މިސްކިތް

ހުޅުމާލޭގައި "މަސްޖިދު މުހައްމަދު" ހުޅުއްވައިފި

ހުޅުމާލޭގައި ބިނާކޮށްފައިވާ "މަސްޖިދު މުހައްމަދު" ރަސްމީކޮށް ހުޅުވައިފި އެވެ. މިސްކިތް ހުޅުއްވައި ދެއްވީ މިއަދު ހަވީރު ހުޅުމާލޭގައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

"މަސްޖިދު މުހައްމަދު" އަކީ ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި އީމާރާތްކޮށްފައިވާ މިސްކިތެކެވެ. އެއީ 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތުގައި އަންހެނުންނަށް ހާއްސަކޮށް ނަމާދުކުރެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މި މިސްކިތް އިމާރާތް ކުރަން ފަށާފައިވަނީ ޖުލައި 18، 2019 ގައެވެ. އަދި މިއަހަރުގެ 10 އޮކްޓޫބަރު ވީ އާދިއްތަ ދުވަހު މި މިސްކިތުގައި އިތުރަށް ފުރިހަ މަކުރަން ހުރިކަންކަން ވަނީ މުޅިން ފުރިހަމަކޮށް ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިސްކިތް ހުޅުއްވައިދެއްވުމަށްފަހު މި މިސްކިތުގައި މިއަދުގެ އަސުރު ނަމާދު ވަނީ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްގެ އިތުރުން މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހުމަދު ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.