ކްރިމިނަލް ކޯޓް

ނަޝީދަށް އިންޒާރު ދިން މީހާގެ ބަންދު އިތުރުކޮށްފި

Oct 14, 2021

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މަރުގެ އިންޒާރު ދިން މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

އިސްމާއިލް ޔާސިފް ނަމަކަށް ކިޔާ މީހަކު މިދިޔަ މަހުގެ 21 ވަނަ ދުވަހު ހައްޔަރުކުރީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފިނަމަ "ބަދުރު ދުވަހު އަބޫ ޖަހުލަށް ހަދާލި ގޮތް ހަދާނެ" ކަމަށް ބުނެ އިންޒާރުކޮށް ފޭސްބުކްގައި ޕޯސްޓެއް ކުރުމުންނެވެ. އަދި "ހައެއް ފަހެއް" ގައި ރައީސް ނަޝީދަށް ދިން ހަމަލާއަށް ވުރެ ވަރުގަދަ ހަމަލާއެއް ދޭނެ ކަަމުގެ އިންޒާރު ވެސް ދީފައިވެ އެވެ.

މާލެއަށް ނިސްބަތްވާ އެކަމަކު ރ. މީދޫގައި ދިރިއުޅޭ ޔާސިފް ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމަން މިދިޔަ މަހުގެ 22 ވަނަ ދުވަހު އެންމެ ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން އެ ދުވަހުގެ ބަންދުގެ މަޖިލީހުގައި ވެސް އޭނާ ވަނީ ރައީސް ނަޝީދަށް މަރުގެ އިންޒާރު ދީފަ އެވެ. އެހެންވެ ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 15 ދުވަސް އަދި އޭނާގެ ބަންދަށް ވެސް 15 ދުވަސް ކޯޓުން ވަނީ ޖަހާފަ އެވެ.

ޔާސިފްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން 15 ދުވަސް ގުނާ ގޮތަށް އޭނާގެ ބަންދަށް ދެވަނަ ފަހަރަށް ކޯޓުން މިހާރު ވަނީ މުއްދަތު ޖަހާފަ އެވެ.

ރައީސް ނަޝީދަށް ޔާސިފް އިންޒާރު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ވެސް ގެންދަނީ ބަލަމުންނެވެ.

ހަމަލާއަށް ފަހު ރާއްޖެއިން ބޭރުގައި ފަސް މަސް ދުވަހު ހުންނެވުމަށްފަހު ރައީސް ނަޝީދު ވަނީ މިދިޔަ ހޯމަ ދުވަހު ރާއްޖެ ވަޑައިގެންފަ އެވެ. އަދި އެމަނިކުފާނުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް މަތިކޮށްފަ އެވެ.