ދުނިޔެ

ޖަރުމަނުގެ ޗާންސެލަރު ތުރުކީއަށް، އުރުދުޣާން އިންތިޒާރުގައި

ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް މިއަދު ތުރުކީއަށް ވަޑައިގަންނަވާނެ އެވެ. ތުރުކީގެ ރައީސް ގައުމުން ބޭރަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ތާރީހް ޖަރުމަނުގެ ޗާންސެލަރަށް ޓަކައި ވަނީ ބަދަލު ކުރައްވާފަ އެވެ.

އެންޖެލާ މާކެލްގެ މި ދަތުރުފުޅަކީ ޖަރުމަނުގެ ޗާންސެލަރު ކަމުން އެކަމަނާ މިއަހަރު ވަކިވެ ވަޑައިގަތުމުގެ ކުރިން ގައުމުތަކަށް ކުރައްވާ އިހްތިޔާމްގެ ޒިޔާރަތެކެވެ. މާކެލް އަކީ ގައުމުތަކުގެ ވެރިންނާ ވަރަށް ގާތްކޮށް މުއާމަލާތް ކުރައްވާ ސަމާސާ ކުރައްވާ ކަނބަލެކެވެ.

މާކެލް ތުރުކީއަށް ވަޑައިގަންނަވާ ގޮތަށް ތާވަލް ކުރައްވައިގެން އުޅުއްވަނިކޮށް އުރުދުޣާން ވެސް ވަނީ ތުރިކީއަށް ވަޑައިގަތުމަށް ހާއްސަ ދައުވަތެއް ދެއްވާފަ އެވެ. އެހެންކަ މުން މިއަދަކީ އެކަމަނާއަށް އަދި އުރުދުޣާންއަށް ވެސް ވަރަށް ހާއްސަ ދުވަހަކަށް ވާނެ އެވެ.

ގައުމެއްގެ ވެރިއަކު އެހެން ގައުމަކަށް ވަޑައިގެންފި ނަމަ އާންމު އުސޫލަކީ އެ ދެ ގައުމެއްގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމެވެ. މާކެލްގެ މި ދަތުރުގައި ތުރުކީއާ ޔޫރަޕިއަން ޔޫނިއަނާ އޮތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އަފްޣާނިސްތާން އަދި އިޒްރޭލު / ފަލަސްތީނާ ބެހޭ ގޮތުން ވެސް ވާހަކަ ދައްކަވާނެ އެވެ.

މާކެލް އަކީ މެދުރިއިރުމަތީ ގައުމުތަކަށް ޚާއްސަކޮށް އަރަބި ގައުމުތަކަށް ބައި އަޅުއްވައި ވާހަކަ ދައްކަވާ ކަނބަލެކެވެ. އެކަމަނާ މިދާކަށް ދުވަހު އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައި ތުރުކީއަށް ހެޔޮ ބަސް ވިދާޅުވެ ވިދާޅުވީ ތުރުކީއަކީ ހަނދާން ނައްތާލެވެން ނެތް ގައުމެއް ކަމަށެވެ. އަދި ވިދާޅުވީ ތުރުކީ އަކީ ނޭޓޯ ގައުމެއް ކަމަށާއި ގައިވާދާ ހިލާފަށް ހިޖުރަކޮށް ގައުމުތަކަށް ވަގަށް ވަދެއުޅޭ މީހުން ކޮންޓްރޯލް ކުރުމުގައި ތުރުކީއަކީ ކުޅަދާނަ ގައުމެއް ކަމަށެވެ.

ތުރުކީއާ ދެބަސްވާން ޖެހޭ ހާލަތްތައް އަންނަ ކަމަށް ވިދާޅުވެ މާކެލް ވިދާޅުވީ ދުޅަހެޔޮ ކޮންމެ މުއާމަލާތެއްގައި ދެބަސްވުމާއި އަދި މަޝްވަރާއިން ހައްލު ކުރުމުގެ ބާރު އޮންނަން ޖެހޭނެ ކަމަށެވެ.

ޖަރުމަނުގައި 16 އަހަރު ވެރިކަން ކުރެއްވުމަށް ފަހު އެންޖެލާ މާކެލް ޗާންސެލަރުކަން ދޫކޮށްލައްވާއިރު ގިނަ ބަޔަކު ތިބީ ރޮވިފަ އެވެ. ޖަރުމަނުގެ މީހުން ދެކޭ ގޮތުގައި މާކެލް އަށް ފަހު ޖަރުމަނުގެ ހާލަތު މިހާރު އޮތް ގޮތަކަށް ނޯންނާނެ އެވެ. އާންމުން ބުނަނީ މާކެލްއަށް ފަހު ޖަރުމަނު ބައިވައިވާނެ ކަމަށެވެ.