އިންސާނާ ކުރާ ޢަމަލުތައް ވަނީ ދެ ބަޔަކަށެވެ. އެއީ އެތެރެ ފުށުގެ ޢަމަލުތަކާއި ބޭރުފުށުގެ ޢަމަލުތަކެވެ. އެތެރެ ފުށުގެ ޢަމަލުތަކަކީ ހިތުގެ ޢަމަލުތަކެވެ. އޭގެ ތެރޭގައި، ބިރުވެތިވުމާއި، ލޯބިވުމާއި، ޔަޤީންކުރުމާއި، ތަވައްކަލުކުރުންފަދަ ކަންކަން ހިމެނެއެވެ. ބޭރުފުށުގެ ޢަމަލުތަކަކީ ގުނަވަންތަކުން ކުރާ ޢަމަލުތަކެވެ. މިއީ ޢަމަލުތަކުގެ ފެންނަން ހުންނަ ބައެވެ.
ބޭރުފުށް އިޞްލާޙު ކުރުމަކީ ޢަމަލުތައް ސުންނަތާ އެއްގޮތަށް ބެހެއްޓުމެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ގެންނެވި ކަތައްތަކުގެ މަތީގައި ސާބިތުވެހުރެ، ދީނުގައި ނެތް ކަންކަން ނުވަތަ ސާބިވުނުވާ ކަންކަމުން އެއްކިބާވުމެވެ. މިދީނުގައި ނެތް ކަމެއް ކޮށްފި މީހަކަށް އެކަންވަނީ ރައްދު ކުރެވިގެންނެވެ. އެޢަމަލުތައް ޤަބޫލު ނުކުރައްވާނެއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «مَنْ أحْدَثَ في أمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ». مُتَّفَقٌ عَلَيهِ މާނައީ: "ތިމަންމެންގެ މިކަމުގައި (އެބަހީ: އިސްލާމް ދީނުގައި) އޭގެ ތެރެއިން ނުވާކަމެއް ގެނެސްގެންފި މީހާ ދަންނާށެވެ! އެ ކަމެއްވަނީ އެ މީހަކަށް ރައްދުވެގެންނެވެ."
މިބަސްފުޅުގެ މުރާދަކީ، ދީނުގައި ނެތް ކަމެއް، އެއީ ހެޔޮ ޢަމަލެއްކަމުގައި ދެކިގެން ކުރި ނަމަވެސް އެ ކަމަކީ ސަވާބު ލިބޭނޭ ކަމެއް ނޫނެވެ. އަދިކިއެއްތަ، އެކަމަކީ، އެ ގޮތަށް ޢަމަލުކުރާ މީހެއްގެ މައްޗަށްވާ ގެއްލުމެއްކަމުގައި ނޫނީ ނުވެއެވެ.
އެތެރެފުށް އިޞްލާޙު ކުރުމަކީ، ތިމާ ކުރާ ހުރިހާ ޢަމަލުތަކެއްވެސް މާތް ﷲ އަށް އެކަނި ކުރުމެވެ. ތައުޙީދުގެ ޢަޤީދާގެ މަތީގައި ދެމިހުރު ކުރުމެވެ. ޢަމަލުތަކުގައި މާތް ﷲ އާ އެނޫން އެއްވެސް ފަރާތެއް ބައިވެރި ނުކުރުމެވެ. އަންނަނިވި އާޔަތުގެ ޝަރަޙައިގައި އަލްފުޟައިލް رحمه الله ވިދާޅުވެފައިވެއެވެ. ﴿ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً ﴾ (الملك 2) "އެއިލާހުއީ ދިރުމާއި މަރުވުން ލެއްވި އިލާހެވެ. އެއީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު ޢަމަލު ކުރަނީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ." މި ބަސްފުޅުގެ ޝަރަޙައަކީ "އެ ޢަމަލަކީ އެންމެ އިޚްލާޞްތެރި އެންމެ ސުންނަތާ އެއްގޮތަށް ކޮށްފައިވާ ޢަމަލަކަށް ވުމެވެ."
އިސްވެދެންނެވުނު ދެކަން؛ އެތެރެފުށުގެ ޢަމަލުތަކާއި، ބޭރުފުށުގެ ޢަމަލުތައް އިޞްލާޙުކޮށްގެން މެނުވީ ކާމިޔާބާއި ފަލާޙު ލިބިގެންވާ މީހެއްކަމުގައި ނުވާނެއެވެ. އެމީހެއްގެ އެތެރެފުށާއި ބޭރުފުށުން އީމާންވެގެން މެނުވީ، ތެދުވެރި އީމާނީއެއްގެ މަތީގައި ނުހުރެވޭނެއެވެ. މިވާހަކަތަކުގެ ޢަމަލީ މިސާލަކަށް ބަލައިލަމާތޯއެވެ!
