އަހުމަދު ޝިޔާމް

ރާއްޖެ އޮތީ އިންޑިއާގެ ދަރަނި ދަންތުރައެއްގައި: ޝިޔާމު

ރާއްޖެ އޮތީ އިންޑިއާގެ ދަރަނި ދަންތުރައެއްގައި ޖެހިފަ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް-ޕީއެންސީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ޝިޔާމު ވިދާޅުވީ ރާއްޖޭގެ މިނިވަން މުއައްސަސާތަކާއި ކައުންސިލްތައް ތަމްރީންކުރުންތައް އިންޑިއާގައި ކުރިއަށްގެންދާއިރު އެ ތަމްރީންތަކުގައި އިންޑިއާއިން ވިސްނައިދޭން މަސައްކަތްކުރަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގައި ބަހައްޓަންޖެހޭ ކަންކަމަށާއި އެހެން ނޫންނަމަ ޗައިނާގެ ދަރަނި ދަންތުރައަށް ރާއްޖެ މިސްރާބު ޖަހާނެ ކަމަށް ވިސްނައިދޭން މަސައްކަތްކުރާ ކަމަށެވެ.

"ޗައިނާގެ ދަރަނި ދަންތުރައަކަށޭ މިސްރާބު ޖަހަނީ ބުނާއިރު، އަޅުގަނޑުމެން މިތިބީ އިންޑިއާގެ ދަރަނި ދަންތުރައެއްގައި ޖެހި ގޮސް ހުސްވެފަ. ޖެހިގޮސް އަޅުވެތިވެފަ މިތިބީ އަޅުގަނޑުމެން،" ޝިޔާމު ވިދާޅުވި އެވެ.

ޝިޔާމު ވިދާޅުވީ ރިޔާސީ އިންތިހާބަށް ކައިރިވެފައިވާއިރު އިންޑިއާގައި ކުރިއަށްގެންދާ އެފަދަ ތަމްރީންތައް އިތުރުވެފައިވާ ކަމަށާއި އެ ތަމްރީންތަކުގައި އެފަދަ ވާހަކަތައް އިންޑިއާއިން ދައްކާނަމަ އެކަން ހުއްޓުވަންޖެހޭ ކަމަށެވެ.

ދައުލަތުގެ މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކުގެ ތަމްރީނުތައް އިންޑިއާގައި ކުރިއަށް ގެންދާއިރު ރާއްޖެ އާއި އިންޑިއާގައި އޮތް ނިޒާމު ތަފާތުކަން ޝިޔާމު ވަނީ ފާހަގަކުރައްވާފަ އެވެ.

ޝިޔާމު ވިދާޅުވީ އަމިއްލަ ގައުމުގައި ދިވެހިންނަށް އިހުސާސްކުރެވެނީ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ އިހުސާސް ކަމަށާއި އެކަންކަން ކުރަނީ އިންޑިއާއިން ކަމަށް ޝިޔާމު ވިދާޅުވި އެވެ.

"ދިވެހިރާއްޖެ މިއަދު މިއޮތީ އިންޑިއާގެ ބެކްޔާޑަކަށްވެފަ. އެމީހުން ދެކޭ ގޮތުގައި މިއީ އެމީހުންގެ ބެކްޔާޑު،" ޝިޔާމު ވިދާޅުވި އެވެ.