ލައިފްސްޓައިލް

އަހަރެންގެ ބައްޕަގެ 27 އަނބިންނާއި 150 ދަރިން ތިބޭ

ކެނެޑާގެ ޓީންއޭޖް ފިރިހެން ކުއްޖެއް ކަމަށްވާ މާލިން ބްލެކްމޯ ނިސްބަތް ވަނީ އާދަޔާ ހިލާފު ބޮޑު އާއިލާއަކަށެވެ. ފަހަރެއްގައި މާލިންގެ އާއިލާއަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ބޮޑު އާއިލާއަށް ވެދާނެ އެވެ. ބްރިޓިޝް ކޮލަމްބިއާގެ ބައުންޓިފުލްގައި ދިރިއުޅޭ މި އާއިލާގެ އިސް މީހަކީ 64 އަހަރުގެ ވިންސްޓަން ބްލެކްމޯ އެވެ. ވިންސްޓަން އަކީ މާލިންގެ ބައްޕަ އެވެ.

މާލިން ކިޔައިދިން ގޮތުގައި އޭނާގެ ބައްޕަ ވިންސްޓަންގެ 27 އަނބިން އެބަތިއްބެވެ. އަދި އެ މީހުންނަށް 150 ދަރިން ލިބިފައި ވެއެވެ.

މިހާރު 19 އަހަރުގެ މާލިން ޓިކްޓޮކްގައި ޝެއާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ އާދަޔާހިލާފު ބޮޑު އާއިލާގެ ވާހަކަ ދުނިޔެއަށް ކިޔައިދޭން ބޭނުން ވެގެން އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ނަމަވެސް މިހާ ދުވަސް ވަންދެން މަޑުކުރީ ހަމަ އެކަން ކުރަން ނުކެރިގެނެވެ. ނަމަވެސް މިހާރު އޭނާ ދިރި އުޅެނީ އެމެރިކާގައި ކަމަށް ވެފައި އެ ވާހަކަތައް ކިޔައިދެވޭ ވަރު ހާލަތަކަށް އޭނާގެ ދިރިއުޅުން އައިސްފައިވާ ކަމަށް ގަބޫލު ކުރެވޭތީ އެ ވާހަކަ ޝެއާ ކުރީ އެވެ.

މި އާއިލާ ބޮޑު ކަމުން ހުރިހާ ކުދިން ދަނީ އެ ކުދިންނަށްޓަކައި ހާއްސަކޮށް ތައްޔާރު ކޮށްފައިވާ ސްކޫލަކަށެވެ. ބޮޑެތިވާ ކުދިން މަންމައިން ކައިރީގައި އުޅުމުގެ ބަދަލުގައި ބޮޑެތި ކުދިން އެކުގައި ދިރިއުޅެނީ މޮޓެލް ހައުސްތަކުގަ އެވެ. އެމީހުންގެ ބޮޑު އާއިލާގެ ވާހަކަ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ގެނެސްދިނީ މާޓިން އާއި އޭނާގެ ދެ ބޭބެއިން ކަމަށްވާ މުރޭ، 19، އާއި ވޮރެން، 21، އެވެ.

މި ޒުވާން ތިން ކުދިން ކިޔައިދީފައިވާ ގޮތުގައި އެ މީހުންގެ ބައްޕަ ވިންސްޓަންގެ 27 އަނބިން ތިއްބަސް ދަރިން ލިބިފައިވަނީ 22 އަނބިންނަށެވެ. އަދި މި 22 އަނބިންގެ ތެރެއިން 16 މީހުން އަދިވެސް ތިބީ ވިންސްޓަން އާ ކައިވެނި ކޮށްގެންނެވެ.

