ޗައިނާގެ ޖިންގްސޫގައި ކައިވެންޏަކަށް ތައްޔާރުވަމުން ދިޔަ އާއިލާއަކަށް ވަރަށް ތަފާތު ހާދިސާއެއް ކުރިމަތިވެއްޖެ އެވެ. މި ހާދިސާއަކީ މީހަކު މިހާތަނަށް ދުވަހަކު ވެސް އަޑުއަހާފައި ނުވާ ކަހަލަ ކަމެކެވެ.
މިކަން ދިމާވި ގޮތަކީ ކައިވެންޏަށް މަދު ގަޑިކޮޅަކަށް ވެފައި ވަނިކޮށް ކައިވެނި ކުރަން އުޅުނު ދެ މީހުންނަށް އެއީ ހަގީގަތުގައި ދެބެން ކަން އެނގުނީ އެވެ.
މިކަން އެނގެން މެދުވެރިވީ ކައިވެނި ކުރަން އުޅުނު ފިރިހެންމީހާގެ މަންމައަށް އޭނާގެ ވާންއުޅޭ ޅީދަރިފުޅުގެ ގައިގައި އިން އުފަންލަފެއް ނުވަތަ ބާތުމާކެއް ފެނިގެނެވެ.
އެ ބާތުމާކް ފެނުމާއެކު ފިރިހެންކުއްޖާގެ މަންމައަށް ވަރަށް ބާރަށް ރޮއިގަނެވުނެވެ. އޭނާގެ ޅީދަރިއަކަށް ވާން ތައްޔާރުވެފައި ހުރީ މީގެ 20 އަހަރު ކުރިން ގެއްލިފައިވާ އޭނާގެ އަމިއްލަ ދަރިއެއް ކަމަށް ބާތުމާކު ފެނުމުން އަންހެން މީހާއަށް ޔަގީން ކުރެވިގެނެވެ.
ކައިވެންޏަށް ތައްޔާރުވެފައިވާ އަންހެންކުއްޖާގެ މައިންބަފައިންނާ ފިރިހެންކުއްޖާގެ މަންމަ ވަގުތުން ސުވާލުތައް ކުރަން ފެށުމުން އެ އަންހެންކުއްޖާއަކީ އެޑޮޕްޓް ކޮށްފައިވާ ކުއްޖެއް ކަމަށް އެމީހުން ވަނީ އެއްބަސްވެފަ އެވެ.
އަންހެންމީހާ ކައިރީ އަންހެންކުއްޖާގެ މައިންބަފައިން ބުނީ އެ ކުއްޖާއަކީ މަގުމަތިން ހޮވި ކުއްޖެއް ކަމަށާއި އެ ކުއްޖާގެ މައިންބަފައިން ނުފެނުމުން ކުއްޖާ އެޑޮޕްޓް ކޮށްގެން ގެންގުޅުނީ ކަމަށެވެ.
އަސްލު މައިންބަފައިން ފެނުމުން އަލަތު ކައިވެންޏަށް ތައްޔާރުވި އަންހެންމީހާ ވެސް އުފަލުން ފޮޅުނެވެ. އަދި އަސްލު މަންމަގެ ގައިގައި ބައްދައިގަނެ އޭނާއަށް ވެސް ރޮވުނެވެ. ކައިވެންޏަށްވުރެ އަސްލު މައިންބަފައިންނާ ބައްދަލުވުމުން މާ ބޮޑު އުފަލެއް ހާސިލުވީ ކަމަށް ކައިވެނިކުރަން އުޅުނު އަންހެންމީހާ ބުންޏެވެ.
މި ވާހަކަ އަދި މިހިސާބަކުން ނިމުނީކީ ނޫނެވެ. ވާހަކަ އަނެއްކާވެސް މުޅިން އެހެން އަތަކަށް ފުރޮޅުނީ އެވެ. މިއީ ދެބެންނަށް ވެގެން މި ކައިވެނި ވަގުތުން ހުއްޓޭނެ ކަމަށް އެންމެންވެސް ހީކުރާނެ އެވެ. ނަމަވެސް ކަންވީ އެހެނެއް ނޫނެވެ. ކައިވެނީގެ ރަސްމިއްޔާތުތައް ހަމަ ކަނޑައެޅިފައިވާ ވަގުތުގައި ކުރިޔަށް ގެންގޮސް މި ދެ މީހުން ވަނީ ކައިވެނި ކޮށްފަ އެވެ.
މި ދެ މީހުންގެ ކައިވެނި ކުރެވުނީ ކައިވެނިކުރާ ފިރިހެން މީހާއަކީ ވެސް އެޑޮޕްޓްކޮށްފައިވާ ކުއްޖެއް ކަމަށް އޭނާގެ މައިންބަފައިން އެއްބަސްވީމަ އެވެ. އަދި މި ކައިވެންޏަށް ދެ މީހުންގެ އާއިލާގެ މީހުންގެ އެއްވެސް މައްސަލައެއް ނެތީމަ އެވެ.
ފިރިހެންމީހާގެ މަންމަ ބުނި ގޮތުގައި އޭނާގެ ހުރި ހަމައެކަނި ދަރިފުޅު މީގެ 20 އެހަރު ކުރިން ގެއްލި ހޯދާ ހޯދާ އެއްތާކުން ވެސް އެ ކުއްޖާ ނުފެނުމުން ފިރިހެންކުއްޖެއް އެޑޮޕްޓްކުރީ ކަމަށެވެ. އެހެންވެ އަންހެންމީހާ އެޑޮޕްޓް ކޮށްގެން ގެންގުޅުނު ފިރިހެން ދަރިއާއި އެ އަންހެންމީހާގެ ގެއްލިފައި ފެނުނު އަސްލު އަންހެންދަރި ކައިވެނި ކޮށްދިނުމަކީ އޭނާއަށް ބަޔާން ކުރަން ވެސް ދަތި އުފަލެއް އިހްސާސް ކުރެވުނު ކަމަކަށް ވެސް ވީ އެވެ.
މި ކައިވެނީގެ ރަސްމިއްޔާތަށް ދައުވަތު ދީގެން އައިސް ތިބި މެހެމާނުންނަށް ވެސް މިއީ ވަރަށް ހިތަށް އަސަރުކުރުވި ޖަޒުބާތީ ކަމަކަށް ވެއެވެ. އެއްބަޔަކު ޖަޒުބާތުގައި ޖެހި ރުއިއިރު އަނެއް ބަޔަކު ތިބީ މި ހާދިސާ ހިނގި ގޮތާ މެދު ބުނާނެ އެއްޗެއް ނޭނގި ބަސް ހުއްޓިފަ އެވެ. ދުވަހަކުވެސް މިފަދަ ހަގީގީ ހާދިސާއެއްގެ ވާހަކަ އެމީހުން އަޑުއަހާފައި ނެތީމަ އެވެ.