ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެ އަކީ މިނިވަން ގައުމެއް، ބަސް ބުނަނީ އަމިއްލައަށް: ރައީސް

ރާއްޖެއަކީ ފުރިހަމަ މިނިވަންކަމާ އެކު ހިނގަމުންދާ ގައުމެއް ކަމަށާއި ރާއްޖޭގެ ކަންކަން ނިންމުމުގައި ފުރިހަމަ އިހުތިޔާރު އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ނުފޫޒު ބޮޑުވެ ރާއްޖޭގެ މިނިވަންކަން ގެއްލިފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ރ. އިނގުރައިދޫގައި މިއަދު ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއަކީ ފުރިހަމަ މިނިވަން ގައުމެއް ކަމަށެވެ. ރާއްޖޭގެ ކަންކަމުގައި ގޮތް ނިންމުމުގެ ފުރިހަމަ އިހްތިޔާރު ރާއްޖެއަށް ލިބިފައިވާ ކަމަށާއި އެއާއި ދެކޮޅަށް ބަސްބުނެވޭނެ ބަޔަކުވެސް ނުތިބޭނެ ކަމުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ މިނިވަން ގައުމެއް. އަޅުގަނޑުމެންގެ ބަސް ބުނާނީ އަމިއްލަ އަށް. އޭގެ މައްޗަކަށް ބަސް ކިޔޭނެ ބަޔަކު ނުތިބޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ހަނިމާދޫގައި ދެއްކެވި ވާހަކަފުޅަކަށް ވެސް ރައްދުދެއްވާފަ އެވެ.

"ބައެއް ކެންޑިޑޭޓުން ރަށްރަށަށް ދަތުރުކުރައްވާ އިރުގައި އެބަ ވިދާޅުވޭ ތިމަންނަ އަރާ އިރުގައި ބޭރު ގައުމެއްގެ ސިފައިން އަރާ ފުރިފައޭ ރަށުގަ އޮތީ. ހިނގައިނުގަނެވެ އޭ ތިމަންނަމެންނަށް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ބައެއް ކެންޑިޑޭޓުން އެހެން ވިދާޅުވި ނަމަވެސް އެ މަގުން ކަންކަން ހިނގަމުންދާ މަންޒަރު ރާއްޖޭގެ އެއްވެސް ރައްޔިތަކަށް ނުފެންނާނެ ކަމަށާއި އެކަހަލަ ވާހަކަތައް ދެއްކުމުގެ ބޭނުމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ.

"ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެކަހަލަ ވާހަކަ ދެއްކުމަކީ ކަމުދާ ކަމެއް ނޫން. ހާއްސަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ތައްޔާރުވެފައި ތިބި ބަޔަކު އެކަހަލަ ބުހުތާނު ދޮގު ހެއްދެވުމަކީ ހެޔޮވާވަރު ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދިނުމުގައި ހާރިޖީ ސިޔާސަތަކީ ވަރަށް މުހިއްމު އެއް ބައި ކަމަށެވެ. އެގޮތުން މިއަދު މިވަނީ ޒަމާން ބަދަލުވެފައި ކަމަށާއި ދުނިޔޭގެ އެހެން ގައުމުތަކާ އެކަހެރިވެ އޮވެގެން އެއްވެސް ގައުމަކަށް ކުރިއެރުން ނުލިބޭނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ މިނިވަންކަމާއި، ރައްކާތެރިކަމާއި، ސަލާމަތް އަދި ރާއްޖެ ތަރައްގީކުރަން ބޭނުންވާނަމަ ދުނިޔޭގެ އެހެން ގައުމުތަކާއި އެކީގައި އިތުބާރު ކުރެވޭފަދަ ގުޅުމެއް އޮންނަން ޖެހޭ ކަމަށް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިޔާސަތަކީ ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް ގޯސް ކަންތައްތަކެއް ވިސްނައިދީ، މުޅިން އެކަހެރިވެ، ވަކިވެގަނެގެން ރާއްޖެ ކުރިއަށް ގެންދިއުން ކަމަށެވެ.

"ވެރިކަމުގެ އާރާއި ބާރު ހިފެހެއްޓުމަށްޓަކައި 'ގައުމިއްޔަތު' އެ ބަސް ބޭނުންކޮށް ރައްޔިތުންގެ ބޮލަށް ވައްދަނީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުގައި ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ މައިގަނޑު ތިން ކަމެއްގެ މައްޗަށް ކަމަށެވެ. އެއީ ޑިމޮކްރަސީގެ ހަމަތައް ހިފެހެއްޓުމާއި، އިންސާނީ ހައްގުތައް ކަށަވަރު ކުރުމާއި، މޫސުމީ ބަދަލުތަކާއި ދެކޮޅަށް މަސައްކަތްކުރުމާއި، ސަރަހައްދީ ގައުމުތަކުގެ ރައްކާތެރިކަމާއި ހަމަޖެހުމުގެ މައްޗައް ކަމަށެވެ.