ވިންސްޓަންގެ ހުރިހާ ކުދިން ވެސް ޓްރެއިން ކޮށްފައި ވަނީ އެކުދިންގެ ބައޮލޮޖިކަލް މަންމަ ނުވަތަ އެކުދިން އުފަން ކުރި މަންމަ އަށް "މަމް" އޭ ކިޔާ ގޮތަށެވެ. އެކުދިންގެ ދޮންމަންމަތަކަށް ގޮވަން ޖެހެނީ "މަދާ" ކިޔާފަ އެ މީހަކަށް އާންމުކޮށް ކިޔާނަން ފަހަތަށް ލާފަ އެވެ.

މާލިން ބުނި ގޮތުގައި އޭނާގެ ބައްޕަގެ ގިނަ ގެތަކެއް ހުންނައިރު ކޮންމެ ގެއެއްގައި އުޅެނީ ދެ އަނބިންނާއި އެ މީހުންގެ ކުޑަޔަށް ތިބޭ ކުދިންނެވެ. މީގެން ކޮންމެ ގެއެއް ހުންނަނީ ދެ ބުރިއަށެވެ. ކޮންމެ އަންބަކަށް ފްލޯ އެކެވެ. އެތަނުގައި ކުދި ޅަ ދަރިންނާއެކު އެ އަންބަކު އުޅެ އެވެ.

މާލިންގެ ބޭބެ ވޮރެން ބުނި ގޮތުގައި އޭނާގެ ބައްޕަގެ އަނބިންގެ ތެރޭގައި އެއްބަނޑު އެއްބަފާ ތިން ބެއިންގެ ދެ ގްރޫޕަކާއި ހަތަރު ބެއިންގެ ގްރޫޕްތައް ވެސް ހިމެނެ އެވެ.

މާލިން ގަބޫލުކުރާ ގޮތުގައި އޭނާ އަކީ އެއްމާބަނޑު ތިން ކުދިންގެ ތެރެއިން އެއް ކުއްޖެކެވެ. ސަބަބަކީ އޭނާ އުފަންވީ ދުވަހު އޭނާގެ އެހެން ދެ ދޮންމަންމައަކަށް ވެސް ދަރިން ލިބިފައިވާތީ އެވެ.

މާލިންގެ އަނެއް ބޭބެ މުރޭ އުފަންވީ އަހަރު އޭނާއާއެކު 12 ބޭން އޭނާގެ ބައްޕައަށް ލިބުނެވެ. މި ހުރިހާ ކުދިންގެ ނަން ވެސް ފެށިފައި ވަނީ "އެމް" އަކުރުންނެވެ.

އާއިލާގެ ހުރިހާ ކުދިންގެ އުފަން ދުވަސް ވެސް މި އާއިލާއިން ވަރަށް ކުލަގަދަކޮށް ފާހަގަކުރާއިރު ޚާއްސަ މުނާސަބަތުތައް ބާއްވަނީ ބޮޑެތި ހޯލުތަކުގަ އެވެ.

މާލިން ބުނި ގޮތުގައި 2017 އިން ފެށީގެން އޭނާ އާއި އޭނާގެ ބައްޕައާ އެއްވެސް ގުޅުމެއް ނެތެވެ. އޭނާގެ ބައްޕަ ވިންސްޓަން ބްލެކްމޯ އެއްފަހަރާ މާ ގިނަ މީހުންނާ ކައިވެނިކޮށްގެން އުޅޭތީ ކުށްވެރިވެގެން ހަ މަސް ދުވަހަށް ގޭގައި ބަންދުކުރި ކަމަށް މާލިން ބުންޏެވެ.

މާލިން އާއި އޭނާގެ ދެ ބޭބެއިން މިހާރު މާ ދުރުގައި ވަކި ދިރިއުޅުމެއް އުޅެން ފެށި ނަމަވެސް އެއްބަނޑު އަދި އެއްބަފާ ކުދިންނާ އެމީހުންގެ ގުޅުން ވަރަށް ރަނގަޅުކަމަށް މި ތިން ބޭން ބުނެފައި ވެއެވެ.