ފޮރިން މިނިސްޓްރީ

އިދިކޮޅުން އީދު ފާހަގަކުރީ ނަފުރަތު އުފައްދަން: ސަރުކާރު

އިދިކޮޅުން އީދު ފާހަގަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފޮޓޯފުޅާއި "އިންޑިއާ އައުޓް" ސްލޯގަން ބޭނުންކުރީ ނަފުރަތާއި ރުޅިވެރިކަން އުފެއްދުމަށް ކަމަށް ސަރުކާރުން ބުނެފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އިދިކޮޅުން މޯދީގެ ފޮޓޯ ބޭނުންކޮށްގެން ހަދާފައިވާ ފޭސް މާސްކު ބޭނުންކޮށްފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި "އިންޑިއާ އައުޓް" ސްލޯގަން ބޭނުންކޮށްގެން އެކި ޕްލެޓްފޯމްތަކުގައި ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ބޮޑު އީދު ފަދަ މުނާސަބަތެއްގައި ހިންގި މި އަމަލުން ނަފުރަތަށް ހިތްވަރުދޭ ކަމަށާއި މިއީ ރާއްޖެ އާއި އިންޑިއާގެ ގާތް ގުޅުން ނައްތާލުމަށް ކުރި ކަމެއް ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ސަރުކާރުން ވަނީ އިންޑިއާއަކީ ރާއްޖޭގެ އެންމެ ގާތް އެކުވެރިޔާކަން ފާހަގަކޮށް "އިންޑިއާ ފަސްޓް" ޕޮލިސީ ސިޔާސަތު ދަމަހައްޓާނެ ކަމަށް ބުނެފަ އެވެ.

ސަރުކާރުގެ ބަޔާނުގައި ވަނީ ބޭއިހުތިރާމް ކުރެވޭ ކަންކަން ނުކުރުމަށާއި ދޮގު މައުލޫމާތު ނުފެތުރުމަށް ހުރިހާ ފަރާތްތަކަށް ގޮވާލާފަ އެވެ.