އެމްއެންޑީއެފް

45 މޭލަށް ވައިގަދަވާނެތީ މޫސުމަށް ސަމާލުވުމަށް އެދިއްޖެ

Oct 14, 2021

ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ކަނޑުގަދަވެ ކޮޅިގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާތީ ކަނޑު ދަތުރުކުރާއިރު މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފި އެވެ.

ސިފައިން ދެންމެ ބުނީ މިރޭ ކަނޑު ދަތުރު ކުރާ އުޅަނދު ފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން މޫސުމާބެހޭ އެންމެފަހުގެ މައުލޫމާތު ހޯދުމަށްފަހު ދަތުރުތައް ރޭވުމަށް އެދޭ ކަަމަށެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ އިދާރާތަކަށް ދަތުރާއިބެހޭ މައުލޫމާތު އެންގުމަށާއި އަދި އުޅަނދު ފަހަރުގައި ލައިފްޖެކެޓާއި މުވާސަލާތީ ނިޒާމާއި ދިޔަހިއްކާ ޕަންޕު ފަދަ ތަކެތި ހުރީ ރަނގަޅަށްތޯ ޗެކް ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

"ހާއްސަކޮށް ސަލާމަތީ ގޮތުން ރައްކާތެރި ކަން ކުޑަ ކުދި އަނގަމަތި އުޅަނދު ފަހަރުގައި ރޭގަނޑު އަދި ވިއްސާރައިރު ދަތުރު ނުކުރުމަށް ކޯސްޓްގާޑުން އިލްތިމާސްކުރަމެވެ. މީގެ އިތުރުން މުދާ އުފުލާ އުޅަނދު ފަހަރުން މުދާ ބަރު ކުރުމުގައި ގަވާއިދު ތަކަށް އަމަލުކުރުމަށާއި ލައިސަންލުމުގައި ރަގަޅަށް އައްސާފައި ބެހެއްޓުމަށްވެސް ދަންނަވަމެވެ. އަދި ފަޅުތެރެޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި ކެޕްޓަނުން އޮޑިދޯނިފަހަރު ރަގަޅަށް ބެލެހެއްޓުމަށާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށްވެސް ދަންނަވަމެވެ،" ސިފައިންގެ އެންގެމުގައިވެއެވެ.