ހަބަރު

ނުކުޅެދުންތެރިންނަށް ފްލެޓް ނުދެވި އުޅެނިކޮށް މަރާމާތު ކުރަން ޖެހިއްޖެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހުޅުމާލޭ އިން ދޭން ކަނޑައެޅި ފްލެޓްތައް ނުދެވި އުޅެނިކޮށް އެ ތަންތަން މަރާމާތު ކުރަން ޖެހި އެ މަސައްކަތްތައް ފަށައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކޮށްގެން، 15 ފަރާތަކަށް ކޮންމެ އަހަރަކުވެސް ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމުމާގުޅިގެން އެޅި ފްލެޓްތަކުގެ ތެރެއިން، މިދިޔަ އަހަރު ދޭން ހަމަޖެއްސި ފްލެޓްތައް އަދިވެސް އެއްވެސް ބަޔަކާ ހަވާލެއް ނުކުރެ އެވެ.

"އަވަސް" އަށް މައުލޫމާތުދެއްވަމުން ޖެންޑަ މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓާ އަހުމަދު އިމާދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ހަވާލުކުރުމާ ބެހޭ ހުރިހާ އިދާރީ މަސައްކަތެއް މިހާރު ނިންމާލާފައިވާ ކަމަށެވެ. އަދި ފްލެޓް ލިބޭ 15 ފަރާތް ވެސް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އެހެން ނަމަވެސް އެތަންތަން ހަވާލުކުރުމުގެ ކުރިން ފްލެޓްތަކުގައި ކުރަންހުރި ބައެއް މަރާމާތު މަސައްކަތް ނިންމަންޖެހޭ ކަމަށާއި އެ މަސައްކަތް ފަށައިގެން ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އިމާދު ވިދާޅުވި އެވެ.

"ފްލެޓް ހަވާލުކުރުމާ ބެހޭ ހުރިހާ ކަމެއް މިހާރު ވަނީ ނިމިފަ. އެކަމަކު އެ ފްލެޓްތައް އެއްވެސް ބޭނުމެއް ނުކޮށް އެހެން ހުންނަތާ ދެ އަހަރު މި ވީ. އެހެންވެ، އެތަންތަން މީހުންނާ ހަވާލުކުރުމުގެ ކުރިން ސާފުކުރުމާ އެނޫންވެސް އެހެން ކަންކަން ވެސް ހުރި ނެތްގޮތް ބަލައި ރަނގަޅުކުރަން އެބަ ޖެހޭ. މަރާމާތު މަސައްކަތް ނިމުނުހާ އަވަހަކަށް ފްލެޓްތައް ހަވާލުކުރާނެ،" އިމާދު ވިދާޅުވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަހަރަކު 15 ފުލެޓް ދޭން ސަރުކާރުން ނިންމީ 2013 ވަނަ އަހަރު އެވެ. ނަމަވެސް 2013 ވަނަ އަހަރު ފުލެޓް ހަވާލުކުރި ގޮތާއި މެދު ހިތްހަމަނުޖެހުން ފާޅުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކުން ގިނަ އަދަދަކަށް ޝަކުވާ ހުށަހެޅުމާއި ގުޅިގެން، 2014 ވަނަ އަހަރު ދޭން ނިންމި ފުލެޓުތަކަށް ލީ ފޯމުތައް އަލުން ރިވައިޒް ކުރުމަށް ސަރުކާރުން އެންގުމާ ގުޅިގެން މަސައްކަތް ވަނީ ދިގުލައިގެން ގޮސްފަ އެވެ.