ފުލުހުން މިދިޔަ ބުދަ ދުވަހުން ފެށިގެން ހިންގަމުންދިޔަ ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ އެންމެ އިސް ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފި އެވެ.
މި އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކޮށްފައިވާ 10 މީހުންނަކީ އުމުރުން 19 އަހަރާއި 61 އަހަރާ ދެމެދުގެ މީހުންނެވެ. މީގެތެރޭގައި ދެ ބިދޭސީން ވެސް ހިމެނެ އެވެ.
ފުލުހުން މިއަދު ބުނީ 10 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ރޭ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. ދޫކޮށްލި ދެ މީހުންގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
އަވަސް އަށް އެނގިފައިވާ ދޫކޮށްލި ދެ ދިވެހިންނަކީ 100 ކިލޯގެ ޑްރަގު މައްސަލާގައި އެންމެ އިސްކޮށް އުޅޭ ދެ މީހުންނެވެ.
އެ ދެ މީހުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ބަންދުގައި ބޭތިއްބުމަށް މުއްދަތު ޖެހި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް، ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެެވެ.
މި އޮޕަރޭޝަންގައި ފުލުހުން ވަނީ ބައެއް ފަޅުރަށްތަކާއި މާލެ އާއި ހުޅުމާލޭގެ އެކި ތަންތަން ބަލައި ފާސްކޮށްފަ އެވެ. މަސްތުވާތަކެތި ހޯދީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެެވެ.
ފުލުހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ވަނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 100 ކިލޯގެ މަސްތުވާތަކެއްޗާއި އަދި އައްޑޫން ވެސް ހަމަ އެ މަހުގެ ތެރޭގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.