ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން ނުވަތަ ޔޫޓީއައި އަކީ ކުޑަކަމުދާނިޒާމްގައި ޖަރާސީމު އުފެދުމެވެ. މީގެ ސަބަބުން، އަބަދު ނުވަތަ އިރުއިރުކޮޅުން ކުޑަކަމުދާން ބޭނުންވުމާއި ކުޑަކަމުދާއިރު ނިކަން ދިލަގަދަ ވޭނެއް އަޅަ އެވެ. މިއީ ކުޑަކަމުދާ ނިޒާމަށް އެންމެ އާންމުކޮށް ދިމާވާ މައްސަލަތަކުގެ ތެރެއިން މައްސަލަ އެކެވެ.
ޔޫޓީއައި ޖެހެނީ، ހަށިގަނޑުން ކުޑަކަމުދާ ނަޖިސް ބޭރުކުރުމަށް ބޭނުންކުރާ މައި މަގު ކަމުގައިވާ ޔޫރެތުރާގައި ބެކްޓީރިއާ އުފެދިގެންނެވެ. އެހެން ނަމަވެސް ކުޑަކަމުދާނިޒާމުގެ ކޮންމެ ތަނެއްގައި އަދި ކޮންމެ ދިމާލެއްގައި ވެސް ބެކްޓީރިއަލް އިންފެކްޝަން އުފެދިދާނެ އެވެ. މިސާލަކަށް ކިޑްނީ، ޔުޓެރަސް، ބްލެޑާ ނުވަތަ ޔޫރެތުރާ އެވެ.
އާންމުގޮތެއްގައި ކުޑަކަމުދާ ބާވަތްތައް ހަށިގަނޑުން ބޭރުކޮށްލާއިރު ބެކްޓީރިއާ ވެސް އެއާއެކު ބޭރުކޮށްލަ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މި ބެކްޓީރިއާ އަމިއްލައަކަށް ސާފެއް ނުވެ އެވެ. ބެކްޓީރިއާ ޔޫރެތުރާ ނުވަތަ ކޮންމެހެން އެހެން ތަނެއްގައި ހިފައި އިތުރުވެގަންނަނީ އެވެ.
މިގޮތަށް ބެކްޓީރިއާގެ މައްސަލަ ބޮޑުވުމުން، ކުޑަކަމުދާއިރު ބައެއް އަންހެނުންނަށް ދިލައެއް އިހްސާސްކުރެވިދާނެ އެވެ. ބައެއް މީހުންނަށް އެ ތަދު އިހްސާސްކުރެވޭ ގޮތް ތަފާތުވެދާނެ އެވެ. މިސާލަކަށް ދަށްބަނޑުގައި ރިއްސައިގަނެފައި ހުރެދާނެ އެވެ. ނުވަތަ ހަމަ ކުއްލިއަކަށް ހުން ވެސް އަތުވެދާނެ އެވެ.
އެހެންވީމަ މި މައްސަލަ ދިމާވެއްޖެ ނަމަ ހަދާނީ ކިހިނެތް ހެއްޔެވެ؟
ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމު
ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. އެކަމަކު މިފަދަ ސިއްހީ މައްސަލަތަކުގައި ތަޖުރިބާކާރެއްގެ އެހީ ހޯދަން ފަސްޖެހޭ މީހުން ތިބޭކަން ފާހަގަކޮށްލަން ޖެހެ އެވެ.
މިގޮތަށް ފަރުވާކުޑަކޮށްލުމަކީ ނުވަތަ އެހެން ކަމަކާ ހުރެ ވެސް ޑޮކްޓަރެއްގެ ލަފާ ނުހޯދައި ނުވަތަ ފަރުވާ ނުނަގައި މަޑުކޮށްލުމަކީ އިންފެކްޝަން ބޮޑުވެ އޭގެ ނުރައްކަލަށް ކުޑަކަމުދާ ނިޒާމްގެ އެހެން ބައިތައް ވެސް ހުށަހެޅިގެން ދާނެ ކަމެކެވެ. މިސާލަކަށް ކިޑްނީ އަށް ވެސް އިންފެކްޝަން އެރުމުގެ ފުރުސަތު އޮވެ އެވެ.
ޑޮކްޓަރަށް ދެއްކީމަ އެންމެ ފުރަތަމަ ވެސް ހަދާނީ ޓެސްޓެކެވެ. ސަބަބަކީ މައްސަލަ އަކީ ސީދާ ޔޫޓީއައި ކަން ދެނެގަންނަން ޖެހޭތީ އެވެ. މިހެން ކަންތައް ކުރަން ޖެހެނީ، އީސްޓް އިންފެކްޝަންގައި ވެސް ޔޫޓީއައިއާ އެއްގޮތް ނިޝާންތަކެއް ފެންނާތީ އެވެ.
ޔޫޓީއައި އަށް ޕޮޒިޓީވްވުމުން ޑޮކްޓަރު ދޭނީ ފުރަތަމަ ވެސް އެންޓިބަޔޯޓިކެވެ.
