ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބަލަން ގޮވާލައި އިންޑިއާގެ ސަފީރު ސަންޖޭ ސުދީރު ހުޅުމާލޭގައި ދިރިއުޅުއްވާ ފްލެޓްގެ ކުރިމަތީގައި މުޒާހަރާ ކޮށްފި އެވެ.
ޕީޕީއެމުން އިންތިޒާމް ކުރި އެ މުޒާހަރާ ކުރިއަށް ގެންދިޔައީ ރޭގެ ވަގުތެއްގަ އެވެ. ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރޭގެ މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރު ވެސް ކުރި ކަަމަށާއި އަދި އެ ސަރަހައްދުގައި ބެރިކޭޑް ޖެހި ކަމަށެވެ.
ހީނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ މުޒާހަރާތައް ޕީޕީއެމްއިން ކުރިއަށް ގެންދާނެ ކަމަށެވެ.
"މީގެ ކުރިން ވެސް އަޅުގަނޑުމެން ވާނީ ހޯމް މިނިސްޓަރު އިމްރާން ފަދަ ބޭބޭފުޅުންގެ ގެކޮޅު ކުރިމަތީ މުޒާހަރާކޮށްފައި،" ހީނާ ވިދާޅުވި އެވެ.
ރޭގެ މުޒާހަރާއިން މީހަކު ހައްޔަރުކުރިކަަމަށް ޕީޕީއެމްއިން ބުނި ނަމަވެސް ފުލުހުން ބުނީ އެފަދަ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ހެލިކޮޕްޓަރު ދުއްވުމާއި އެކި ނަންމުގައި އިންޑިއާ ސިފައިން ރާއްޖެގައި ތިބޭތީ ގިނަ ދިވެހިން މިހާރުވެސް ދަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ވަަރަށް ބޮޑަށް އަޑު އުފުލައި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލަމުން ނެވެ. ހާއްސަކޮށް އިންޑިއާގެ ސަރުކާރުގެ އެހީގައި އުތުރު ތިލަފަޅުގައި ޑޮކްޔާޑަކާއި، ބަނދަރެއް ހަދަން މިދިޔަ ފެބްރުއަރީ މަހު އެއްބަސްވުމެއް އެކުލަވާލީ އިންޑިއާ ސިފައިން ބައިތިއްބަންކަމަށް ގިނަ ބަޔަކު ދަނީ ތުހުމަތުކުރަމުން ނެވެ.
އެ އެއްބަސްވުން މިހާތަނަށް ވެސް ހާމަކޮށްފައި ނުވާއިރު އެއްބަސްވުން އާންމުކުރަން އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ވެސް މިހާރު ވަނީ އަންގައިފަ އެވެ. ހަމަ އެހެންމެ މަޖިލީހުންވެސް ވަނީ އެ އެއްބަސްވުން މަޖިލީހުގެ 241 ކޮމިޓީއާ ހިއްސާކުރަން އެދިފަ އެވެ.