ދަނގެތި

މަހްމޫދު މަރާލި މީހުންނަށް އެންމެ ހަރުކަށި އަދަބު ދޭން ގޮވާލައިފި

Oct 15, 2021
1

އދ. ދަނގެތި، މޮނަލާޒް، މަހްމޫދު އަބޫބަކުރު އަނިޔާވެރިކަމާ އެކު މަރާލި ފަރާތްތައް ހޯދާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.

ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަހްމޫދު މަރާލުމަށްފަހު ފަޅު ގެއެއްގެ ވަޅަކަށް އެއްލާލާފައިވާ މައްސަލައިގެ ކަންބޮޑުވުން ފާޅު ކުރަނީ ބިރުވެރިކަމާ އެކު ކަމަށެވެ.

އަބޫބަކުރު އަނިޔާވެރި ގޮތަކަށް މަރާލުމުގެ ފަހަތުގައިވާ ސަބަބުތައް ހޯދުމަށާއި އެ އަމަލު ހިންގުމުގައި އެކި ގޮތްގޮތުން ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކެއް އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ މަސައްކަތް އަވަހަށް ކުރުމަށް އެދިފައިވެ އެވެ.

ގާތިލުން އިންސާފުގެ ކުރިމައްޗަށް ގެނެސް ގާނޫނުތަކުން ކަނޑައަޅާފައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާ ބެހޭ އެންމެހާ މުއައްސަސާތަކަށް ވެސް ގޮވާލާފައިވެ އެވެ. ދަނގެއްޗަށް ކުރިމަތިވެފައިވާ ބިރުވެރިކަމުން އެ ރަށުގެ ރައްޔިތުން ސަލާމަތް ކުރުމަށްޓަކައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަވަސް ކުރުމަށް ވެސް އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ސަރުކާރުގެ އިދާރާތަކަށް އިލްތިމާސް ކޮށްފައިވެ އެވެ.

މަހްމޫދުގެ މަރާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް މިހާރު ވަނީ ތިން މީހަކު ގެންގޮސްފަ އެވެ. އެއީ ދެ ފިރިހެނުންނާއި އަންހެނެކެވެ.

ފުލުހުންގެ ތަހުގީގުގެ ބޭނުމަކަށް މަހްމޫދުގެ ހަށިގަނޑު މިއަދު މާލެ ގެނެސް ބެލުންތަކެއް ބެލުމަށްފަހު މިއަދު އަނބުރާ އެ ހަށިގަނޑު ދަނގެއްޗަށް ގެންގޮސްފައިވެ އެެވެ. އަދި އަސުރު ނަމާދަށްފަހު އެރަށުގައި އޭނާގެ ޖަނާޒާ ބާއްވާފައިވެ އެވެ.