ލައިފްސްޓައިލް

ސްކޫލް ޕްރިންސިޕަލްކަމާ ހެދި މާރާމާރީ ހިންގައިފި

އިއްޔެ ސޯޝަލް މީޑިއާގައި ވައިރަލް ވީ އެއް ވީޑިއޯއަކީ އިންޑިއާގެ ބިހާރުގެ ދެ މީހަކު ތަޅާ ފޮޅާ މަންޒަރު ފެންނަ ވީޑީއޯ އެކެވެ. މިއީ ބިހާރުގެ އީސްޓް ޗަމްޕަރަން ޑިސްޓްރިކްޓްގައި ހުރި ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމު ހޯދަން މަސައްކަތް ކުރާ ދެ މީހުންގެ ތެރެއިން އެކަކާއި އަނެކަކުގެ ފިރިމީހާ އެވެ.

މި ތަޅާފޮޅުން ހިނގާފައިވަނީ އެ ސްޓޭޓްގެ މޯތީހަރީ އަވަށުގެ އެޑިޔުކޭޝަން ޑިޕާޓްމަންޓުގެ އޮފީހުގައި މިދިޔަ ބުދަ ދުވަހު އެވެ. މި މީހުން ރުޅި ގަދަވެ އެކަކު އަނެކަކުގެ ގަޔަށް އަތްލާ ތަޅާފޮޅަން މެދުވެރިވީ ޕްރިންސިޕަލްގެ މަގާމަށް އެދޭ އެޕްލިކޭޝަން ހުށަހަޅަން ދެ މީހުންނަށް އެއް ވަގުތެއްގައި ދެވިގެނެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ދެ ފިރިހެނުންގެ ތެރެއިން އެކަކީ ޝިވްޝަންކަރް ގިރީ ކިޔާ މީހެކެވެ. އަނެއް މީހާއަކީ ޕްރިންސިޕަލްގެ މަގާމަށް އެޕްލިކޭޝަން ލާފައިވާ ރިންކީ ކުމާރީ ކިޔާ އަންހެނެއްގެ ފިރިމީހާ އެވެ. އެކަކަށް ވުރެ އަނެކަކު މަގާމަށް މާ ކޮލިފައިވާ ކަމާއި މާ ތަޖުރިބާ ހުރި ކަމަށް ބުނެ ފުރަތަމައިނުން މި މީހުން ފެށީ ޒުވާބު ކުރާށެވެ. ފަހުން ޒުވާބު ހޫނުވެ އެކަކު އަނެކަކު ގަޔަށް އަތްލައި ތަޅާފޮޅަން ފެށީ އެވެ. މި މަންޒަރު ދުށް ބައެއް މީހުން ބުނެފައި ވަނީ ރަނގަޅު ރެސްލިން މެޗެކޭ މި ދެ މީހުންގެ ތަޅާފޮޅުމެކޭ ތަފާތެއް ނެތް ކަމަށެވެ.

ރިންކީގެ ފިރިމީހާ ޝިވްޝަންކަރް ވައްޓާލައި އޭނާގެ ކަރުގައި ހިފައިގެން އުޅޭތަން ވެސް މި ވީޑީއޯގައި ފެނެ އެވެ.

އެ އަވަށުގައި ހުންނަ ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމަށް ޝިވްޝަންކަރް އާއި ރިންކީ ވެސް ކަޅި އަޅައިގެން އުޅޭތާ ތިން މަހެއްހާ ދުވަސް ވެފައިވާއިރު ދެ މީހުންގެ މެދުގައި މި މަގާމުގެ ވާދަވެރިކަން ކުރިންސުރެ ވެސް އޮތީ ވަރަށް ބޮޑުވެފަ އެވެ.

ކުޑަ ދެ ކުދިން ހެން މި ދެ މީހުން ތަޅާފޮޅިއިރު ދެ މީހުން ދުރު ކުރަން ބައެއް މީހުން މަސައްކަތްކުރާ ތަން ވެސް ވީޑިއޯގައި ފެނެ އެވެ.