ލައިފްސްޓައިލް

31 އަހަރު ކޯމާގައި އޮތް އަނބިމީހާއާއެކު ސާބިތުކަމާއެކު ހުރި ފިރިހެނެއް

އިޓަލީގެ ރަށެއްގައި ދިރިއުޅުނު މިރިއަމް ވިސިންޓިން ދުއްވި ކާރު ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެ އޭނާގެ ސިކުނޑިއަށް ލިބުނު ބޮޑެތި ޒަޚަމްތަކުގެ ސަބަބުން ކޯމާއަށް ދިޔައީ 1991 ވަނަ އަހަރުގެ ޑިސެމްބަރު ފަހުކޮޅު އެވެ. އެ ވަގުތުން ފެށިގެން 31 އަހަރުގެ ދިގު މުއްދަތެއްގައި މިރިއަމް ކޯމާގައި އޮތެވެ.

މިރިއަމް މަރުވެފައިވަނީ މި ހިނގާ މޭ މަހުގެ 10 ވަނަ ދުވަހު އިޓަލީގެ ސެން ބެސިއާނޯ ހޮސްޕިޓަލުގަ އެވެ. އޭގެ ކުރިން އޭނާ އޮތީ ދިގު މުއްދަތަކަށް ފަރުވާ ދޭން ޖެހޭ ބަލި މީހުން ބައިތިއްބާ ކެއާ ހޯމް އެއްގަ އެވެ. ނަމަވެސް މީގެ ދެ މަހެއްހާ ދުވަސް ކުރިން މިރިއަމްގެ ފުއްޕާމޭގައި މާބޮޑަށް ފެން ހެދިގެން މި ހޮސްޕިޓަލަށް ބަދަލުކުރީ އެވެ.

މިރިއަމް ދެކެ އޭނާގެ ފިރިމީހާ އެންޖެލޯ ފެރީނާ އިންތިހާއަށް ލޯބިވި އެވެ. މިރިއަމް ކޯމާއަށް ދިޔައީ ދެ މީހުން ކައިވެނި ކުރިތާ ދޮޅު އަހަރެއްހާ ދުވަސް ވީތަނާ އެވެ. އެއާއެކު ޒުވާން ދެމަފިރިންގެ ހުރިހާ ހުވަފެންތަކެއް ފުނޑުފުނޑުވެގެން ދިޔައީ އެވެ. ނަމަވެސް ފާއިތުވީ 31 އަހަރު ތެރޭގައި ފެރީނާ ވަނީ އޭނާގެ އަންހެނުން ކައިރިއަށް ކޮންމެ ދުވަހަކު ގޮސް އަންހެނުންނާއެކު ވަގުތު ހޭދަކޮށްފަ އެވެ. ބައެއް ދުވަސްދުވަހު އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް އޭނާ އަންހެނުން ކައިރިއަށް ގޮސް އިނދެ އެވެ.

"ލަންޗް ބްރޭކަށް ލިބޭ ވަގުތުކޮޅުގެ ތެރެއިން 15 ވަރަކަށް މިނިޓް ކޮންމެ ދުވަހަކުވެސް ހޭދަކުރަނީ އަންހެނުންނާ އެކުގައި. އަދި ބައެއް ދުވަސްދުވަހު އޮފީސް ނިންމާފައި ވެސް އަންހެނުން ކައިރިއަށް ގޮސް ވަރަށް ގިނަ އިރު އޭނާއާއެކު ހޭދަކުރަން،" ފެރީނާ ބުންޏެވެ.

ވަރަށް ޅަ އުމުރުއްސުރެ ލޯބިވެގެން އުޅެފައި ކައިވެނި ކުރި މި ދެމަފިރިންގެ ކައިވެންޏަށް 33 އަހަރު ފުރިފައި ވިޔަސް 31 އަހަރު ފެރީނާގެ އަނބިމީހާ އޮތީ ކޯމާގަ އެވެ. ނަމަވެސް އޭނާ ދޫކޮށްލުމުގެ ޚިޔާލެއް ނުވަތަ އެހެން މީހަކާ ގުޅުމުގެ ޚިޔާލެއް ފެރީނާގެ ނެތެވެ. ފާއިތުވީ 31 އަހަރުގެ ތެރެއިން ޕެންޑެމިކްގެ ސަބަބުން ނާދެވިގެން ހޮސްޕިޓަލަށް ޒިޔާރަތް ނުކުރެވުނު ދުވަސްތައް ފިޔަވައި އެހެން ހުރިހާ ދުވަހަކު އޭނާ އަންހެނުންނަށް ޒިޔާރަތްކޮށް ވަގުތު ހޭދަކޮށްފައި ވެއެވެ.

އެންމެ ފަހުން އަންހެނުން މަރުވި ދުވަހަކީ ފެރީނާގެ ހިތް ކުދިކުދިވީ ދުވަހެކެވެ. ހޭ ނާރާ އޮތަސް އަންހެނުން އޭނާގެ ލޯމައްޗަށް ފެންނަން އޮތުމަކީ ފެރީނާއަށް ލިބުނު ހިތްހަމަޖެހުމެކެވެ.

"އަންހެނުންނަށް ރޫހަށް ހަމަޖެހުން ލިބިއްޖެ. އެހެންވީމާ އެކަމާ އުފާ ކުރަން،" ފެރީނާ ބުންޏެވެ.

އިރު އަރަންދެން ވެސް ފެރީނާގެ އަންހެނުން ދުނިޔޭގައި ނޯންނާނެ ކަމަށް އެކްސިޑެންޓްވީ ރޭ ޑޮކްޓަރުން އޭނާ ކައިރީ ބުންޏެވެ. ސަބަބަކީ އޭނާގެ ސިކުނޑިއަށް ލިބުނު ގެއްލުމަކީ ސާޖަރީއެއް ހަދައިގެން ވެސް ރަނގަޅު ކުރެވޭ ކަހަލަ ގެއްލުމަކަށް ނުވީމަ އެވެ.

"އަހަރެން އޭނާއާ ކައިވެނިކުރިއިރު ވައުދުވިން ހަޔާތުގައި ދިމާވާ ހިތާމަތަކާއި އުފާތަކުގައި އޭނާއާ އެކުގައި ހުންނަން. އެހެންވެ އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އަހަރެން ހުރީ އޭނާއާ އެކުގައި،" ފެރީނާ ބުންޏެވެ.