ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން އަތުލައިގެންފައިވާ 215 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ރޭ ވިދާޅުވީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ 215 ކިލޯގެ ހެރޮއިން ކަމަށެވެ.
ސީޕީ ވިދާޅުވި ގޮތުގައި ބުދަ ދުވަހު ފެށިގެން ފުލުހުން ގެންދިޔައީ އެ އޮޕަރޭޝަން ހިންގަމުންނެވެ. އެގޮތުން އެ އޮޕަރޭޝަން ހިންގީ ފުލުހުންގެ ޑްރަންޑް އެންފޯސްމަންޓް ޑިޕާޓްމަންޓާއި މެރިން ޕޮލިހާއި ފޮރެންސިކު އަދި އިންޓެލިޖެންސް ޓީމްތައް ގުޅިގެންނެވެ. އެ އޮޕަރޭޝަނަށް ދިވެހި ސިފައިންނާއި އިންޑިއާގެ ކަމާގުޅޭ އިދާރާތަކުން އެހީތެރިވެދިން ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
އަވަސް އެނގިފައިވާ ގޮތުގައި ފުލުހުން ހައްޔަރުކުރީ ރ. މަޑުއްވަރީ އަށް ނިސްބަތްވާ ދެ މީހުންނެވެ. އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިއަދު ވަނީ އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.
ދުއިސައްތަ ފަނަރަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ފުލުހުން ރޭ ހާމަކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި އިތުރު 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ތުހުމަތުކުރެވޭ 10 މީހަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.
އެ އޮޕަރޭޝަންގައި ފުލުހުން ހައްޔަރުކޮށްފައިވާ 10 މީހުންނަކީ އުމުރުން 19 އަހަރާއި 61 އަހަރާ ދެމެދުގެ މީހުންނެވެ. މީގެތެރޭގައި ދެ ބިދޭސީން ވެސް ހިމެނެ އެވެ.
އެ 10 މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވަނީ ދޫކޮށްލާފަ އެވެ. ދޫކޮށްލި ދެ މީހުންގެ އެއްވެސް ތަފްސީލެއް ފުލުހުން ނުދެ އެވެ.
އަވަސް އަށް އެނގިފައިވާ ދޫކޮށްލި ދެ ދިވެހިންނަކީ 100 ކިލޯގެ ޑްރަގު މައްސަލާގައި އެންމެ އިސްކޮށް އުޅޭ ދެ މީހުންނެވެ.
އެ ދެ މީހުން ދޫކޮށްލި މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ބަންދުގައި ބޭތިއްބުމަށް މުއްދަތު ޖެހި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް، ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކަށް ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެެވެ.
މި އޮޕަރޭޝަންގައި ފުލުހުން ވަނީ ބައެއް ފަޅުރަށްތަކާއި މާލެ އާއި ހުޅުމާލޭގެ އެކި ތަންތަން ބަލައި ފާސްކޮށްފަ އެވެ. މަސްތުވާތަކެތި ހޯދީ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެެވެ.
ފުލުހުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ވަނީ ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން 100 ކިލޯގެ މަސްތުވާތަކެއްޗާއި އަދި އައްޑޫން ވެސް ހަމަ އެ މަހުގެ ތެރޭގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފަ އެވެ.