އިންޓަ މިލާން

ޕީއައިއެފުން އިންޓާ މިލާން ގަނެފާނެ

ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމެންޓް ފަންޑް (ޕީއައިއެފް) އިން އިޓަލީގެ އިންޓާ މިލާން ގަނެފާނެ އެވެ.

ޕީއައިއެފް އިން އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަ ކުރާ ނިއުކާސަލް ޔުނައިޓެޑް ރެކޯޑް އަގަކަށް ގަތީ މި މަހުގެ ތެރޭގަ އެވެ. އެއާއެކު ނިއުކާސަލަކީ ދުނިޔެގެ އެންމެ މުއްސަނދި ކްލަބަށް ވެފައި ވާއިރު، މިހާރު ޕީއައިއެފްގެ އަމާޒު ހުރީ އިންޓާ މިލާން ގަންނަން ކަމަށް ބޭރުގެ ކުޅިވަރު ރިޕޯޓުތައް ބުނެ އެވެ.

އިންޓާ މިލާނުގެ މާލީ ހާލަތު ދަށްވުމަކީ އެ ޓީމަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމެވެ. އެގޮތުން 2020/21 ވަނަ އަހަރުގެ މާލީ ރިޕޯޓް ދައްކާ ގޮތުން 245.6 މިލިއަން ޔޫރޯގެ ގެއްލުމެއް އެ ޓީމަށް ވަނީ ވެފަ އެވެ.

ނަތީޖާ އަކަށްވީ 11 އަހަރަށް ފަހު އިންޓާ މިލާނަށް އިޓާލިއަން ލީގު ކާމިޔާބު ކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭ ތަށި ހޯދިތާ ދެތިން ހަފުތާ ފަހުން ޓީމު ދޫކޮށް ދިއުމެވެ. އަދި ޓީމުގެ އެންމެ މުހިންމު ދައުރެއް އަދާ ކުރަމުން ދިޔަ ކުޅުންތެރިން ކަމުގައިވާ ރޮމެއޯ ލުކާކޫ އާއި އަޝްރަފް ހަކީމީ ވެސް އިންޓާއިން ވަނީ ހަރަދު ކުދަ ކުރުމަށްޓަކައި ދޫކޮށްލާފަ އެވެ.

އިޓަލީގެ ކުޅިވަރު ރިޕޯޓުތައް ބުނާ ގޮތުން އިންޓާ އާއި ރެއާލް، ޗެމްޕިއަންސް ލީގުގައި މެޗު ކުޅުނު ދުވަހު ވަނީ މި ޑީލާއި މެދު މަޝްވަރާ ކޮށްފަ އެވެ. މިހާރު އިންޓާ މިލާނު ހިންގަމުން އަންނަނީ ޗައިނާގެ ކުންފުންޏަކުންނެވެ.

ބެލެވޭ ގޮތުގައި ޕީއައިއެފް އިން އިންޓާ ގަންނަން މަސައްކަތް ކުރަނީ އެއް ބިލިއަން ޔޫރޯއަށެވެ.