"ދުނިޔޭގެ އަވައްޓެރިންނާއެކު، ދުނިޔޭގެ ގައުމުތަކާއި އެކީގައިވެސް ބައިނަލްއަގުވާމީ ޖަމާއަތްތަކާއެކުގައިވެސް ގުޅުން ބަދަހި ކުރަންޖެހޭ،" ރައީސް ވިދޅާޅުވި އެވެ.

ދުނިޔޭގެ ގައުމުތަކާއި އެކީގައި އޮތް ގުޅުން މިސަރުކާރާ އެކު އެތައް ގުނައަކަށް އިތުރުވެއްޖެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތު ފުރަތަމަ ފަހަރަށް ރާއްޖެއިން ބަލަހައްޓައިފި ކަމަށާއި އެ ފުރުސަތަކީ ކުރިއަށް އޮތް 100 އަހަރު ދުވަހުގެ ތެރޭގައިވެސް ރާއްޖެއަށް ނުލިބޭނެ ކަހަލަ ފުރުސަތެއް ކަމުގައިވެސް ވިދާޅުވި އެވެ.

"ދުނިޔޭގެ ގައުމުތަކުގެ އިތުބާރު އަޅުގަނޑުމެންނަށް ލިބިއްޖެ. ހާއްސަކޮށް ކުދި ގައުމުތަކުގެ ލީޑަރެއްގެ ގޮތުގައި ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ބަސް ބުނުމުގެ ހައްގު އަޅުގަނޑުމެންނަށް ލިބިއްޖެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިއަދު ކުދި ގައުމުތަކުގެ އެންމެ އިސް ލީޑަރެއްގެ ގޮތުގައި މަސައްކަތްކުރާ އެއް ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ. އަދި އެ ގައުމުތަކުން، ދިވެހިރާއްޖެއާއި މަޝްވަރާނުކޮށް އެއްވެސް ކަމެއް ނުނިންމާނެ ކަމުގައި ވިދާޅުވި އެވެ. މިކަމަކީ ހާރިޖީ ސިޔާސަތުގެ ހަރުދަނާކަމުން ވެގެންދާ ކަންކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިސަރުކާރާއި އެމްޑީޕީގެ ސިޔާސަތުތައް ދުނިޔޭގެ އެހެން ގައުމުތަކުންވެސް ބަލައިގެންފި ކަމަށެވެ. އެކަން އެނގެނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުން އެ ގައުމުތަކުގެ އެމްބަސީ މިހާރު ރާއްޖޭގައި ހުޅުވަން ބޭނުންވެ އެމަސައްކަތްތައް ހިނގަމުންދާތީ ކަމުގައިވެސް ވިދާޅުވި އެވެ.

"މީގެ ދެތިން ދުވަސް ކުރިން އެމެރިކާ އިން ރާއްޖޭގައި ހުންނަ ދާއިމީ އެމްބެސެޑާއެއް ކަނޑައަޅައިފި. މިހާރު ތައްޔާރުވަމުން އެދަނީ އެމެރިކާގެ އެމްބަސީ ރާއްޖޭގައި ހުޅުވުމަށް." ރައީސް ވިދާޅުވި އެވެ.

ރައީސްގެ އިނުގަރައިދޫގެ ވައުދުތައް

  • ހައުސިން ޔުނިޓް އަޅައިދިނުން
  • ބަނދަރުގެ ނެރަށް ދިމާވެފައި އޮތް މައްސަލަ ހައްލުކުރުން
  • އާ ބަނދަރެއް އަޅައިދިނުން
  • ބިން ހިއްކުން
  • ދޯނި އެހެލާ ސަރަހައްދެއް ހަދައިދިނުން
  • އާ ކައުންސިލް އޮފީހެއް އަޅައިދިނުން
  • ހޭނޑްބޯލް އައުޓްޑޯ ކޯޓެއް އަޅައިދިނުން

އިނގުރައިދޫގެ ކައުންސިލާއި މަޝްވަރާ ކުރުމަށް ފަހު އެ ރަށަށް ކޮށްދޭން ޖެހޭ އެހެން ކަންކަން ދެވަނަ ދައުރެއްގެ ތެރެއިން ކޮށްދެއްވާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.