މާތް ﷲ އަށް އިޚްލާޞްތެރިކަމާއެކު ތައުޙީދުގެ މަތީގައި ހުރެ ކުރާ ޢަމަލެއް ކަމުގައިވިޔަސް، ސުންނަތާ އެއްގޮތަށް ނުކުރާނަމަ، އެ ޢަމަލެއް ޤަބޫލު ނުކުރެއްވޭ ހުށްޓެވެ. މިސާލަކަށް، ފަތިސްނަމާދުގެ ދެ ރަކުޢަތުގެ ބަދަލުގައި ތިން ރަކުޢަތް ކޮށްފިނަމަ އެ ނަމާދު ބާޠިލުވާނެއެވެ. އެއީ ﷲ ގެ ވަޖުހަފުޅަށް ކުރި ޢަމަލެއް ކަމުގައިވީނަމަވެސް، ކީރިތި ރަސޫލާ صلى الله عليه وسلم ގެނެސްދެއްވި ގޮތާ ޚިލާފަށް ކޮށްފައިވާތީއެވެ. ކުދިބޮޑު އެންމެހައި ޢަމަލުތަކަށްވަނީ މިފަދައިންނެވެ.
ހަމައެފަދައިން އެ ޢަމަލަކީ ސުންނަތާ އެއްގޮތަށް ކުރެވޭ ޢަމަލެއްކަމުގައިވިޔަސް، އެ ޢަމަލުގައި އިޚްލާޞްތެރިކަން ނެތީވިއްޔާ ޤަބޫލު ނުކުރެއްވޭ ހުށްޓެވެ. ވީމާ، ޢަމަލުތައް ޤަބޫލު ކުރެއްވިގެންވަނީ މާތް ﷲ އަށް އިޚްލާޞްތެރިކަމާއެކު، ތައުޙީދުގެ މަތީގައި ހުރެ، ދީނުގައި އެންގެވި ގޮތަށް، ސުންނަތާ އެއްގޮތަށް ކުރެވޭ ޢަމަލުތައް އެކަންޏެވެ. މިކަން އަންގަވައި ވަޙީކުރައްވާފައިވެއެވެ. ﴿ فَمَن كَانَ يَرْجُو لِقَاء رَبِّهِ فَلْيَعْمَلْ عَمَلاً صَالِحاً وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَداً﴾ (الكهف 110) މާނައީ: "ފަހެ، އެމީހެއްގެ ވެރިރަސްކަލާނގެއާ ބައްދަލުވުމަށް އެދޭމީހާ ދަންނާށެވެ! ފަހެ، އެމީހާ ޞާލިޙު ޢަމަލުކުރާ ހުށިކަމެވެ! އަދި އެމީހާގެ ވެރިރަސްކަލާނގެއަށް އަޅުކަންކުރުމުގައި، އެއްވެސްމީހަކު ބައިވެރި ނުކުރާހުށިކަމެވެ!"
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. "އީމާންކަމުގެ ބޭރުފުށަކާއި އެތެރެފުށެއް ވެއެވެ. ބޭރުފުށުގެ އީމާންކަމަކީ، ދުލުން ބުނެއުޅޭ ބަސްތަކާއި، ގުންނަތަކުން ކޮށް އުޅޭ ޢަމަލުތަކެވެ. އެތެރެ ފުށުގެ އީމާންކަމަކީ ހިތުން ތެދުކޮށް ޤަބޫލު ކުރުމާއެކު ބޯލަނބައި ކިޔަމަންގަނެ، އެ ޢަޤީދާއަށް ލޯބިކުރުމެވެ. ވީމާ، އެތެރެ ފުށުގެ އީމާންކަން ނެތީވިއްޔާ ބޭރުފުށުގެ އީމާންކަމަކުން ފައިދާއެއް ނެތެވެ. އަދި އެތެރެ ފުށުގެ އީމާންކަން އޮތަސް އެއާއެކުގައި ބޭރުފުށުގެ އީމާންކަން ނެތީވިއްޔާ އެކަމުގެ ފައިދާއެއްވެސް ނެތެވެ."