މި ފުރަތަމަ ފިޔަވަޅުގެ ފަރުވާ ލިބިގަތުން މުހިންމުވާ ހާލަތްތަކެއް ވެސް އަންހެނުންނަށް އާދެ އެވެ. މިސާލަކަށް ބަލިވެ އިންދައި ކުޑަކަމުދާނިޒާމުގައި ބެޓްރީއާ އުފެދިއްޖެ ނަމަ އަވަސް ފަރުވާ ހޯދުން މުހިންމެވެ. ސަބަބަކީ ފަރުވާ ނުހޯދައިދި ނަމަ މިއީ ދުވަސްނުފުރާ ވިހެއުމަށް މަޖުބޫރުކުރާ ފަދަ ހާލަތެއް މެދުވެރިކުރުވަފާނެ ކަމަކަށް ވާތީ އެވެ.
އަވަސް ފަރުވާ
ޑޮކްޓަރަކަށް ދައްކައިގެން ނަގަން ފަށާ އެންޓިބަޔޯޓިކްސް އިން ޔޫޓީއައިގެ ވޭންގަނޑު ކަނޑުވާލުމަށް ދެ ތިން ދުވަސް ނަގާނެ އެވެ. ނަމަވެސް ޑޮކްޓަރަކަށް ދެއްކުމަށް ކިޔޫއެއްގައި ޖެހުމަކީ އާންމު ކަމަށްވާއިރު ކުޑަކަމުދާ ނިޒާމުގެ މިފަދަ މައްސަލައެއްގައި މަޑުކޮށްލައިގެން ނުވެސް ހުރެވޭނެ އެވެ. އަދި އެންޓިބަޔޯޓިކްސްގެ ޖާދޫ ފެންނަން ދެން މަޑުކުރާކަށް ވެސް ބޭނުމެއް ނުވާނެ އެވެ.
އެހެންވީމަ އަވަސް ފަރުވާއެއްގެ ގޮތުގައި ވީހާ ވެސް ގިނައިން ފެން ބިއުމަކީ ތަޖުރިބާކާރުންގެ ލަފަ އެކެވެ. މިއީ ގިނަގިނައިން ކުޑަކަމުދިއުމަށް މަޖބޫރުކުރުވާނެ ކަމެކެވެ. އަދި ހަމަ އެއާއެކު ވޭން އިހްސާސްކުރަން ޖެހޭ ކަމަކަށްވިޔަސް މިއީ ޔޫރެތުރާގައި ހަރުލާފައިވާ ބެކްޓީރިއާގެ ބައިގަނޑު ދޮވެލުމަށް ދެވޭ ބާރެކެވެ.
ފެންބުއިމުގެ އަނެއް ފައިދާ އަކީ ކުޑަކަމުދާތަކެތި ސާފުކޮށް އެއިން ދުވާ ނުބައި ވަސް ނައްތާލުމެވެ.
އެތައް ފަހަރަކު ވެސް ޔޫޓީއައި ޖެހިދާނެ
އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ ވަރަށް ގިނަ ސަބަބުތަކެއް މީގައި އެބަހުއްޓެވެ. ޔޫޓީއައި އެނބުރި އަންނަ އެންމެ ބޮޑު އަދި އެންމެ އާންމު ސަބަބަކީ ޑޮކްޓަރު ދޭ އެންޓިބަޔޯޓިކްސް ނަގައި ހުސްނުކުރާތީ އެވެ.
މި ގޮތަށް ޑޮކްޓަރު ވަކި މުއްދަތަކަށް ދޭ ބޭސް ނުނެގުމަކީ ކުޑަކަމުދާނިޒާމްގައި ހަރުލާފައި ހުންނަ ބެކްޓީރިއާތަކުގައި އަލުން ވަރު ޖެހި ކުރިއަށް ވުރެ ގަދަފަދަކޮށް ތެދުވުމުގެ ފުރުސަތު އެ ބެކްޓީރިއާތަކަށް ލިބިގެންދާ ކަމެކެވެ.
އެހެންވީމަ ރަނގަޅުހެން ހީވިޔަސް ޑޮކްޓަރު ވަކި މުއްދަތަކަށް ބޭސް ދީފި ނަމަ ބޭސް ނަގައި ހުސްކުރައްޗެވެ.
މީގެ އިތުރުން އަންހެނުން އަންހެނުންނަށް ވުމަކީ ވެސް ޔޫޓީއައިގެ ނުރައްކާ އިތުރުކޮށްދޭ ކަމެކެވެ. ފިރިހެނުންނާ އަޅާބަލާއިރު އަންހެން މީހާގެ ޔޫރެތުރާ (ނުވަތަ ޔޫރިން ބޭރުކުރާ މަގު) ކުރެވެ. މިއީ ބެކްޓީރިއާތައް އަށަގަނެ އާލާވުމަށް ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ.
ޖިންސީގުޅުމުން ވެސް ޔޫޓީއައި އަރާފާނެ
އެކަމަކު މިއީ ޖިންސީގުޅުމުން ގައިން ގަޔަށް އަރާ ޒާތުގެ ނުވަތަ (އެސްޓީޑީ) އޭ މިކިޔާ ކަހަލަ ބައްޔެއް ނޫނެވެ. އެކަމަކު ޖިންސީ ގުޅުން ހިންގައިގެން ވެސް ކުރިމަތިވެދާނެ މައްސަލަ އެކެވެ.
