އެމްޑީޕީގެ ގައުމީ މަޖިލިސް

ވާނުވާ ނޭނގޭ މެންބާޝިޕް ލިސްޓުތަކަށް ދެން ފުރުސަތެއް ނުދޭނަން: ފައްޔާޒު

ޕާޓީގެ އިންތިހާބުތަކާ ދިމާކޮށް ގޮތް ނޭނގޭ މެންބާޝިޕް ލިސްޓުތަކެއް ގަނެއުމުގެ ފުރުސަތު ދެން ނުދޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ތާޖުއްދީން ސްކޫލުގައި ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒު ވިދާޅުވީ ޕާޓީގެ އެތެރޭގެ އިންތިހާބުތަކާ ދިމާކޮށް ގޮތް ނޭނގޭ ލިސްޓުތަކެއް ޕާޓީގެ ތެރެއަށް ވެއްދުމަކީ އެމްޑީޕީ ތެރޭގައި އަބަދުވެސް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. ނަމަވެސް އެގޮތަށް އަމަލުކުރައްވަމުން ގެންދެވި ބޭފުޅުންނަށް ދެން އެ ފުރުސަތު ލިބިވަޑައިނުގަންނަވާނެ ކަން ފައްޔާޒް ހަނދާންކޮށް ދެއްވިއެވެ.

"އަޅުގަނޑުމެން ހަވާލުވުމުގެ ކުރިން މި ޕާޓީގެ އިންތިހާބުތައް ކުރިއަށްދާ ގޮތާމެދު އަބަދުވެސް އުފެދިފައި އޮތް ކަންބޮޑުވުމުގެ އެންމެ ބޮޑު މައްސަލައަކީ ނޭނގޭ ލިސްޓުތަކެއް އައުން. އެބަޔަކަށް މިއަދު އެފުރުސަތެއް ނެތް،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އޭނާ ޕާޓީގެ ޗެއާޕާސަންގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ޕާޓީގެ ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެމްޑީޕީގެ ދަފްތަރުން ވަކިކުރި 39،910 މީހުންނަކީ އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ އެމްޑީޕީގެ ދަފްތަރުގައި ނެތް މީހުން ކަމަށެވެ. އޭރު ވަކިކުރި 39،910 މީހުންގެ ތެރެއިން 5،325 މީހުން އަނބުރާ އެމްޑީޕީއާ ގުޅިފައިވާ ކަމުގައިވެސް ވިދާޅުވި އެވެ. އަދި 293 މީހުން ޕާޓީއާއި ގުޅުމަށް ސޮއިކޮށް ފޯމު ހުށަހަޅާފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ.

ފައްޔާޒު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ދަފްތަރުން ވަކިކުރި މީހުންގެ ތެރެއިން 11،014 މީހުންނަކީ އިލެކްޝަންސް ކޮމިޝަނުގައި އެއްވެސް ޕާޓީއަކަށް ރަޖިސްޓްރީ ނުވެ ތިބި މީހުންނެވެ. އަދި އެހެން ޕާޓިތަކަށް ނިސްބަތް މީހުންގެ ތެރެއިން އެމްޑީޕީގެ ދަފްތަރުގައި އެންމެ ގިނައިން ތިބީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ މީހުންނެވެ. އެމްޑީޕީގައި ތިބި އެހެން ޕާޓީ ތަކުގެ މީހުންގެ އަދަދު ފައްޔާޒް ރޭ ހާމަކުރެއްވިއިރު، އެމްޑީޕީން ކުރިން ހާމަކުރި އަދަދުތަކާއި ކޮންމެވެސް ތަފާތުތަކެއް ހުއްޓެވެ.

ފައްޔާޒު ހާމަކުރެއްވި އެމްޑީޕީގައި ހިމެނޭ އެހެން ޕާޓީތަކުގެ އަދަދުތައް

  • ޕީޕީއެމް - 6،357 މެންބަރުން
  • ޖޭޕީ - 3،788 މެންބަރުން
  • އެމްޓީޑީ - 1،543 މެންބަރުން،
  • އެމްޑީއޭ - 3،086 މެންބަރުން
  • އެމްއާރްއެމް - 928 މެންބަރުން
  • އާދަލަތު ޕާޓީ - 1،711 މެމްބަރުން
  • ކޮންގްރެސް ޕާޓީ - 58 މެމްބަރުން
  • އެމްއެސްޑީޕީ - 875 މެމްބަރުން
  • ޑީއާރްޕީ - 389 މެެމްބަރުން
  • އެމްއެންޕީ - 3،845 މެމްބަރުން
  • ޕީއެންސީ - 698 މެމްބަރުން

ފައްޔާޒް އިތުރަށް ވިދާޅުވީ އެހެން ޕާޓީތަކަށް ނިސްބަތް ނުވާ މެމްބަރުން ވަކިކުރެވިފައި ތިބިނަމަ، އެމްޑީޕީއާއި އަނބުރާ ގުޅުމުގެ ފުރުސަތު އެ ބޭފުޅުންނަށް ފަހިކޮށްދިނުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.

"އަދިވެސް އަޅުގަނޑު އުއްމީދުކުރަން އެހެން ޕާޓިތަކަށް ނިސްބަތް ނުވާ ބޭފުޅުންނަށް ފުރުސަތެއް އޮންނާނެ ގޮތެއް ހެދުމަށް. އެ މަސައްކަތް ކުރަމުން މިދަނީ. ނަމަވެސް މިވަގުތު އަޅުގަނޑުމެން ކުރިއަށްދާނީ މީގެ އަށްމަސް ދުވަސް ކުރިން ނިމިފައި އޮތް ގޮތަށް،" ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވިއިރު ވާދަކުރެއްވުމަށް ހުށަހެޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

ޕްރައިމަރީ ބޭއްވުމަށް އެމްޑީޕީން ނިންމާފައިވަނީ އަންނަ ޖެނުއަރީ 28 ވަނަ ދުވަހެވެ.

ރިޔާސީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓް އާންމުކޮށް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލާނެ އެވެ. ޝަކުވާ ބަލައިގަތުމުގެ މުއްދަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރު 4:00 އަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެވޭ މީހުންގެ ދާއިމީ ލިސްޓް ޖެނުއަރީ ތިންވަނަ ދުވަހު އާންމުކުރާނެ އެވެ. ކެންޑިޑޭޓުންގެ މަންދޫބުންނަށް ފުރުސަތު ހުޅުވާލާނީ ޖެނުއަރީ 10 ވަނަ ދުވަހު އެވެ. އެ ފުރުސަތު ބަންދުވާނީ ޖެނުއަރީ 15 ވަނަ ދުވަހު އެވެ.