އެމްޑީޕީ

އެމްޑީޕީން އިނގުރައިދޫ ދާއިރާގެ ވޯޓުލުން އަލުން ބާއްވަނީ

Oct 15, 2021

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އިނގުރައިދޫ ދާއިރާގެ ވޯޓާއި ގުޅޭ ޝަކުވާތައް ބެލުމަށްފަހު އެ ދާއިރާގެ ވޯޓުލުން އަލުން ބޭއްވުމަށް ނިންމައިފި އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކު ބޭއްވީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

އެމްޑީޕީން ބުނީ އެ އިންތިހާބުގައި އިނގުރައިދޫ ދާއިރާގެ ވޯޓާއި ގުޅޭ ޝަކުވާތަކެއް، ޝަކުވާ ހުށަހަޅާ ކޮމިޓީން ބެލުމަށްފަހު ދީފައިވާ ލަފައަށް ރިއާޔަތް ކުރުމަށްފަހު އިންތިޚާބާ ބެހޭ ކޮމިޓީން އެ ދާއިރާގެ ވޯޓު އަލުން ނެގުމަށް ނިންމާފައިވާ ކަމަށެވެ.

އިނގުރައިދޫ ދާއިރާގެ ވޯޓުލުން އަލުން ބޭއްވުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 23 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ. ވޯޓުލުން ބޭއްވުމަށް ހަމަޖައްސާފައިވަނީ އިނގުރައިދޫ ދާއިރާގައި ހިމެނޭ ފައިނު، އިނގުރައިދޫ، އިންނަމާދޫ، ކިނޮޅަސް އަދި ރަސްމާދޫ ސްކޫލް ގައެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން 25 ސެޕްޓެމްބަރުގައި ވޯޓުލުން ކުރިއަށް ނުގެންދެވުނު ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގައިވެސް މިމަހުގެ 23ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5.00 އަށް އެރަށު ސްކޫލްގައި ކުރިއަށް ގެންދިއުމަށް ވެސް އެމްޑީޕީން ނިންމާފައިވެ އެވެ.

އިނގުރައިދޫ ދާއިރާ އަދި ތ. ގުރައިދޫ ދާއިރާގެ ދިޔަމިގިލީގެ ވޯޓުލުން މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމްޑީޕީގެ މައި ހަރުގޭގަ އެވެ. މާލޭގައި ބަހައްޓާ ތ. ގުރައިދޫ ދާއިރާގެ ވޯޓު ފޮށްޓަކީ ހަމައެކަނި އެދާއިރާގައި ހިމެނޭ ދިޔަމިގިލީގެ އެމްޑީޕީ މެންބަރުންނަށް ވޯޓު ލުމަށް ބަހައްޓާ ފޮށްޓެއް ކަމުގައި ވެސް އެމްޑީޕީން ބުނެ އެވެ.