ކޮންސަވޭޓިވް މަޖިލިސް މެމްބަރު ސާ ޑޭވިޑް އެމިސް އަކީ އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން ބަދަހިކުރުމުގައި ވަރަށް މުހިންމު ބައިވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވެފައި މިވަނީ ލިއޮންސީގައި ހުންނަ ބެލްފެއާސް މެތޮޑިސްޓް ޗާޗުގައި ކުރިއަށް ދިޔަ ހަރަކާތެއްގައި އުޅުއްވަނިކޮށް ވަޅިއަކުން ދިން ހަމަލާއާއި ގުޅިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް އަވަހާރަވުމާ ގުޅިގެންނެވެ.
ރައީސް ސޯލިހް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިވެސް ކުރައްވާފަ އެވެ.
ޑޭވިޑް އަވަހާރަވުމާ ގުޅިގެން އދ.ގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖެއާ ގާތްގުޅުމެއް ބޭއްވެވި ޑޭވިޑް އަވަހާރަވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. ގެއްލިގެން ދިޔައީ ކުޅަދާނަ ސިޔާސީ ޝަހްސިއްޔަތެއް އަދި ވަރަށް ރަނގަޅު ރަހްމަތްތެރިއެއް ކަމުގައިވެސް ވިދާޅުވި އެވެ.
ޑޭވިޑްގެ މަރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވިދާޅުވީ ޑޭވިޑް ދާއިރާގެ މަސައްކަތުގައި އުޅުއްވަނިކޮށް ވަޅިން ހަމަލާދީ އަވަހާރަކޮށްލި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާ އެކު ކަމަށެވެ. ޑޭވިޑަކީ ރާއްޖޭގެ ޒަމާންވީ ރަހްމަތްތެރިއެއް ކަމަށްވެސް ވިދާޅުވި އެވެ.
ސާވިސް ޑޭވިޑް އެމިސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ސާ ޑޭވިޑް އެމިސް ގެންދަވަނީ 1997 ވަނަ އަހަރުން ފެށިގެން ސައުތުއެންޑް ވެސްޓް ތަމްސީލް ކުރައްވަމުންނެވެ.
ހަމަލާ ދިން މީހާ ހައްޔަރުކޮށް އިނގިރޭސި ފުލުހުން ގެންދަނީ މައްސަލަ ތަހުގީގުކުރަމުންނެވެ.
ރާއްޖެ އަށް ވެސް ޒިޔާރާތްކުރައްވާފައިވާ ޑޭވިޑް އެމިސް އަކީ އިނގިރޭސި ގާނޫނު ހަދާ މަޖިލީހުގައި ރާއްޖޭގެ އޯލް ޕާޓީ ޕާލިއަމެންޓް ގްރޫޕްގެ އެންމެ އިސް ބޭފުޅާ އެވެ.