ކެނެޑާގެ އަންހެނަކު ނިދާފައި އޮއްވާ ބާލީސް މައްޗަށް ގިނި ހިލައެއް ވެއްޓި ވަރަށް ހަނި ގޮތަކަށް ފުރާނަ ސަލާމަތް ވެއްޖެ އެވެ. ގިނި ހިލަ ވެއްޓިފައިވަނީ އޭނާ ނިދާފައި އޮތް ކޮޓަރިއާ ދިމާ ފުރާޅު ފޫއަޅުވާލައިގެންނެވެ.
މި އަޖައިބެއް ފަދަ ހާދިސާ ހިނގީ މި މަހުގެ 3 ވަނަ ދުވަހުގެ ރޭ ކެނެޑާގެ ބްރިޓިޝް ކޮލަމްބިއާގެ ގޯލްޑަންގައި ރޭގަނޑު 11.50 ހާއިރު އެވެ.
ގިނި ހިލަ ވެއްޓިގެން އައިސް ފުރާޅުގައި ޖެހި ޓިނުގަނޑު ފޫއަޅުވާލާފައި ވަދެ ޖެހިފައިވަނީ 66 އަހަރުގެ މާމަ ރުތު ހެމިލްޓަން ބޯއަޅައިގެން އޮތް ބާލީހުގެ އެއް ފަރާތުގަ އެވެ. މިއީ ބޮޑު ގިނަހިލައެއް ދުނިޔޭގެ އެޓްމޮސްފިއާގައި ޖެހިފައި ފުނޑުފުނޑުވުމުން ބުރައިގެން ދާ ކުޑަ ހިލަކޮޅުތަކުގެ ތެރެއިން ހިލަކޮޅެކެވެ.
ކެނެޑާގެ ސީބީސީ ނިއުސް އަށް ދިން އިންޓަވިއު އެއްގައި ރުތު ހެމިލްޓަން ބުނީ އޭނާއަށް ހޭލެވުނީ ބާރު އަޑުފައްގަނޑެއް ގޮވައިގެން ކަމަށެވެ. ތެދުވެ ބަލާލިއިރު ބާލީހުގެ އެއްފަރާތުގައި ހިލަގަނޑެއް އޮއްވާ ފެނުނީ ކަމަށެވެ.
"އެ ހިލަގަނޑު ޖެހުމާއެކު ވަރަށް ބާރަށް އެއްޗެއް ގޮވިއަޑު އިވުނު. އަހަރެން ފުންމައިގެން ގޮސް ތެދުވެފައި ބޮކި ދިއްލިއިރު ބާލީސް ކައިރީގައި ހިލަގަނޑެއް އޮތް. އަދި އޭތި ޖެހުނު ވަގުތު ބުރައިގެން ދިޔަ އެތިއެތިކޮޅުތައް މަގޭ މޫނުގައި ވެސް ހުރި. އަހަރެން ހަދާނެގޮތް ހުސްވެގެން އިމަޖެންސީ ނަންބަރަށް ގުޅީ އަވަހަށް،" ރުތު ބުންޏެވެ.
ރުތު ގުޅުމުން ވަރަށް އަވަހަށް ޕޮލިސް އޮފިސަރުން އެ ގެއަށް އައެވެ. ފުލުހުން ބެލި ބެލުމުން އެއީ މީހަކު އެއްލި އެއްޗެއް ނޫން ކަމާއި އެހިސާބުގަނޑުގައި ކޮންސްޓަކްޝަން މަސައްކަތެއް ކުރާ އެއްވެސް އިމާރާތެއް ވެސް ނެތުމާއެކު އެއީ އެފަދަ ތަނަކުން އައި އެއްޗެއް ވެސް ނޫންކަން ޔަގީން ކުރެވުނެވެ. އެހެންވެ އޭނާގެ ފުރާޅަށް ވެއްޓުނީ ގިނަހިލައެއްކަން ފުލުހުން ވެސް ޔަގީންކޮށްދިން ކަމަށް ރުތު ބުންޏެވެ.
"އެކަން ދިމާވުމުން އަހަރެން ހުރީ ބިރުން ގޮސް ތުރުތުރު އަޅައަޅާ. އަހަރެން ފުރަތަމަ ހީކުރީ މީހަކު އަހަރެންގެ ފުރާޅަށް ފުންމާލިއްޔޭ. ނޫނީ ބަޑި ހިފައިގެން ވަދެ ބަޑި ޖެހިއްޔޭ. އެއީ މަތިން ވެއްޓުނު ހިލައެއްކަން އެނގުނީމަ ދެން ހިތްހަމަޖެހުނީ،" ރުތު ބުންޏެވެ.
އެ ހިލަގަނޑުން ރުތުގެ ބޮލުގައި ޖެހުނު ނަމަ އޭނާގެ ފުރާނައަށް ގެއްލުން ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއްވެސް ގެއްލުމެއް ނުވެ ސަލާމަތްވީތީ ރުތު ހުރީ އުފަލުންނެވެ. އޭނާ ބުނި ގޮތުގައި އެ ހިލަގަނޑު އޭނާގެ ދަރި ދަރިކޮޅަށް ދައްކަން ހަނދާނަކަށް ރައްކާކުރާނެ އެވެ. އަދި އޭނާގެ ފުރާޅުން ހަލާކުވި ތަން އިންޝުއަރެންސް އިން ކަވަރު ކޮށްދޭނެތީ އޭނާއަށް އިތުރު މައްސަލައެއް ދިމަލެއް ނުވާނެ އެވެ.
ނަމަވެސް ރުތު ބުނީ މަރުގެ މި އެތިފަހަރުން ސަލާމަތްވުމުން ދިރިއުޅުމާމެދު އޭނާ ދެކޭ ނަޒަރިއްޔާތު ބަދަލުވެއްޖެ ކަމަށެވެ. ހަޔާތުގެ ކޮންމެ ވަގުތުކޮޅަކީ ވެސް ކިހާ މުހިއްމު އެއްޗެއްކަމާއި އެންމެ ފަހު ވަގުތުކޮޅަކީ ކޮބައިކަން އެކަކަށް ނޭނގޭނެކަން މިއީ މިކަމުން ރުތުއަށް ލިބުނު އެންމެ ބޮޑު ފިލާވަޅު ކަމަށް އޭނާ ގަބޫލު ކުރެ އެވެ.