އެޗްޕީއޭ

އިންފްލުއެންޒާ ފެތުރެނީ، މި މަހު 192 ކޭސް

މި ދުވަސްވަރަކީ އަރިދަފުސް ރޯގާ، ވައިރަލް ހުން އަދި އިންފްލުއެންޒާ ފަދަ ބަލިތައް ވަރަށް ބޮޑަށް ފެތުރެމުންދާ ދުވަސްވަރެއް ކަމުން ރައްކާތެރި ފިޔަވަޅުތަކުގައި ހިފެހެއްޓުމަށް ހެލްތް ޕްްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ މިހާތަނަށް 11،008 މީހަކު ރޯގާ ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަރިދަފުސް ރޯގާގެ އިތުރުން މިދިޔަ މަސްތަކުގައި ރިޕޯޓްކޮށްފައިވާ އަދަދުތަކާއި އަޅާބަލާއިރު އިންފްލުއެންޒާ އަށް ޕޮޒިޓިވްވާ އަދަދުވެސް އިތުރުވަމުންދާ ކަމަށެވެ. އެ ގޮތުން މި މަހުގެ މިހާތަނަށް އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 432 ސާމްޕަލްގެ ތެރެއިން 192 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

މިއަހަރުގެ މިހާތަނަށް އިންފްލުއެންޒާއަށް ޓެސްޓް ކުރެވުނު 1198 ސާމްޕަލްގެ ތެރެއިން 365 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

ކޮވިޑް-19 އެކޭ އެއްގޮތަށް އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާއަކީވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް އެޅުމަށް ވަނީ އެދިފައެވެ.

އިންފްލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންއެއް ވަނީ އުފައްދާފައެވެ. އެ ވެކްސިނަކީ އެޗް1 އެން1 އިންފްލުއެންޒާ ވައިރަސްގެ އިތުރުން ދެ ބާވަތެއްގެ އިންފްލުއެންޒާ ވައިރަސް އަކަށް އަމާޒުކޮށްގެން ހަދާފައިވާ ވެކްސިނެކެވެ. މި ވެކްސިން އެންމެ މުހިއްމު ވަނީ އިންފްލުއެންޒާ ޖެހިގެން ނުރައްކާވެފާނެ ފަދަ ކަމެއް ހުންނަ ފަރާތްތަކާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މިފަދަ ބަލިމީހުންނާ ކުރިމަތިލާންޖެހޭ ފަރާތްތަކަށެވެ. --ރާއްޖެއިން މިހާތަނަށް އެންމެ ގިނައިން ފެނިފައި ވަނީ އިންފްލުއެންޒާގެ ބާވަތެއް ކަމަށްވާ އެޗް3 އެން2 އެވެ --