ބޮލީވުޑް

ޕްރޮމޯޝަންގައި ބައިވެރިވިޔަސް ޝެހެނާޒްގެ ހާލު ގޯސް

އެންމެ ގާތް އެކުވެރިޔާ އަދި ލޯބިވެރިޔާ ސިދާރްތު ޝުކްލާގެ ކުއްލި މަރަށް މަހަކަށް ވުރެ ގިނަ ދުވަސް ވީފަހުން ޝެހެނާޒް ގިލް ވަނީ އޭނާގެ އަލަށް ރިލީޒްކުރާ ފިލްމު "ހޯންސްލާ ރަކް"ގެ ޕްރޮމޯޝަން އިވެންޓުތަކުގައި ބައިވެރިވާން ފަށާފަ އެވެ. ނަމަވެސް ޝެހެނާޒް ފެނުމުން އުފާވުމުގެ ބަދަލުގައި އޭނާ އާއި ސިދާރްތުގެ ފޭނުން ދެރަވެގެން ސޯޝަލް މީޑިއާގައި މި ވާހަކަތައް ދަނީ ދައްކަމުންނެވެ.

އެމީހުން ބުނާ ގޮތުގައި ޝެހެނާޒް އަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ. ކުރިން ފެންނަ އުފާވެރި މަޖާ މީހާގެ ބަދަލުގައި މިހާރު ފެންނަނީ ހިތާމައިން ހިތް ހަލާކުވެ ދެންމެ ދެންމެ ރޮވިދާނެހެން ހީވާ ފަދަ ހާލަތެއްގައި އިން މީހެކެވެ. އަދި ސިދާރްތުގެ މަރުން ޝެހެނާޒްގެ ހިތުގައި އުފެދިފައިވާ ހުސްކަން އޭނާގެ މޫނުން ވަރަށް ރަނގަޅަށް ފެންނަ ކަމަށް ފޭނުން ބުނެފައި ވެއެވެ. އަދި އެއާއެކު ޕްރޮފެޝަނަލް އެކްޓަރެއްގެ ހައިސިއްޔަތުން ޝެހެނާޒް ދައްކަމުންދާ ހިތްވަރަށް ފޭނުން ތައުރީފު ކުރި އެވެ.

ދާދިފަހުން ޝެހެނާޒް ވަނީ "ހޯންސްލާ ރަކް"ގެ ބަތަލު ދިލްޖީތު ދޮސާންޖް އާއި ދެ ވަނަ ބަތަލާ ސޯނަމް ބާޖްވާ އާއެކު ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއް ޝޫޓްކޮށްފަ އެވެ. އަދި ބައެއް އިންޓަވިއު ތަކުގައި ވެސް އޭނާ ބައިވެރިވެފައިވާއިރު ކޮންމެ އިންޓަވިއު އެއްގައި ވެސް ޝެހެނާޒް ފެންނަނީ ޚިޔާލަކަށް ގެއްލިފައި ވަރަށް ހިތާމަވެރި ހާލަތެއްގައި އިންދަ އެވެ.

ޝެހެނާޒްގެ ގާތް އެކުވެރިއަކު އިންޑިޔާގެ ނޫހަކަށް ބުނެފައިވާ ގޮތުގައި ހިތްވަރުކުރަން ޝެހެނާޒް ވަރަށް މަސައްކަތް ކުރެ އެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ބޭއިޚްތިޔާރުގައި އަދިވެސް އޭނާއަށް ރޮވެ އެވެ. އަދި މި ދަނޑިވަޅުގައި ޝެހެނާޒްގެ ހިތްހަމަޖައްސައިދޭން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ސިދާރްތުގެ މަންމަ ކަމަށް އޭނާގެ އެކުވެރިޔާ ބުންޏެވެ.

"ދިލްޖީތު އަކީ ވެސް ވަރަށް ރަނގަޅު މީހެއް. ލަވައިގެ ޝޫޓިންގް އޮތްއިރު ވެސް ދިލްޖީތު އަބަދުވެސް ޝެހެނާޒް ކައިރީގައި އޭނާއަށް ހިތްވަރުދޭން ހުރި. އަދި އިރުއިރުކޮޅުން ސިދާރްތުގެ މަންމަ އާ ވެސް ޝެހެނާޒް ވާހަކަ ދައްކާ. ޝެހެނާޒް އަށް މާ ބޮޑަށް ރޮވޭއިރަށް ސިދާރްތުގެ މަންމަ އާ ގުޅައިގެން ވާހަކަ ދައްކާލުމުން އަނެއްކާވެސް ކުޑަކޮށް ހަމަޖެހިލަނީ،" އެކުވެރިޔާ ބުންޏެވެ.

ޕަންޖާބު ފިލްމު "ހޯންސްލާ ރަކް" ރިލީޒްކުރަން ހަމަޖެހިފައިވަނީ މާދަމާ (15 އޮކްޓޯބަރު) ގައެވެ.