އެހެންވާ ގޮތަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ ވެޖައިނާ އާއި ޔޫރެތުރާ މި އިންނަނީ ނިކަން ގާތުގަ އެވެ. ގާތްގަނޑަކަށް ޖެހިޖެހިގެންނެވެ. މިހެން ވުމުގެ ސަބަބުން، ވަޖައިނާގައި އުފެދޭ ނުވަތަ ބޭރުގައި އުފެދޭ ބެކްޓީރިއާތައް މަޑުމަޑުން ދެމެމުން ގޮސް ޔޫރެތުރާ އަށް ވަނުމުގެ ފުރުސަތު އަބަދުވެސް އޮވެ އެވެ.
ތަޖުރިބާކާރުން ބުނަނީ ޖިންސީގުޅުމުގެ ސަބަބުން ޔޫޓީއައި ޖެހުން ހުއްޓުވުމަށް އޮތް އެންމެ ރައްކާތެރި ގޮތަކީ ގުޅުން ހިންގުމަށް ފަހު ކުޑަކަމުދިއުން ކަމަށެވެ. އަދި އެއަށް ފަހު ސާފުކޮށްލުން ކަމަށެވެ.
ޔޫޓީއައި ޖެހޭ ސަބަބަކަށް ހުރަސްވެސް ވެދާނެ
ކޮންޑަމްގެ އިތުރުން ބާތު ކޮންޓްރޯލް ބޭސްތަކާއި އެހެނިހެން ބާވަތްތަކަކީ ވެސް ކުޑަކަމުދާ ނިޒާމުގައި މައްސަލަ އުފައްދަފާނެ ސަބަބުތަކެކެވެ. އަންހެނުންނަށް ހާއްސަ ކޮންޑަމަކީ ވެސް ބެކްޓީރިއާ އަށް ޖާގަ ތަނަވަސްކޮށްދިނުމުގައި ރޯލެއް ކުޅޭ އެއްޗެކެވެ.
މިފަދަ އާލާތެއް ބޭނުންކުރުމުގެ ސަބަބުން ވެޖައިނާގެ ވަށައިގެން ހުންނަ ހަމުގެ ފަށަލަ ހިރުވަން ފަށަ އެވެ. ހަންގަޑަށް މިގޮތަށް ގެއްލުންވުމުން އެތަނުގައި ބެކްޓީރިއާ އަށަގަނެ އެވެ.
ކްރޭންބެރީ ޖޫހަކީ ވަރަށް މޮޅު ފަރުވާއެއް!
މިއީ އެންމެނަށް ވެސް އެނގޭ ނިކަން އާންމުކޮށް ބޭނުންކުރެވޭ ފަރުވާއެއް ވެސްމެ އެވެ. އެހެން ނަމަވެސް އެނގޭ ހެއްޔެވެ؟ އިންފެކްޓްވެފައިވާ ނަމަ ހަމައެކަނި ކްރޭންބެރީ ބޮއެގެން އެކަން ރަނގަޅެއް ނުކުރެވޭނެ އެވެ. ކްރޭންބެރީ އަކީ ބްލެޑާ ސާފުކޮށްދޭ ޖޫހެކެވެ.
މީގެ އިތިރުން ޑީހައިޑްރޭޓްވުމުން ސަލާމަތްވުމަށް ވެސް ކްރޭންބެރީގެ މުހިންމުކަން ބޮޑެވެ. ކްރޭންބެރީގެ ބޭނުމަކީ ބެކްޓީރިއާ ބަލިކަށިކޮށްލުމެވެ.
ޒުވާން އަންހެނާގެ މައްސަލައެއް ނޫން
ޒުވާން އަންހެނުންނަށް ޔޫޓީއައި ޖެހޭ މިންވަރު ދޮށީ އުމުރުގެ އަންހެނުންނާ އަޅާބަލާއިރު އިތުރުވެދާނެ އެވެ. އެކަމަކު މީގެ މާނަ އަކީ، އުމުރުން މައްޗަށް ދިއުމަކީ ޔޫޓީއައިގެ ނުރައްކާ އަންހެން މީހާ އަށް ކުޑަކޮށްދޭ ކަމެކޭ ނޫނެވެ.
ޑޮކްޓަރުން ބުނަނީ އުމުރުން މައްޗަށްދާ ވަރަކަށް ޔޫޓީއައިގެ ނުރައްކާ ހަގީގަތުގައި ބޮޑުވަމުންދާނެ ކަމަށެވެ. ސަބަބަކީ އަންހެން މީހާގެ އުމުރުގެ ވަކި ހިސާބަކުން ވެޖައިނާ އާއި ޔޫރެތުރާގެ މަސްތަކަށް ބޮޑެތި ބަދަލުތަކެއް އައުމެވެ. މީގެ ސަބަބުން ބެކްޓީރިއަލް އިންފެކްޝަނެއް އަށަގަތުމަށް މާ ބޮޑަށް ފަސޭހަކޮށްދެ އެވެ.