ބޮލީވުޑްގެ އެންމެ މަގްބޫލު އެއް ޖޯޑު ކަމަށްވާ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަށް ދަރިއަކު ލިބެން އުޅޭ ކަމަށް ވަރަށް ގިނައިން އަޑުތައް ފެތުރެ އެވެ. އަދި މި ފަހަކުން މި އަޑުތައް މާ ގަދަވެގެން އުޅެނީ މި ދެ ތަރިން ހިންދޫޖާ ހޮސްޕިޓަލުގެ ބޭރުން ފެނިގެންނެވެ.
މި ދެމަފިރިން ހޮސްޕިޓަލުގެ ބޭރުގައި ތިއްބާ ނަގާފައިވާ ފޮޓޯތަކެއް އިންޓަނެޓުގައި ވައިރަލްވުމާއެކު އެމީހުންގެ ހުރިހާ ފޭން ކްލަބުތަކުން މިކަމާ ވަރަށް އުފާ ފާޅުކޮށްފައި ވެއެވެ. ނަމަވެސް ފޭނުން އުފާ ކުރަމުން ދަނިކޮށް ރަންވީރާއި ދީޕިކާ ވަނީ އެމީހުންގެ އަމިއްލަ އިންސްޓްގްރާމް އެކައުންޓްތަކުން ޝެއާކުރި މެސެޖުތަކެއްގައި މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ބުނެފަ އެވެ.
ނަމަވެސް އެންމެ ފަހުން މި ދެކެވެމުންދާ ވާހަކަ އަކީ މިގޮތަށް ހީވާ ހީވުމަށް ބަޔަކު ދައްކާ ވާހަކައެއް ނޫނެވެ. ރަންވީރު ދައްކައިގެން އުޅޭ ވާހަކަ އެކެވެ. ރަންވީރު ހޯސްޓްކުރާ އަލަށް ފަށާ ޓީވީ ޝޯ "ދަ ބިގް ޕިކްޗާޒް" ދައްކަން ފެށުމުގެ ކުރިން އިންޓަނެޓުގައި ލީކުވެފައިވާ މި ޝޯގެ ވީޑިއޯއެއްގައި ޝޯގެ ބައިވެރިއެއް ކަމަށްވާ އަބޭ ސިންގް ކައިރީ ރަންވީރު ބުނަނީ އޭނާގެ އަލަތު ދަރިފުޅަށް ކިޔާނެ ނަމެއް ޝޯޓްލިސްޓް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާ އާއި ދީޕިކާ ދަރިއަކު ހޯދަން ގަސްތު ކުރަނީ އަދި 2-3 އަހަރު ފަހުން ކަމަށް ވެސް މި ވީޑިއޯގައި ރަންވީރު ބުނެ އެވެ.
ރަންވީރު ފުރަތަމަ ބޭނުމީ ދީޕިކާ އާ ވަރަށް ވައްތަރު އަންހެން ދަރިއެއް ކަމަށް ވެސް ވައިރަލް ވެގެން އުޅޭ ވީޑިއޯގައި އޭނާ ބުނެ އެވެ.
ރަންވީރަކީ ހުނަރުވެރި އެކްޓަރެއް ނަމަވެސް އޭނާ ޝޯއެއް ހޯސްޓްކުރާ މިއީ ފުރަތަމަ ފަހަރު ކަމަށް ވަރަށް ހިތް ނުތަނަވަސް ވެފައިވާ ކަމަށް ރަންވީރުގެ އިންޓަވިއު އެއްގައި ވަނީ ބުނެފަ އެވެ. އަދި އަދި އޭނާ ހިތްހަމަޖައްސައި ދޭން އަންހެނުން ދީޕިކާ ވަރަށް ހިތްވަރު ދޭ ކަމަށް ވެސް ޝޯ ލޯންޗު ކުރުމުގެ ގޮތުން ދިން އިންޓަވިއު އެއްގައި ރަންވީރު ބުންޏެވެ. ރަންވީރު އާއި ދީޕިކާ ކައިވެނި ކޮށްފައި ވަނީ ނޮވެމްބަރު 2018 ގައެވެ.