކުރެ އެވެ. އަދިވެސް އެ ގަބީލާގައި މި ސަގާފަތް އޮވެ އެވެ. ނަމަވެސް ކުރީ ޒަމާނު ގޮތަށް ހަރުކަށިކޮށް މިހާރު މިކަން ކުރަނީ މަދު ބައެކެވެ.
މި ސަގާފަތެއް ފެށިގެން އައީ 221 ބީސީ އާއި 475 ބީސީއާ ދެމެދުގެ އަހަރެއްގަ އެވެ. މި ސަގާފަތެއް ފެށިފައިވަނީ އެ ޒަމާނުގައި އެ ހިސާބުގައި ރަސްކަން ދެ ރަސްކަލެއްގެ ދަރިންގެ މެދުގައި ކުރެވުނު ކައިވެންޏެއްގެ ތެރެއިންނެވެ. ޕްރިންސަސް ޒާއޯ ސްޓޭޓް އާއި ޕްރިންސް ޔޭން ސްޓޭޓްގެ ކައިވެނީގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
ޕްރިންސަސް ޒާއޯ ކައިވެނިކޮށްގެން ޕްރިންސް ޔޭންގެ ރަށަށް ދިޔައިރު ޕްރިންސަސް ޒާއޯ އަށާއި އޭނާގެ މަންމައަށް ވަރަށް ރޮވުނެވެ. މިއީ ޝާހީ އާއިލާއިން ކުރި ކަމަކަށް ވާތީ އެ ރަށުގެ އެހެން މީހުން އެއީ ސަގާފަތަކަށް ހަދައި އެގޮތަށް އަމަލުކުރަން ފެށީ އެވެ. މި ރުއިން އާއްމުކޮށް އޮންނަނީ ކައިވެނި ކުރާއިރު ޖަހާ ލަވައެއްގެ ތެރެއިންނެވެ. މި ލަވައަށް ކިޔަނީ ކައިވެނީގައި ރޯ ލަވަ (ކްރައިން ވެޑިން ސޯންގް) އެވެ.