އެފްރިކާގެ ހުޅަނގުގެ ދެ ރީޖަނެއްގައި ދިރިއުޅޭ ދެ ޗިމްޕަންޒީއަކަށް -- ރާމާމަކުނުގެ ބާވަތެއް -- ލެޕްރަސީ ޖެހުމުގެ ސަބަބުން އެ ރީޖަންތަކުގައި ދިރިއުޅޭ މީހުންގެ އިތުރުން ސައިންސްވެރިންނަށް ވެސް ހައިރާންކަން ލިބިއްޖެ އެވެ.
ލެޕްރަސީ އަކީ އިންސާނުންގެ މެދުގައި އާއްމު ބައްޔެކެވެ. އަދި ޑޮކްޓަރީ ފަރުވާ އިން މި ބަލި މިހާރު މުޅިން ފަސޭހަ ކުރެވެ އެވެ. ނަމަވެސް ހައިރާންވީ މީގެ ކުރިން ޖަނަވާރުންނަށް މި ބަލި ޖެހިފައިވާކަން އެނގިފައި ނުވާތީ އެވެ. އަދި މިއީ ޗިމްޕަންޒީންގެ ގައިން މި ބަލި ފެނުނު ފުރަތަމަ ފަހަރު ކަމަށް ވާތީ އެވެ.
ލެޕްރަސީ ޖެހިފައިވާ ދެ ޗިމްޕަންޒީންގެ ފޮޓޯތައް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު ފޮޓޯތަކުން ފެންނަނީ އެ ސޮރުމެންގެ މޫނުގައި ބޮޑެތި ފޮޅުތަކެއް ނަގާފައި ހުއްޓަ އެވެ. މީގެ ކުރިން ދުވަހަކުވެސް މި ބަލީގެ އަލާމާތެއްހާ ހިސާބު ވެސް ޗިމްޕަންޒީންގެ ގައިން ފެނިފައި ނުވެ އެވެ. މި ބަލި ޖެހިފައިވާ ދެ ޗިމްޕަންޒީން ތިބީ ހުޅަނގު އެފްރިކާގެ ދެ ރީޖަނުގެ ދެ ގައުމެއް ކަމަށްވާ ގިނީ ބިސާ ގައާއި އައިވަރީ ކޯސްޓް ގައެވެ.
ސައިންސްވެރިން ބުނެފައިވަނީ މި ދެ ޖަނަވާރުގެ ގައިން ފެނިފައިވާ ބަލީގެ ނިޝާންތައް އިންސާނުންނަށް ލެޕްރަސީ ޖެހުމުން ފެންނަ އަލާމާތްތަކާ ތަފާތު ކަމަށެވެ.
ޗިމްޕަންޒީންގެ ގަޔަށް ލެޕްރަސީ އެރީ ކިހިނެއް ކަމެއް އަދި ސައިންސްވެރިންނަކަށް ހޯދިފައެއް ނެތެވެ. ނަމަވެސް މި ދެ ޖަނަވާރުގެ ސަބަބުން އެ ސޮރުމެން ދިރިއުޅޭ ޖަންގަލީގެ ޖަނަވާރުތަކުގެ މެދުގައި މި ބަލި އާއްމު ވުމަކީ ވަރަށް ގާތް ކަމެއް ކަމަށް ސައިންސްވެރިން ބުނެފައި ވެއެވެ. އަދި ތަޖުރިބާކާރުންގެ ނަޒަރުގައި ޗިމްޕަންޒީ އަށް ލެޕްރަސީ ޖެހިފައިވަނީ އިންސާނުންގެ ފަރާތުންނެވެ. އެނޫން ގޮތަކަށް މި ބަލި އެ ސޮރުމެންނަށް ނާރާނެކަމަށް ވެއެވެ. ސަބަބަކީ ލެޕްރަސީ ޖެހި ފެތުރެން މެދުވެރިވާ މައިކޯބެކްޓީރިއަމް ލެޕްރީ ބެކްޓީރިއާ އަކީ ހަމައެކަނި އިންސާނުންގެ ހަށިގަނޑުގައި އުފެދޭ އެއްޗަކަށް ވާތީ އެވެ. އެހެންކަމުން މި ޖަނަވާރުންގެ ގަޔަށް ބަލި ވާސިލުވެފައިވަނީ އިންސާނުންގެ ކިބައިން ކަމަށް ސައިންސްވެރިން ގަބޫލު ކުރެ އެވެ.
ލެޕްރަސީ އަކީ ވަރަށް ސީރިއަސް ސިއްހީ މައްސަލަ އެކެވެ. މި ބަލި 1980ގެ ކުރިން ވަރަށް ބާރަށް ދުނިޔޭގައި ފެތުރިފައި ވެއެވެ. ނަމަވެސް އެންޓީބައޮޓިކްސް ދުނިޔެއަށް ތައާރަފްވުމާ ގުޅިގެން ވަރަށް ގިނަ ސަރަހައްދުތަކުން މުޅިން މި ބަލި ނައްތާލެވުނީ އެވެ.
ލެޕްރަސީ ޖެހިފައިވާ ދެ ޗިމްޕަންޒީން ވަރަށް ރަނގަޅަށް ދިރާސާކޮށް މި ސޮރުމެންނަށް ބަލި އެރިގޮތަކާއި މިސޮރުމެންގެ ގައިން އެހެން ޖަނަވާރުންނަށް ބަލި ޖެހުނު ނުދޭން ކުރެވިދާނެ ކަންތައްތައް ސައިންސްވެރިން މިހާރު ދަނީ ބަލަމުންނެވެ.