އިންޑިއާއިން އަށްވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފި އެވެ.
އުރީދޫ ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި މިރޭ ނޭޕާލާއި ދެކޮޅަށް ވާދަކޮށް އިންޑިއާއިން މުބާރާތް ކާމިޔާބު ކުރީ 2-0 ގެ ނަތީޖާ އަކުންނެވެ.
ގަލޮޅު ރަސްމީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ އިންޑިއާ ޓީމުންނެވެ. އިންޑިއާ ޓީމުން ގިނަ ހަމަލާ ތަކެއް އުފެއްދި އިރު، ފުރަތަމަ ހާފުގައި ސުނިލް ޗެތުރީ އާއި ޔާސިރުގެ އިތުރުން ސުރޭޝް އުފެއްދި ހަމަލާތައް ދިފާއު ކުރީ ނޭޕާލްގެ ކީޕަރު ކިރަން އެވެ. ހާފު ނިމެން ދަނިކޮށް ޗެތުރީއަށް އޭރިއާ ތެރެއިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް ވަނީ އޭގެ ބޭނުން ނުހިފި ބޭކާރު ވެފަ އެވެ.
ނޭޕާލުން އުފެއްދި ހަމަލާ ތަކުގެ ތެރެއިން ނަވަޔުގުގެ ހަމަލާ ދަނޑިއަށް އަމާޒުވި އިރު، ރޯހިތު ޗާންދަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ނުހިފުނީ ވާރޭވެހިފައި އޮތުމުގެ ސަބަބުން އޭނާ ކައްސާލުމުންނެވެ. ބޯ ވާރޭ ތެރޭގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
އިންޑިއާގެ ދެ ގޯލު ވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގަ އެވެ. ޕްރިތަމް ކޮޓާލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން އިންޑިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ އެވެ. ދެވަނަ ގޯލަކީ ޔާސިރު މުހައްމަދު ދިން ބޯޅައަކުން ނޭޕާލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ސުރޭޝް ސިންހް އެވެ.
މިރޭގެ މެޗުގައި ޗެތުރީ ޖެހި ގޯލާއި އެކު އޭނާ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންގެ ފަސް ވަނައަށް އަރާފަ އެވެ. ޖުމްލަ 80 ގޯލާއި އެކު ރޭންކިންގެ ފަސް ވަނައިގައި އޮތީ އާޖެންޓީނާގެ ތަރި ލައިނަލް މެސީ އާއި ޗެތުރީ އެވެ.