ބޮލީވުޑް

ރަންވީރު ކިބައިގައި ހުރި ދީޕިކާ ރުޅިއަންނަ ސިފަ

ބޮލީވުޑްގެ މަޝްހޫރު ޖޯޑު ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގުގެ ގުޅުމަށް 10 އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އެ ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުން އުފެދުނީ 2013 ގައި ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީގެ "ގޯލިއޯން ކީ ރަސްލީލާ – ރާމް – ލީލާ"ގެ ޝޫޓިންގް ކުރިޔަށް ދިޔަ އިރު އެވެ.

ލޯބީގެ ގޮތުން ގުޅިގެން ހަ އަހަރު ދުވަހު އުޅުމަށް ފަހު އެ މީހުން ކައިވެނިކުރީ 2018 އިގެ ނޮވެމްބަރު މަހު އެވެ.
ދީޕިކާގެ އާ ފިލްމު "ގެހެރާއިޔާން" ރިލީޒް ކުރުމާ ދިމާކޮށް އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ދީޕިކާ ވަނީ ފިރިމީހާ ރަންވީރު އާ ބެހޭ ގޮތުން ވެސް ވަރަށް ގިނަ ވާހަކަތައް ޝެއާ ކޮށްފަ އެވެ.

ރަންވީރަކީ ހުރިހާ ގޮތަކުން ވެސް ޕާފެކްޓް ފިރިއެއް ކަމަށް ދީޕިކާ ގަބޫލު ކުރި ނަމަވެސް އޭނާގެ ކިބައިގައި ވެސް ހިތްހަމަ ނުޖެހޭ ކަންތައްތަކެއް ހުންނާނެ ނޫންހޭ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ދިޕިކާ ބުނީ އޭނާ ރުޅިއަންނަ ކަހަލަ ނުވަތަ ހިތްހަމަ ނުޖެހޭ މާ ގިނަ ކަންތައްތަކެއް ރަންވީރު ނުކުރާ ކަމަށެވެ. ނަމަވެސް ރަންވީރު ކުރާ އެއް ކަމަކާ ކުޑަކޮށް ހިތްހަމަނުޖެހޭ ގޮތް ވާ ކަމަށް ދީޕިކާ އެއްބަސްވި އެވެ.

"އޭނަ ކަނީ މާ އަވަހަށް. އަހަރެން ދެ ސަމުސާގެ އެއްޗެހި ކާންވާއިރަށް އޭނާ މުޅި ތަށި ސާފު ކޮށްލައިގެން އިންނާނީ. އެއީ ވަރަށް ވަރަށް ހިތްހަމަ ނުޖެހޭ ކަމެއް. އަހަރެން ހިތްހަމަ ނުޖެހޭ އެނޫން އެއްވެސް ކަމެއް އޭނާ ނުކުރޭ. އަދި އަހަންނަށް އުނދަގޫވާ ޒާތުގެ އެއްވެސް ކަމެއް ވެސް ނުކުރާނެ،" ދީޕިކާ ބުންޏެވެ.

ދީޕިކާ ބުނި ގޮތުގައި އޭނާއަށް ރަންބީރު ދެކެ ހިފެހެއްޓުމެއް ނެތި ލޯބި ވެވުނީ ރަންވީރުގެ ރަނގަޅު ކަމުންނެވެ. އޭނާއަކީ ވަރަށް ސެންސިޓިވް އަދި އެހާމެ ކެއާ ކުރާ ފިރިއެއް ކަމަށް ދީޕިކާ ބުންޏެވެ.