އދ. އޮމަދޫ

އޮމަދޫ ކައުންސިލަށް ފުރަތަމަ ފަހަރަށް ރައީސަކާ ބަދަލުވެއްޖެ

Oct 14, 2021
2

ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލަރުން އިންތިހާބު ކުރަން ފެށި ފަހުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކު ފުރަތަމަ ފަހަރަށް އދ. އޮމަދޫ ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި އޮމަދޫ ކައުންސިލާ ފުރަތަމަ ފަހަރަށް ބައްދަލުކުރެއްވި ރައީސަކަށް ވެވަޑައިގެންފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުން ވެސް ވަނީ މިއަދަކީ އެ ކައުންސިލްގެ ތާރީހުގައި ރައީސަކާ ބައްދަލުކުރުމަށް ލިބުނު ފުރަތަމަ ފުރުސަތު ލިބުނު ދުވަސް ކަން ފާހަގަކުރައްވާ ރައީސް ސޯލިހަށް ޝުކުރު އަދާކުރައްވާފަ އެވެ.



މިބައްދަލުވުމުގައި އޮމަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްގީއަށް އެންމެ މުހިއްމު ކަންކަމާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވައި އެކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

އެގޮތުން ކައުންސިލަރުން އެންމެ ބޮޑަށް ފާހަގަކުރައްވާފައިވަނީ އޮމަދޫގެ ބަނދަރު ހަލާކުވުމާއި ތިލަވަމުންދާތީ ބަނދަރު ބޭނުންކުރުމުގައި ދިމާވާ ދަތިތަކެވެ. ރަށުގެ ބޮޑު ބައެއް ގިރަމުންދާތީ ހުރި ކަންބޮޑުވުންތަކާއި، ނަރުދަމާ މަސައްކަތް ނިމުނުތާ އަހަރެއްވީ އިރު ނަރުދަމާގެ ހިދުމަތް ނުފެށި ލަސްވެފައިވާ މައްސަލަ ވެސް ފާހަގަކުރެއްވި އެވެ. އަދި ކުޅިވަރު ކުޅުމަށް ބޭނުންވާ ވަސީލަތްތަކާއި، ސްކޫލްގެ ކްލާސްރޫމްގެ ޖާގައިގެ ދަތިކަމާއި، ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލަރުން ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ރައީސް ސޯލިހް ވަނީ ކައުންސިލުން ހުށަހެޅި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރެއްވުމަށްފަހު އެކަންތައްތައް އިސްކަންދޭ ތަރުތީބަކުން ފުރިހަމަކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ އަންނަ އަހަރު ބަޖެޓުގައި ހިމަނައިގެން އޮމަދޫގައި އާ ސިއްހީ މަރުކަޒެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ނިންމާފައިވާ ކަމަށް ފާހަގަކުރައްވާފަ އެވެ. އަދި މިއަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ރަށުގެ ނަރުދަމާ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.