ދަނގެތި

މަހްމޫދުގެ ހަށިގަނޑު ދަނގެއްޗަށް، ޖަނާޒާ އަސުރަށް ފަހު

މަރާލާފައި އޮއްވާ އިއްޔެ ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ ހަށިގަނޑު މާލެ ގެނެސް ޓެސްޓްތަކެއް ހަދައިފި އެވެ. މަހުމޫދުގެ ހަށިގަނޑު ފުލުހުންގެ ލޯންޗެއްގައި ދަނގެތިން ފުރުވާލީ އިރުއެރުމާއި ދާދި ގާތްވެފައިވަނިކޮށެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ އިތުރު ތަހުލީލުތަކަކަަށް މަހުމޫދުގެ ހަަށިގަނޑު މާލެ ގެނެސްފައިވާ ކަމަށެވެ. އަދި އެ ތަހުލީކުތަކަށް ފަހު މީގެ ސާޅީހަކަށް މިނެޓް ކުރީން މަހުމޫދުގެ ހަށިގަނޑު ވަނީ އަނބުރާ ދަނގެއްޗަށް ފުރުވާލާފައެވެ. ތަހުލީލުތައް ކޮށްފައިވަނީ އައިޖީއެމްއެޗްގައެވެ.

އާއިލާގެ މީހަކު ދެންމެ ބުނީ މަހްމޫދުގެ ހަށިގަނޑު ރަށަށް ގެނެވުމާއެކު ޖަނާޒާގެ ކަންކަން ކުރިއަށް ގެންދަން ބޭނުންވާ ކަމަށެވެ. މިހާރު މަސައްކަތް ކުރަމުން ދަނީ އަސުރު ނަމާދަށް ފަހު ޖަނާޒާ ކުރިއަށް ގެންދާށެވެ.

"މިހާރުވެސް އަޅުގަނޑުމެންނަށް ލަސްވެއްޖެ. މިއީ ކެތްކުރަން ދަތި ހިތާމައެއް ނަމަވެސް އަޅުގަނޑުމެންގެ މައްޗަށް އޮތީ ހަށިގަނޑު ވީހާވެސް އަވަހަށް ވަޅުލުން. ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށް ހަށިގަނޑު މާލެ ފޮނުވާން އެއްބަސްވީވެސް،" މާލޭގައި ހުރި އެ އާއިލާގެ މެންބަރަކު ބުންޏެވެ.

ފުލުހުން ބުނީ މަހްމޫދުގެ މަރާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.

މަހްމޫދުގެ މަރާ ގުޅިގެން ތިން މީހަކު ފުލުހުންގެ ހިމާޔަތުގައި އެބަ ތިއްބެވެ. އޭގެ ތެރެއިން ދެ މީހަކީ އެ މަރުގެ ފަހަތުގައިވާ މީހުން ކަމަަށް ދަނގެތީ މީހުން ދެކެއެވެ. ދެން ހުރީ އެ ދެ މީހުންނާއެކު އުޅޭ އަންހެނެކެވެ.

އެ ތިން މީހުން ދަނގެތީ ޕޮލިސް ޝްޓޭޝަންގައި ތިބިއިރު އެކަމާ ގުޅޭގޮތުން ފުލުހުން ވާހަކައެއް ނުދެއްކިއެވެ.