އެމްޑީޕީގެ ޗެެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އައްޑޫ ސިޓީގެ އެމްޑީޕީގެ ރައީސް އަހުމަދު ފައިސަލް (ފައި) ގެ ތާއީދު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލަށް އޮތްކަން ހާމަކޮށްފި އެވެ.
އޭޕްރީލް 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބުގައި ފައްޔާޒުއާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ އެވެ.
ފައިސަލް ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ރަނގަޅީ ފައްޔާޒު ކަމަށް ވިދާޅުވެ ފައްޔާޒު އެންޑޯޒް ކުރައްވާފައެވެ. ފައިސަލް އަކީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ކަމަށް އިންތިހާބުވެފައިވާ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ކޮއްކޮއެވެ.
ޗެެއާޕާސަންގެ އިންތިހާބުގެ ފޯރި ވަރަށް ގަދަވާނެ ކަމަށް ވަނީ ބެލެވިފައެވެ. މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ. މައުލޫމާތު ފެތުރޭ ގޮތުން ރައީސް ސޯލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒަށެވެ.
ފައްޔާޒު ވިދާޅުވީ އޭނާގެ އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކުރުމާއި އެމްޑީޕީގެ ހެޔޮ ވެރިކަން ދެމެހެއްޓުން ކަމަށެވެ.
"ލޮބުވެތި މެންބަރުންގެ ތާއީދަށް އެދެން. މި އިންތިހާބުގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމާ މެދު ޝައްކެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.