ބޮލީވުޑް

"ޑަރް" ޝާހް ރުކަށް ލިބުނީ ގިނަ އެކްޓަރުންތަކެއް ދޫކޮށްލުމުން

"ކި ކި ކި ކިރަން" މިއީ ފިލްމު "ޑަރް" ގައި ޝާހް ރުކް ޚާން ވަރަށް ގިނައިން ކިޔާ އަދި ވަރަށް މަޝްހޫރު ޑައިލޯގެކެވެ. އަދި މިއީ ޝާހް ރުކްގެ ކެރިއަރު ކުރިޔަށް ދާން ފެށުމުގެ އަސްލު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ފިލްމެވެ. މި ފިލްމު ކުޅެން ޝާހް ރުކް އަށް ގިނަ އެވޯޑު ތަކަކާއި މަގްބޫލު ކަމެއް ލިބިފައި ވެއެވެ. ނަމަވެސް ޝާހް ރުކް އަކީ އެ ފިލްމުގެ ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ފުރަތަމަ ޗޮއިސް އެއް ނޫނެވެ.

އެންމެ ފުރަތަމަ ޔާޝް ބޭނުންވީ ސައިކޯ މީހެއްގެ ރޯލު އާމިރު ޚާން ލައްވާ ކުޅުވާށެވެ. އެ ފިލްމުގައި ސައިކޯ މީހެއްގެ ރޯލު އާމިރަށް ހުށަހެޅުމުން އޭނާ ބުނީ ކެރިއަރުގައި މިހާ ހިސާބުގައި ނެގެޓިވް ކެރެކްޓާއެއް ކުޅެން ބޭނުން ނުވާ ކަމަށެވެ.

އޭގެ ފަހުން ސަންޖޭ ދަތަށް ވެސް ފިލްމު ހުށަހެޅުނެވެ. އޭނާ ވެސް ގަބޫލު ނުކުރީ އެވެ. ރިޝީ ކަޕޫރާއި އަޖޭ ދޭވްގަން ވެސް މި ފުރުސަތުގެ ބޭނުން ކުރާކަށް އެއްބަހެއް ނުވި އެވެ. އެންމެ ފަހުން ޝާހް ރުކަށް ފިލްމު ދިނީ އެވެ.

ޝާހް ރުކަށް ފިލްމު ދިނަސް އެކަން ކުރީ ޔާޝް އާއި ދަރިފުޅު އަދިތުޔާ ޗޯޕްޅާ މުޅިން ހިތްހަމަޖެހިގެނެއް ނޫނެވެ. އެހެން ގޮތެއް ނެތިގެންނެވެ. ފިލްމުގެ ބަތަލާ ޖޫހީ ޗައުލާ ދާދިފަހުން ދީފައިވާ އިންޓަވިއު އެއްގައި ބުނި ގޮތުގައި ދާރާ ސިންގް އަށް ވެސް މި ރޯލު ހުށަހަޅާފައި ވެއެވެ.

ޝާހް ރުކްގެ ފިލްމީ ހަޔާތާ ގުޅޭ ގޮތުން ލިޔުންތެރިޔާ ސަމަރް ޚާން ލޔެފައިވާ "އެސްއާރްކޭ – 25 އިޔާޒް އޮފް އަ ލައިފް" ގައިވާ ލިޔުމެއްގައި އަދިތުޔާ ޗޯޕްޅާ ބުނެފައިވާ ގޮތުގައި އެ ފިލްމަށް ޝާހް ރުކް ހަމަޖެއްސިޔަސް އޭނާ އާއި އޭނާގެ ބައްޕަ ވެސް ތިބީ ހިތްހަމަޖެހިގެނެއް ނޫނެވެ. އެ ދުވަސްވަރު އެމީހުންނަށް ޝާހް ރުކް އަކީ އެހާ ކަމުދާ މީހަކަށް ނުވާ ކަމަށް އަދިތުޔާ ބުނެފައި ވެއެވެ.

"އެ ދުވަސްވަރު ޝާހް ރުކް އުޅެނީ ރާކޭޝް ރޯޝަންގެ 'ކިންގް އަންކަލް' ގެ ޝޫޓިންގްގައި. އަހަރެމެންނަށް އެ ފިލްމުގެ ބައެއް މަންޒަރުތައް ބަލާލަން ލިބުނު. އެ މަންޒަރުތައް ބަލާފައި ޝާހް ރުކް އަކީ މާ ރަނގަޅު އެކްޓަރެއް ކަމަކަށް އަހަރެމެންނަކަށް ގަބޫލެއް ނުކުރެވުނު. ނަމަވެސް އެތައް އެކްޓަރުންނެއް ފިލްމު ކުޅެދޭން ދެކޮޅު ހެދުމުން ޝާހް ރުކް އަށް ފިލްމު ދޭން މަޖްބޫރުވީ،" އަދިތުޔާ ބުނެފައި ވެއެވެ.

އަނެއްކޮޅުން އާމިރު ޚާންގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި އޭނާ ބުނެފައި ވަނީ "ޑަރް" ނުކުޅޭނެ ކަމަށް އޭނާ ނުބުނާ ކަމަށެވެ. އޭނާގެ ސުވާލުތައް ގިނަކަމުން ޔާޝް އާއި އަދިތުޔާ ޗޯޕްޅާ އޭނާއަށް އެ ފިލްމު ނުދިނީ ކަމަށެވެ.