ސައުތު ކޮރެޔާ މަތިން ދަތުރުކުރަމުން ދިޔަ އާޝިއާނާ އެއާލައިންސްގެ ފްލައިޓެއްގެ އިމަޖެންސީ ދޮރު ކުއްލިއަކަށް ފަސިންޖަރަކު ހުޅުވުމުން ބޯޓުގައި ތިބި އެންމެން ނުރައްކަލަށް ހުށަހެޅިއްޖެ އެވެ.
ނަން ހާމަ ކޮށްފައި ނުވާ މި ފަސިންޖަރު އިމަޖެންސީ ދޮރު ހުޅުވާފައި ވަނީ ސައުތު ކޮރެޔާގެ ޑައެގޫ އިންޓަނޭޝަނަލް އެއާޕޯޓަށް ބޯޓު ޖައްސަން ތައްޔާރުވަމުން ދަނިކޮށެވެ.
އާޝިއާނާ އެއާލައިނުން ރިލީޒްކޮށްފައިވާ ވީޑީއޯއެއް މިހާރު ވައިރަލް ވެފައިވާއިރު ވީޑީއޯ އިން ފެންނަނީ ފްލައިޓް އެތައް ހާސް ފޫޓެއް މަތީގައި އޮއްވާ ކޮރެއާގެ ފަސިންޖަރު ބޯޓުގެ އިމަޖެންސީ ދޮރު ހުޅުވާ މަންޒަރެވެ.
މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ބޯޓުގައި ތިބި މީހުންނަށް ބޮޑު ބިރުވެރިކަމެއް ކުރިމަތިވި އެވެ. އަދި ބައެއް ފަސިންޖަރުންނަށް އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
މި ހާދިސާއަކީ ވަރަށް ނުރައްކާތެރި ހާލަތެއް ބޯޓަށް ކުރިމަތިވެދާނެ ފަދަ ހާދިސާއަކަށް ވިޔަސް މީހެއްގެ ފުރާނަ ނުގޮސް އަދި ބޯޓަށް ވެސް ގެއްލުމެއް ނުލިބި ބޯޓު ވަނީ ރައްކާތެރިކަމާއެކު ރަންވޭގައި ޖައްސާފަ އެވެ.
އެއާބަސް އޭ321-200ގެ މި މަތިންދާބޯޓުގައި އެވަގުތު 200 ފަސިންޖަރުން ތިއްބެވެ. އެ މީހާ އިނީ ބޯޓުގެ އިމަޖެންސީ އެކްސިޓްގައި ކަމަށާއި ބޯޓު ޖައްސަން ތިރިކުރަނިކޮށް ކުއްލިއަކަށް އޭނާއަށް އިމަޖެންސީ ދޮރު ހުޅުވާތަނަށް ފިތާލެވި ދޮރު ހުޅުވުނީ ކަމަށް ވެއެވެ.
ކުއްލިއަކަށް ބޯޓުގެ ދޮރު ހުޅުވުމުން ބާރު ސްޕީޑުގައި ވައިތައް ބޯޓު ތެރެއަށް ވަނުމާއެކު ބައެއް މީހުންނަށް ނޭވާލާން ދަތިވި އެވެ. އަދި ބޯޓު ޖެއްސުމުން އެމީހުން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފަ އެވެ.
ނުވަ މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ސައުތު ކޮރެޔާގެ ނޫސްތަކުން ބުނެފައި ވެއެވެ. އަދި ދޮރު ހުޅުވި ފަސިންޖަރު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާ ދޮރު ހުޅުވި ސަބަބު ސާފުކުރަން ފުލުހުން އޭނާއާ މިހާރު ސުވާލުކުރަމުންދާ ކަމަށް ވެސް މި ޚަބަރުގައި ބުނެފައި ވެއެވެ.