ބަލާބެލުމަށް އެއީ ޓޭޕްކޮޅެއް ލާފައި ފާރުގައި ހަރުކޮށްފައި އިން ދޮންކެޔޮ ވަކެކެވެ. ނަމަވެސް އަސްލު އެއީ އިޓަލީގެ ވިޝުއަލް އާޓިސްޓް މައުރީޒިއޯ ކެޓެލާންގެ ވަރަށް އަގުހުރި އާޓް ޕީސް އެކެވެ. މިއީ 120،000 ޑޮލަރުގެ އަގުހުރި އާޓް ޕީސް އެކެވެ.
ސައުތު ކޮރެއާގެ ސޯލްގެ ލީއުމް މިއުޒިއަމް އޮފް އާޓްގެ ފާރެއްގައި ހަރުކޮށްފައި ހުރި އާޓް އިންސްޓޮލޭޝަން ފެނިފައި އެ މައުރަޒަށް ޒިޔާރަތްކުރި ސޯލް ނެޝަނަލް ޔުނިވަސިޓީގެ ދަރިވަރަކަށް އެއީ އެހާ އަގުހުރި އަގު މޮޅު އާޓް ޕީސް އެއް ކަމެއް ވިސްނާލާކަށް ނޭނގުނެވެ. ބަނޑުހައިވެފައި ހުރި ވަރުން އޭނާ އެ ދޮންކެޔޮވައް ނައްޓާލައިގެން ކާލީ އެވެ. އަދި އެވަރުން ނުވެގެން އޭގެ ތޮށިގަނޑު އަލުން އެތަނުގައި ޑަކްޓް ޓެޕް ލާފައި ތަތް ކޮށްފައި މި ދަރިވަރު އަވަހަށް އެތަނުން ދިޔައީ އެވެ.
މި ކުއްޖާ ދޮންކެޔޮވައް ނައްޓާލައިގެން ކާލަނިކޮށް ވީޑިއޯކޮށް ސޯޝަލް މީޑީއާގައި ޕޯސްޓްކުރީ އޭނާއާ އެކު މިއުޒިއަމަށް ދިޔަ އެކުވެރިންނެވެ.
މިއުޒިއަމްގެ ފާރެއްގައި ހަރުކޮށްފައިވާ މި ދޮންކެޔޮވައް ނޯހް ހުޔިން-ސޫ ނަމަކަށް ކިޔާ މި ދަރިވަރު ނައްޓާލައިގެން ކާލުމަށްފަހު އޭގެ ތޮށީގަނޑު ޑަކްޓް ޓޭޕް ލައިގެން އެ ތަނުގައި ހަރުކުރާ ތަން ވެސް ވީޑީއޯއިން ފެނެ އެވެ. އަދި އެ މަންޒަރު ބަލަން މިއުޒިމަށް ޒިޔާރަތްކުރި ގިނަ ބަޔަކު ތިބިއިރު އެ ކުއްޖާ ދޮންކެޔޮވައް ކާލައިގެން ވަރަށް ހަމަޖެހިލާފައި އުފަލުން ހެމުން އެތަނުން ދާތަން ވެސް ވީޑީއޯގައި ފެނެ އެވެ.
ސައުތު ކޮރެއާގެ މީޑީއާ އިން ބުނި ގޮތުގައި ފަހުން މިއުޒިމުން ވަނީ އެ ތޮށިގަނޑު ނަގައި އެތަނުގައި އަނެއްކާވެސް ތާޒާ ދޮންކެޔޮވަކެއް ހަރުކޮށްފަ އެވެ.
މިއުޒިއަމްގެ އޮފިޝަލަކު ވަނީ މިއީ ހިނގި ކަމެއް ކަން ޔަގީން ކޮށްދީފަ އެވެ. އޭނާ ބުނި ގޮތުގައި އެ ކުއްޖާ ދޮންކެޔޮވައް ކާލީ "ބަނޑުހައިވެގެން"ކަމަށް ބުނެފައިވާ ކަމަށެވެ.
އޮފިޝަލު ބުނި ގޮތުގައި ކުއްޖާ އެކަން ކުރުން ހުއްޓުވަން އެއްވެސް ކަމެއް އެވަގުތު ނުކުރެވުނީ އޭނާގެ ހަރަކާތްތައް ހުރިލެއް އަވަސްކަމުން އެކަން ހިނގައިދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކަމަށް ވާތީ އެވެ.
އާޓިސްޓް މައުރީޒިއޯ އަށް ވެސް މި ހާދިސާގެ ޚަބަރު ދީފައިވާ ކަމަށާއި ނަމަވެސް އޭނާ މިކަމާ އެއްވެސް އެއްޗެއް ނުބުނާ ކަމަށް ވެއެވެ.
އެމެރިކާގެ މިއާމީގެ އާޓް ބަސެލްގައި 2019 ވަނަ އަހަރު ވެސް މިފަދަ ހާދިސާއެއް ހިނގި އެވެ. އެ ފަހަރު ޕާފޯމަންސް އާޓިސްޓެއް ކަމަށްވާ ޑޭވިޑް ޑަޓުނާ ވެސް ވަނީ ފާރުގައި ހަރުކޮށްފައި ހުރި ދޮންކެޔޮވަކެއް ނައްޓާލައިގެން ކާލާފަ އެވެ. އޭނާ މި ދޮންކެޔޮވައް ކާލާފައިވަނީ 120،000ޑޮލަރަށް މި އާޓްވޯކް ވިކިފައި ވަނިކޮށެވެ.