ފައްޔާޒް އިސްމާއީލް

ހަހާސް މެންބަރުންގެ ތާއީދު ސޮޔާއެކު ފަޔާ ފޯމް ހުށަހަޅުއްވައިފި

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) ފޯމް ހުށައަޅުއްވައިފި އެވެ.

ކެންޕެއިން ޓީމުން ބުނީ ގަމު ދާއިރާގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ މިނިސްޓަރު ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވުމަށް ފޯމް ހުށައެޅުއްވީ އޭނާއަށް ތާއީދު ކުރައްވާ އެމްޑީޕީގެ 6،000 ވުރެ ގިނަ މެންބަރުންގެ ސޮޔާއެކު ކަމަށެވެ. ފައްޔާޒުގެ ފޯމްގައި ހެކިވެރިންގެ ގޮތުގައި ސޮއިކުރައްވާފައި ވަނީ އެމްޑީޕީގެ އިސްދޫ ދާއިރާގެ ދާއިރާ ރައީސް އަހުމަދު ޝުހާދު އަދި އިބްރާހިމް ވަހީދު (މަދަނީ އިބްރޭ) އެވެ.

ފައްޔާޒުގެ އިތުރުން ދެން މި މަގާމަށް ކުރިމަތިލައްވާފައިވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ. އިންތި ވަނީ އިއްޔެ ފޯމް ހުށައަޅުއްވާފައެވެ. ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް އިމްތިޔާޒު ފޯމް ހުށަހެޅުއްވީ އެމްޑީޕީގެ ސްޕޯކްސްޕާސަންގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު އެވެ.

އިމްތިޔާޒުގެ ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސަވާފައި ވަނީ ވެސް އީވާގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ) އެވެ. ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ބޭފުޅުންނަށް ތާއީދުކޮށް އޮތް އަންގައިދިނުމުގެ ގޮތުން ސޮއި ކުރަންޖެހޭ ފޯމްތަކުގައި ރައީސް ނަޝީދުގެ މަންމައާއި އާއިލީ ބޭފުޅުން ވަނީ ސޮއި ކުރައްވާފަ އެވެ.

އެމްޑީޕީގެ ޗެއާޕާސން ހޮވުމުގެ އިންތިހާބު ފޯރިގަދަ ވާނެ ކަމަށް ބެލެވޭއިރު ސޯޝަލް މީޑިއާގައި އިންތިގެ ސަޕޯޓަރުންނާއި ފައްޔާޒުގެ ސަޕޯޓަރުން ގެންދަނީ ވަރުގަދަ އަށް ކެމްޕޭން ކުރަމުންނެވެ.

މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ. މައުލޫމާތު ފެތުރޭ ގޮތުން ރައީސް ސޯލިހްގެ ތާއީދު އޮތީ ފައްޔާޒަށެވެ. ރައީސް ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒަށެވެ.

މީގެ ކުރީންވެސް ރައީސް ސޯލިހް ވަނީ ފައްޔާޒުގެ ދިފާއުގައި ނިކުންނަވާ ރައީސް ނަޝީދު ކުރައްވަން ފެއްޓެވި މަސައްކަތްޕުޅެއް ހުއްޓުވާފައެވެ. އެއީ ފައްޔާޒު މަގާމުން ދުރުކުރުމަށް މަޖިލީސްތެރެއިންނާއި އެމްޑީޕީގެ ގައުމީ މަޖިލީސްތެރެއިން ކުރެއްވި މަސައްކަތްޕުޅެވެ.