މަސްތުވާތަކެތި

215 ކިލޯގެ ޑުރަގް އަތުލީ ޅާނބުގަލިން

Oct 19, 2021

މިދިޔަ ހުކުރު ދުވަގެ ރޭ ފުލުހުން ހިންގި އޮޕަރޭޝަނުގައި 215 ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފައި ވަނީ ރ. ޅާނބުގަލިން ކަމަށް އަވަސް އަށް އެނގިއްޖެ އެވެ.

ޅާނބުގައްޔަކީ ރ. އަތޮޅުގެ ފަޅުރަށެކެވެ. އެ ރަށާ އެންމެ ގާތުގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ މަޑުއްވަރީ އެވެ. ކުރިން އާންމު ފަރާތަކަށް ޅާނބުގަލި ލީސް ކުރި ނަމަވެސް މިހާރު އެ ރަށް އޮތީ ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގަ އެވެ.

އެރަށުން ފުލުހުން އަތުލައިގެންފައި ވަނީ 215 ކިލޯގެ ހެރޮއިން އެވެ. އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ ދެ މީހުންގެ ވަނަވަރު ހާމަ ކުރިއިރު މަސްތުވާތަކެތި ފޮރުވާފައި ހުރި ރަށާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދ މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ރ. މަޑުއްވަރީ ފިނިފަރު، އަލީ ޝާކިރު 42، އާއި ރ. މަޑުއްވަރީ ފެހިއަލި، ނިމާލް އަބްދުލް ހާރިސް 33، އެވެ. މި މީހުންގެ ބަންދަށް މިހާރު ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ދުއިސައްތަ ފަނަރަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ދެ މީހަކު ހައްޔަރު ކޮށްފައި ވާއިރު މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި އިތުރު 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ ތުހުމަތުކުރެވޭ 10 މީހަކު ފުލުހުން ހައްޔަރުކުރި އެވެ. ނަމަވެސް އެ މައްސަލައިގައި ހައްޔަރުކުރި މަސްތުވާތަކެތީގެ ބޮޑުން ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ކޯޓުން ވަނީ ދޫކޮށްލާފަ އެވެ.

މި އޮޕަރޭޝަންގައި ފުލުހުން ވަނީ ބައެއް ފަޅުރަށްތަކާއި މާލެ އާއި ހުޅުމާލޭގެ އެކި ތަންތަން ވެސް ބަލައި ފާސްކޮށްފަ އެވެ.