ލައިފްސްޓައިލް

މރ.ބީން އާ ވައްތަރުކަމުން މަޝްހޫރުވި އިޓަލީ ދެބަފައިން

މިސްޓަ ބީން ނޭނގޭ މީހެއް ދުނިޔޭގައި ވަރަށް މަދުވާނެ އެވެ. އަހަރެމެން އެންމެންނަށް ވެސް މިސްޓަ ބީންގެ ފިލްމުތައް ވަރަށް މަޖަލެވެ. މި ހެއްވާ މަޖާ ކެރެކްޓާ ކުޅެފައިވަނީ އިނގިރޭސި ވިލާތުގެ ކޮމިކް އެކްޓަރު ރޯވަން އަޓްކިންސަން އެވެ.

މިސްޓަ ބީންގެ އަނގައިން އެންމެ ބަހެއް ބޭރު ނުވިޔަސް އޭނާ ކުރާ މަޖާ ކަންތައް ތަކުން ހީނ ހީނ ބަނޑުގައި ގޮއްލާވަރު ވެއެވެ.

އަޓްކިންސަން މިސްޓަ ބީންގެ ރޯލު ކުޅެން ފެށީ 1990 ގެ އަހަރު ތަކުގަ އެވެ. އޭރު އޭނާއަކީ އޮކްސްފޯޑް ޔުނިވަސިޓީގައި ޑިގްރީއަށް ކިޔަވަމުންދިޔަ ދަރިވަރެކެވެ.

އެ ދުވަސްވަރު މިސްޓަ ބީންގެ މަޝްހޫރުކަން ބޮޑު ވެގެން ގޮސް ސިޓްކޮމް އާއި ފިލްމުތައް އަދި އެނިމޭޓެޑް ސީރީޒްތަކާއި ކާޓޫނު ފޮތްތައް ވެސް މިސްޓަ ބީންގެ ނެރެފައި ވެއެވެ. ނަމަވެސް މިހާރު އުމުރުން 66 އަހަރު ވެފައިވާ އަޓްކިންސަން އެއްގޮތަކަށް ވެސް މިސްޓަ ބީންގެ ކެރެކްޓާ ކުޅޭހިތެއް ނުވެ އެވެ. އޭނާއަކަށް މިހާރު އެ ކެރެކްޓާ އެހާ ޝައުގުވެރިއެއް ނޫނެވެ.

ފަބިއޯލާ އާއި އޭނާގެ ބައްޕަ މިސްޓަ ބީން ޖައްސަ ވައްތަރުތައް ޖައްސަން ވަރަށް މޮޅު

ނަމަވެސް މިސްޓަ ބީންގެ ފޭނުން މާޔޫސްވާކަށް ނުޖެހޭނެ އެވެ. އަޓްކިންސަން އާ ވަރަށް ވައްތަރު އިޓަލީ މީހަކާއި އޭނާގެ ދަރިފުޅު މިސްޓަ ބީން ޖައްސާ ވައްތަރުތައް ޖައްސައިގެން މީހުން މުނިފޫހިފިލުވައިދިނުމުގެ މަސައްކަތް ޓިކްޓޮކް އާއި އިންސްޓަގްރާމްގައި ކުރަމުންދާތީ އެވެ.

ފަބިއޯލާ ބަގްލިއޭރީ އާއި އާނަލްޑޯ މަންގިނީ ހަމަ ހަގީގަތުގައި ވެސް މިސްޓަ ބީން އާ ވަރަށް ވައްތަރެވެ.

ފެބިއޯލާ، 18، ސޯޝަލް މީޑީއާގައި މަޝްހޫރުވެ އޭނާ ފޮލޯ ކުރާ މީހުން އެތައް ހާހެއް އިތުރުވީ މިސްޓަ ބީން ޖައްސާ ކަހަލަ ވައްތަރުތައް ޖައްސަން އޭނާ ކުޅަދާނަ ކަމުންނެވެ. އަދި އޭނާ މި ވައްތަރު ޖައްސާފައި ހުންނަ ވީޑިއޯތައް އަބަދު ޝެއާ ކުރަމުންދާތީ އެވެ. ފަބިއޯލާ އާއެކު މި ވީޑިއޯތަކުގައި ބައިވެރި ވަނީ އޭނާގެ ބައްޕަ އާނަލްޑޯ އެވެ. މިސްޓަ ބީންގެ ރޯލު އަޓްކިންސަން ކުޅެފައިވަނީ ވަރަށް ޒުވާން އުމުރުގަ އެވެ. އާނަލްޑޯ އަށް ބަލާލުމުން ހީވަނީ އަޓްކިންސަން އަނެއްކާ ޒުވާން ވެފައި ހުރީ ހެންނެވެ. އެހާވެސް އޭނާ އާއި އަޓްކިންސަން ވައްތަރެވެ.

ފެބިއޯލާގެ ދެބަފައިން ވަނީ މިސްޓަ ބީންގެ ވާހަކައަށް އިތުރު ޓުވިސްޓެއް ގެނެއްސަ އެވެ. ފެބިއޯލާ ޖޯކަކަށް ހަދާފައި ބުނާ ގޮތުގައި އޭނާއަކީ މިސްޓަ ބީންގެ 18 އަހަރުގެ ދަރިފުޅެވެ.

ފެބިއޯލާ މިހެން ބުނުމުން އިންޓަނެޓުގައި އެއްބަޔަކު ހީކުރީ ފެބިއޯލާ އަކީ އަޓްކިންސަންގެ އަސްލު ދަރިއެއް ކަމަށެވެ. އެހެންވެ ބައްޕަ އާއެކު ވީޑިއޯތަކެއް ކުޅެފައި ޝެއާކުރުމަށް ބައެއް މީހުން ފެބިއޯލާ ކިބައިން އެދެން ފެށި އެވެ. ނަމަވެސް ހަގީގަތުގައި ފެބިއޯލާ އަކީ އަޓްކިންސަންގެ ދަރިއެއް ނޫނެވެ. އަޓްކިންސަން އާ ވައްތަރު އާނަލްޑޯގެ ދަރިއެކެވެ.

މިސްޓަ ބީންގެ ފިލްމުތަކުގައި އޭނާގެ ދަރިއަކު ނުހުރެ އެވެ. ނަމަވެސް މިފަހަރު މި އޮތީ މިސްޓަ ބީން އޭނާގެ 18 އަހަރުގެ ދަރިފުޅާއެކު އުޅޭ މަޖާ ދިރިއުޅުން ބަލާލާނެ ފުރުސަތެއް ވެސް ލިބިފަ އެވެ.