ކުޅިވަރު

ސްޓީވްގެ 1000 ވަނަ މެޗު ޓޮޓެންހަމާއި ދެކޮޅަށް

ނިއުކާސަލް ޔުނައިޓެޑުން ސްޓީވް ބްރޫސްގެ ކޯޗު ކަމުގެ ދަށުގައި ކުޅޭ 1000 ވަނަ މެޗުގައި މާދަމާ ރޭ ޓޮޓެންހަމް ހޮޓްސްޕާ އާއި ވާދަކުރާނެ އެވެ.

ޕްރިމިއާ ލީގުގައި މާދަމާރޭ ނިއުކާސަލް އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗުގައި އެޓީމުގެ ކޯޗު ސްޓީވް އަށް ފުރުސަތުދޭން ނިންމާފައިވާ ކަމަށް އެ ކްލަބުން ބުނެފި އެވެ. ޓީމުގެ އާ މެނޭޖުމެންޓުގެ ދަށުން ކޯޗު ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ އިރު މާދަމާ ރޭގެ މެޗަށް ސްޓީވް އަށް ފުރުސަތު ދޭން ނިންމީ އެއީ އޭނާގެ ކޯޗު ކަމުގައި ނިއުކާސަލް ކުޅޭނެ 1000 ވަނަ މެޗަށް ވާނެތީ އެވެ.

ނިއުކާސަލްގެ އާ މެނޭޖުމެންޓުގެ ފަރާތުން ވާހަކަ ދައްކަމުން އެމާންޑާ ސްޓޭވްލީ ބުނީ ޓީމުގެ ހެޑް ކޯޗެއްގެ ހައިސިއްޔަތުން ސްޓީވް ޓީމުގެ މެނޭޖުމެންޓާއި އެކު ކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ. އަދި "ކޯޗު ކަމަށް އެހެން މީހަކު ގެންނަ ނަމަ އެކަން އެންމެ ފުރަތަމަ އަންގާނީ ސްޓީވްއަށް" ކަމަށެވެ.

ނިއުކާސަލްއިން މި ސީޒަނުގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު، އެޓީމު ވަނީ މުބާރާތުގައި ކުޅުނު ފުރަތަމަ ހަތް މެޗު ވެސް މޮޅަކާއި ނުލައި ނިންމާލަން ނިންމާލަން ޖެހިފަ އެވެ. ޕްރިމިއާ ލީގު ތާވަލުގައި ނިއުކާސަލް މިހާރު އޮތީ ފުލުން ދެވަނަައިގަ އެވެ.

މި ނަތީޖާ ތަކާއި އެކުވެސް އުމުރުން 60 އަހަރުގެ ސްޓީވް ކުރަމުން އަންނަ މަސައްކަތާއި އުންމީދަށް ބަދަލެއް ނާދެ އެވެ. "މި މެޗުން މޮޅުވުމަށް އަހަރެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން. އެހިސާބުން ދެން މެނޭޖުމެންޓުން ނިންމާނީ އަހަރެން މި މަގާމަށް ފިޓްތޯ ނުވަތަ ނޫންތޯ. ކާކު ބޭނުން ނުވާނީ މިކަހަލަ ފުރުސަތެއް؟" ޓީމުގެ މެނޭޖުމެންޓުން ދިން ފުރުސަތަށް އޭނާ ވަނީ އުފާ ފާޅު ކޮށްފަ އެވެ.