ޖީއެމްއާރް

ޖީއެމްއާރަށް އެއާޕޯޓް ދިނީ 78 މިލިއަން ޑޮލަރު ހޯދަން: ޒުލްފާ

Oct 14, 2021
17

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ދިނީ 78 މިލިއަން ޑޮލަރު ހޯއްދެވުމަށް ކަމަށް އެ ސަރުކާރުގައި ޓޫރިޒަމް މިނިސްޓަރު ކަން ކުރެއްވި މަރިޔަމް ޒުލްފާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ރައީސް ނަޝީދު ހުންނަވައިގެން ޖީއެމްއާރް ކުންފުންޏަށް ދިގު މުއްދަތަކަށް އެއާޕޯޓް ދިނުމަށް ނިންމީ ޖޫން 28، 2010 ގައެވެ. ޖީއެމްއާރްގެ އެއްބަސްވުން ދިވެހި ސަރުކާރުން ބާތިލްކުރީ ނޮވެމްބަރު 27، 2012 ގައި ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގަ އެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިނުމާ ދެކޮޅަށް ކްލަބްހައުސް ފޯރަމެއްގައި ރޭ ވާހަކަދައްކަވަމުން ޒުލްފާ ވިދާޅުވީ އެކަމާ ގުޅޭގޮތުން ރައީސް ނަޝީދާ ސުވާލުކުރެއްވުމުން އެނގުނީ އެފަދަ "ފީކަޅާ އެގްރިމެންޓެއް" ހެދީ އެވަގުތު 78 މިލިއަން ޑޮލަރު ރައީސް ނަޝީދު ބޭނުންވުމުން ކަމަށް އެނގިވަޑައިގެންނެވި ކަމަށެވެ.

"އަޅުގަނޑު އެމްޑީޕީގައި ހުއްޓަސް ޖީއެމްއާރް އައުޓް ކުރަން އޭރުވެސް އަޅުގަނޑު ހިތާއި ހިތުން އެއްބަސްވިން އެނގޭތޯ. އެހެންވީމާ އިންޑިއާގެ ދަށުވާކަށް ކޮންމެހެން ނުޖެހޭ،" ޒުލްފާ ވިދާޅުވި އެވެ.

ޖީއެމްއާރަށް އެއާޕޯޓް ދިގު މުއްދަތަކަށް ކުއްޔަށް ދިނުމަކީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ ކަމެއްގެ ގޮތުގައި ޒުލްފާ ސިފަކުރެއްވި އެވެ. ރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާނެ ކަމަކަށް ތާއީދު ނުކުރައްވާނެ ކަމަށާއި އެމްޑީޕީގެ ސަރުކާރުގައި ވެސް އެފަދަ ކަންކަމުގައި ދެކޮޅު ހައްދަވާފައި ހުންނާނެ ކަމުގައި ވެސް ވިދާޅުވި އެވެ.

"[ޖީއެމްއާރަށް އެއާޕޯޓް ދިނުން] އެއީ ވަރަށް ވަނދުކޮށް ކޮށް ނިންމާލި ކަމެއް. އެކަމަކު އަޅުގަނޑު ވަރަށް އުފާވި ޖީއެމްއާރް އެގްރީމަންޓާ ދެކޮޅަށް މަދަނީ އަބްދުﷲ މެން ތިއްބަވައިގެން އެކަން ކުރެއްވީމަ. އަޅުގަނޑު މިއަދު ވަރަށް އުފަލާ އެކީ ބުނާނަން ކިތަންމެ ބޮޑު އަގެއް ދީގެން ނަމަވެސް ދިވެހިންގެ އެއާޕޯޓް ދިވެހިންނަށް ލިބިގެން ދިއުމަކީ ވަރަށް ރަނގަޅަށް ކުރެއްވި ކަމެެއް ކަމަށް،" ޒުލްފާ ވިދާޅުވި އެވެ.

ޖީއެމްއާރްގެ އެއްބަސްވުން އުވާލީ ރައީސް ވަހީދުގެ ވެރިކަމުގައި ކަމަށްވީ ނަމަވެސް ދިވެހި ސަރުކާރުން އިސްވެ އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި ދައްކަން ޖެހުނު ހުރިހާ ފައިސާ އެއް ދެއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ.

ބަދަލުގެ ގޮތުގައި ދިވެހި ސަރުކާރުން ޖީއެމްއާރަށް ދައްކަން ޖެހޭ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަން ޓްރައިބިއުނަލުން ނިންމި، 271 މިލިއަން ޑޮލަރު (4.18 ބިލިއަން ރުފިޔާ) ޔާމީންގެ ސަރުކާރުން ދެއްކީ އެއް ފަހަރާ އެވެ. އެގޮތަށް އަމަލުކުރީ ޖީއެމްއާރުން ނަގާފައި އޮތް ލޯނަކަށް އިންޓަރެސްޓްތަކެއް އަރަމުންދާތީ އެކަމުން ދައުލަތުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ނޮވެމްބަރު 15، 2016 ގައެވެ.

ބަދަލުގެ ގޮތުގައި ދެއްކި 271 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ އެކްސިސް ބޭންކުން ނެގި ލޯނަށް ދެއްކި 185 މިލިއަން ޑޮލަރާއި، ޖީއެމްއާރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރި ހަރަދާއި، ޓާމިނޭޝަން ކޯސްޓާއި، އާބިޓްރޭޝަން ހަރަދު ހިމެނޭ ގޮތުން ދެއްކި 86 މިލިއަން ޑޮލަރެވެ.