ދަނގެތި

"ދަނގެއްޗަކީ އަމާން ރަށެއް، ބިރު ނުގަނޭ"

އދ. ދަނގެތީ މޮނަލާޒް، މަހްމޫދު އަބޫބަކުރު މަރާލުމާ ގުޅިގެން ރަށުގައި ކަންބޮޑުވުމާއި ބިރުވެރިކަން އޮތް ނަމަވެސް އެ ރަށަކީ އަމާން ރަށެއް ކަމަށާ ރަށަށް ޒިޔާރަތް ކުރާ މެހެމާނުން ބިރު ގަންނަން ޖެހޭ ސަބަބެއް ނެތް ކަަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ދަނގެތީ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ މަހްމޫދު އަބޫބަކުރު (މަހްމޫދުބެ) ގެ މަރާއި ގުޅިގެން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އެބައޮތް ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބައެއް ރައްޔިތުންނަށް ނަފްސާނީ ގޮތުން އަސަރުކޮށް ބިރުގެންފައިވާ ކަަމަށެވެ.

"މިފަދަ ބޮޑު ކަމެއް ހިނގުމުން ކޮންމެ ބަޔަކަށް ވެސް ވާނެ ގޮތް އެއީ. މިއީ ދުވަހަކުވެސް ދަނގެތީ ތާރީހުގައި ނުހިނގާވަރުގެ ބޮޑު ކަމެއް. އެހާ ބޮޑު ނުބައި ޖަރީމާއެއް. އެހެންވީމަ ރަށުގައި އޮތީ ކަންބޮޑުވުމާއި ހިތާމަ،"

މުއާވިޔަތު ވިދާޅުވީ މަހުމޫދުބެގެ މަރުގައި އެ ރަށުގެ އެއްވެސް ރައްޔިތެއްގެ ބައިވެރިވުން އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. ދަނގެއްޗަކީ އަމާން ރަށެއް ކަމަށާ ބިރުގަންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ދަނގެއްޗަކީ ރަށު ޓޫރިޒަމް ވަރަށް ބޮޑަށް ފުޅާކޮށްފައި އޮތް ރަށެކެވެ. އެހެން ކަމުން ޓޫރިސްޓުންނާއި ދިވެހިން ވެސް ވަރަށް ގިނައިން އެ ރަށަށް ޒިޔާރަތް ކުރެއެވެ.

"އަޅުގަނޑުމެންނަކީ ރަށަށް އަންނަ މެހެމާނުންނަށް ކަމޭހިތާ ބައެއް. އިރާދަ ކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އެކަން އޮންނާނީ އެގޮތުގައި. އަޅުގަނޑު ވަރަށް ބޮޑަށް އެދެން މިއީ އަމާން ރަށެއްގެ ގޮތުގައި ހުރިހާ އެންމެން ވެސް ދެކުން. އަޅުގަނޑު ސަތޭކަ ޕަސެންޓް ޔަގީންކަން މި ދެނީ މަހުމޫދުބެގެ މަރަކީ މިރަށުގެ އެއްވެސް ބަޔަކާއި ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް. އިރާދަ ކުރެއްވިއްޔާ ތަހުގީގުން އެކަން ސާފު ވާނެ،" މުއާވިޔަތު ވިދާޅުވި އެވެ.

މަހްމޫދުގެ މަރާ ގުޅިގެން ތިން މީހަކު ފުލުހުން ގެންދިޔަ އެވެ. އޭގެ ތެރެއިން ދެ މީހަކީ އެ މަރުގެ ފަހަތުގައިވާ މީހުން ކަމަަށް ދަނގެތީ މީހުން ދެކެއެވެ. ދެން ހުރީ އެ ދެ މީހުންނާއެކު އުޅޭ އަންހެނެކެވެ. އެ މީހުން ފަހުން ވަނީ މަހިބަދޫއަށް ގެންގޮސްފަ އެވެ.

އެހެން ނަމަވެސް ފުލުހުން ބުނީ މަހުމޫދުގެ މަރާ ގުޅިގެން މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. ފުލުހުންގެ ބަންދުގައި ތިބި ތިން މީހުންނަށް އޮތީ އެހެން ތުހުމަތެއް ކަމަށެވެ.

ރަހުމުކުޑަ ހަމަލާތަކެއްދީ މަހުމޫދު މަރާލާ ގޯންޏެއްގެ ތެރެއަށްލާ އޭނާގެ މާމަގެ ގެ، މަންޒަރު ގޭގެ ވަޅުތެރެއަށް އެއްލާލާފައި ވަނިކޮށް ފެނިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރުވާން އުޅެނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ރަށުގައި ވަނީ ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.