މާލޭ ވެސްޓް ކޯސްޓްގައި ހަދާ އާ އާޓިފިޝަލް ބީޗް، ނުވަތަ މާފަންނު އާޓިފިޝަލް ބީޗްގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ އިރު އެމްއާރްޑީސީ އާއި އެމްޑަބްލިޔުއެސްސީގެ ޓީމްތަކުން ވެސް ދަނީ ބީޗް ފުރިހަމަ ކުރުމަށް ކުރަންޖެހޭ ކަންކަން ބާރަށް ކުރަމުންނެވެ. ނަމަވެސް ސަލާމާތީ ސަބަބުތަކަށްޓަކައި އެ ސަރަހައްދު ވަނީ ބަންދުކޮށްފައި އޮތުމުން މަސައްކަތްދާގޮތް މީހުންނަށް އަދި ފެންނަވަރެއް ނުވެއެވެ. އެހެން ނަމަވެސް ޝައުގުވެރި މަސައްކަތެކެވެ.
ވަރަށް ގިނަ ބަޔަކު ބީޗް ނިންމާ ހުޅުވާނެ ދުވަހަކަށް އަދި އޭގެ ކުރިން ވެސް މަންޒަރުތައް ބަލައިލުމަށް ޝައުގުވެރިވާއިރު އަވަސްގެ ނޫސްވެރިން ވަނީ އާ އާޓިފިޝަލް ބީޗްގެ މަސައްކަތް ހިނގަމުންދާ ގޮތް ޑްރޯން ބޭނުކޮށް ބަލާފަ އެވެ.
ވެސްޓް ކޯސްޓްގައި ހަދާ އާ އާޓިފިޝަލް ބީޗަކީ ރާއްޖޭގައި މިހާތަނަށް ހަދާ އެފަދަ އެންމެ ފުރިހަމަ ބީޗް ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަންނަ ޖެނުއަރީ މަހުގެތެރޭގައި ބޭނުން ކުރަން ފެށޭވަރު ކުރުމަށް އަމާޒު ހިފާފައިވާ އާ އާޓިފިޝަލް ބީޗުގައި އާއްމުންނަށް ފެންވެރޭ ގޮތަށް ފާހާނާ ބަރިތަކެއް ހެދުމަށް މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ކުރަމުން އަންނަ އިރު ބީޗާ ގުޅިގެންދާ ބޮޑުތަކުރުފާނުގެ މަސައްކަތް އެމްއާރްޑީސީން ދަނީ ކުރަމުންނެވެ.
އާ ބީޗްގައި ދެ ޖިންސްގެ މީހުން ފެންވަރާ އަދިއެއްޗެހި ބަދަލުކުރުމުގެ ޒަމާނީ ފެސިލިޓީސް ގާއިމުކުރާއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ޑިޒައިންކޮށްފައިވާ ވަކި ފެސިލިޓީއެއްވެސް ގާއިމް ކުރެ އެވެ.
މީގެ އިތުރުން "މަދާކެއާ" އޭރިއެއްވެސް ހިމެނޭ ގޮތަށް ހަދާ ބީޗްގައި ހިދުމަތް ހޯދާ މީހުންނަށް ހާއްސަ ރެސްޓޯރެންޓަކާއި ލޮކަރުގެ ހިދުމަތަތާއި އޯޕަން ޝަވަރާއި ބެންޗްތައް ހިމެނޭއިރު މޫދަށް އެރޭ ފަރާތްތަކުގެ ސަަލާމަތާއި ރައްކާތެރިކަމަށްޓަކައި ފުރިހަމަ "ލައިފް ގާޑް" ސްޓޭޝަނެއް ވެސް ގާއިމް ކުރެ އެވެ.