ދުނިޔެ

ތުރުކީން ތާލިބާނުންނަށް ނަސޭހަތެއް

ތާލިބާނުންގެ ވަފުދެއް މިހާރު ގޮސް އުޅެނީ ތުރުކީގަ އެވެ. އަފްޣާން ހިންގުމުގައި މަޝްވަރާ އާއި އެހެނިހެން އެހީތެރި ކަމަށް އެދިގެންނެވެ.

ތުރުކީގެ ފޮރިން މިނިސްޓަރު، މަވްލޫތު ޗަވްސޯލޫ ތާލިބާނުންނަށް މަރުހަބާ ދަންނަވައި ވަނީ އޯގާތެރިކޮށް ހިއްތަވާފަ އެވެ.

އަފްޣާންގެ ވަގުތީ ފޮރިން މިނިސްޓަރު އަމީރު ޚާން މުއްތަގީ އާއެކު ބޭއްވި ނޫސް ކޮންފަރެންސެއްގައި ބައިވެރިވަޑައިގެން މަވްލޫތު ވިދާޅުވީ އަފްޣާން އޮތް ހާލަތާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި ދުނިޔެ ދައްކާ ވާހަކަތައް ތާލިބާނުން ވެސް އަޑުއަހާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މަވްލޫތު ޗަވްސޯލޫ ތާލިބާނުންނަށް ދެއްވި އެންމެ ބޮޑު ކަށަވަރު ކަމަކީ ތުރުކީގެ އެހީތެރިކަން އަފްޣާާނަށް އޮންނާނެ ކަމެވެ. ވަޒީރު ވިދާޅުވީ ތުރުކީން އަފްޣާނަށް މިހާރު ވެސް ފޯރުކޮށްދޭ އިންސާނީ އެހީތެރިކަން ކުރިއަށް ދާނެ ކަމަށާއި އިތުރު އެހީތެރިކަމާ މެދު ވިސްނަ ވަޑައިގަންނަވާނެ ކަމަށެވެ.

ވަޒީރު ވިދާޅުވި ގޮތުން ތާލިބާނުން ކޮށްދޭންވީ ކަމަކީ ބަހާއި އަމަލާ ދިމާކުރުމެވެ. އަފްޣާން ސަރުކާރުގައި ބައިމަދު އެހެނަސް މުހިންމު ގަބީލާ / ވަންހަތައް ވެސް ބައިވެރިކުރުމެެވެ. ކަނބަލުން ގޭބަންދުން ވީއްލުމާއި ތައުލީމާއި ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމެވެ.

ތާލިބާނުން އޮގަސްޓް 15 ގައި އަފްޣާންގައި ވެެރިކަން ކުރަން ފެށިފަހުން ތުރުކީ އޮފިޝަލުންނާ ރަސްމީކޮށް މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ. މަވްލޫތު ޗަވްސޯލޫ ކުރިން ވިދާޅުވި ގޮތުން ތާލިބާނުންގެ އިސް ވެރިއަކާ ބައްދަލުވެ ވަޑައިގެންފައި ނުވެ އެވެ. އެހެން ނަމަވެސް އެކަމަށް އިންތިޒާރުކުރައްވާ ކަމަށް ވަޒީރު އޮތީ ވިދާޅުވެފަ އެވެ.

ތާލިބާނުން ތުރުކީއަށް ދިން ޔަގީންކަމަކީ ރެފިއުޖީންނަށް ކަމޭ ހިތާނެ ކަމެވެ. އަދި ބޭރު ގައުމުތަކުގައި ތިބި އަފްޣާން ރެފިއުޖީން ގައުމަށް އެނބުރި ދިއަ ނަމަވެސް ނުރައްކަލެއް ނޯންނާނެ ކަމެވެ.

ތުރުކީގެ ވާހަކަތަކަށް ރިޔާއަތް ކުރާނެ ކަމަށް ތާލީބާނުން ބުންޏެވެ. ސަރުކާރު ހިންގުމަށް ބަދަލު ގެންނާނެ ކަމަށާއި މަޝްވަރާތަކަށް އަމަލުކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވެސް ބުންޏެވެ.