އުމަރު ނަސީރު

ރާއްޖެ ނާމާންވީ ގިސާސު ހިފަން ވެރިން ފަސްޖެހުމުން: އުމަރު

ގަތުލުތައް ގިނަވެ ރާއްޖެ ނާމާން ކަމުގެ ތެރެއަށް ވެއްޓިގެން ދިޔައީ ގިސާސް ހިފަން ވެރިން ފަސްޖެހުމުގެ ސަބަބުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ މަރާލާފައި އޮއްވާ އިއްޔެ ފެނުނު އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރުގެ މަރާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައެވެ. ރަހުމުކުޑަ ހަމަލާތަކެއްދީ މަހުމޫދު އަބޫބަކުރު މަރާލާ ގޯންޏެއްގެ ތެރެއަށްލާ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅުތެރެއަށް އެއްލާލާފައިވަނިކޮށް ފެނިފައިވަނީ އިއްޔެ ހަވީރުވާން އުޅެނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ރަށުގައި ވަނީ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.

ހޯމް މިނިސްޓަރު ކަމުގައި ހުންނެވި ދުވަސްވަރު މަރުގެ އަދަބު ތަންފީޒު ކުރުމަށް ގިނަ މަަސައްކަތްތަކެއް ކުރެއްވި އުމަރު ވިދާޅުވީ ރާއްޖޭގެ އަމާން ރަށްތަކުގެ އަމާންކަން ގެއްލި ހުރިހާ ރަށްތައް ނާމާން ވެފައި ވަނީ ގިސާސް ހިފުމަށް ވެރިން ފަސްޖެހުމާ މަސްތުވާ އެއްޗެތި ހުއްޓުވުމަށް ފަސްޖެހިގެން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ގިސާސް ހިފުމާއެކު މަސްތުވާ އެއްޗެތީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަމެވެ،" ރިޔާސީ ރޭހަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އުމަރު ވިދާޅުވިއެވެ.

ގިސާސުގެ ހުކުމަކީ އިސްލާމްދީނުގައި ކަނޑައަޅުއްވާ ހައްދެކެވެ. ގިސާސުގެ ހުކުމް އައިސްފައިވަނީ ނަފުސުގެ ހުރުމަތްތެރިކަން ކަށަވަރު ކުރުމާއި ދިރިހުރުމުގެ ހައްގުގެ ކަށަވަރު ކަމަށްޓަކަައި ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.