އުތުރު ތިލަފަޅު އެއްބަސްވުން ހަތް ދުވަހުގެ ތެރޭގައި ހާމަ ކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންގައިފި އެވެ.
އައިކޮމް އިން އެގޮތަށް އަންގާފައި ވަނީ އެ އެއްބަސްވުން ހޯދަން ދިޔަރެސް ނޫހުން ޑިފެންސް މިނިސްޓްރީއަށް ހުށަހެޅުމުން އެކަން ކުރަން ދެކޮޅު ހަދާފައިވާތީ އެ ނޫހުން އައިކޮމަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމުގަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ އުތުރު ތިލަފަޅު، ޔޫޓީއެފް އެއްބަސްވުން ހިއްސާ ކުރަން ޑިފެންސް މިނިސްޓްރީން ދެކޮޅު ހަދަނީ ގައުމީ ސަލާމަތާ ގުޅޭ އެއްބަސްވުމަކަށް ވާތީ ކަމަށް އެފަރާތުން ބުނާ ކަމަށެވެ. ނަމަވެސް އެއީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތު ހުރި އެއްބަސްވުމެއް ކަމަށް ދެކެވަޑައި ނުގަންނަވާތީ ކޮމިޝަނަރު ވަނީ ހަތް ދުވަހުގެ ތެރޭގައި އެއްބަސްވުން ހާމަކުރުމަށް ޑިފެންސް މިނިސްޓްރީ އަށް އަންގަވާފަ އެވެ.
ހޯދަން އެދޭ މައުލޫމާތު
- އިންޑިއާގެ "ޓެކްނިކަލް" ބައެއް ކަމަށް ބުނާ މީހުން ނިސްބަތްވާ މުއައްސަސާ.
- "ޓެކްނިކަލް" މީހުންނަށް ޑިޕްލޮމެޓިކް އިމުނިޓީ ލިބޭނެ ގޮތުގެ ތަފްސީލްތައް
- "ޓެކްނިކަލް" މީހުންގެ އެއްވެސް ހަރަދެއް ދިވެހި ސަރުކާރުން ބަލާނަމަ އެކަމުގެ ތަފްސީލް
- "ޓެކްނިކަލް" މީހުންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު
- އިންޑިއާ މީހުންނަށް ރާއްޖޭގައި ތިބުމަށް ހުއްދަ ދީފައިވާ މުއްދަތު.
- އެއްބަސްވުމާ ގުޅިގެން ދީފައިވާ 50 މިލިއަން ޑޮލަރުގެ ލޯނުގެ މައުލޫމާތު
ހޯދަން އެދިފައިވާ ލޯނު އެއްބަސްވުން ހަދާފައިވަނީ ޑިފެންސް މިނިސްޓްރީން ކަމަށް ނުވާތީ ލޯނާ ގުޅޭ މައުލޫމާތު ނެތް ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ. އެކަމަށް ރައްދުދީ ކޮމިޝަނަރު ވިދާޅުވީ ޑިފެންސްގައި އެ މައުލޫމާތު ނެތް ނަމަ ކަމާ ގުޅޭ އިދާރާ އިން މައުލޫމާތު ހޯދައި ފޯރުކޮށްދިނުމަކީ މިނިސްޓްރީން ކުރަންޖެހޭ ކަމެެއް ކަމަށެވެ. އެހެންވެ އެގޮތަށް އަމަލުކުރަން ވެސް ކޮމިޝަނަރު އެންގެވި އެވެ. ދިޔަރެސް ނޫހުން ބޭނުންވާ ބައެއް ކަހަލަ މައުލޫމާތު ހިއްސާކުރުމަކީ ސިފައިންގެ ގާނޫނުގެ ދަށުން ކުށްވެރިވާނެ ކަމެއް ކަމަށް ޑިފެންސް މިނިސްޓްރީން ބުނި ނަމަވެސް އެކަން އެ މިނިސްޓްރީ އަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވި އެވެ.
އިންޑިއާގެ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި، ބަނދަރެއް ހަދަން ސޮއި ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ދިގު މުއްދަތަކަށް ރާއްޖޭގައި ތިބެވޭނެ އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށް ވާދަވެރި ސިޔާސީ ޕާޓީ ތަކުން ދަނީ ބުނަމުންނެވެ. އަދި އެ އެއްބަސްވުމާ ގުޅޭ ޑްރާފްޓްގެ ކޮޕީއެއް ކަމަށް ބުނާ ލިޔުމެއް ލީކް ކޮށްލައިފައިވާއިރު ސަރުކާރުން ބުނީ އެއީ ފޭކް ލިޔުމެއް ކަމަށެެވެ.
އުތުރު ތިލަފަޅުގެ އެއްބަސްވުން މަޖިލީހާ ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުން ވެސް މިހާރު ވަނީ ޑިފެންސް މިނިސްޓްރީއަށް އަންގާފަ އެވެ.